މުއިއްޒު ވެރިކަމަށް ނައި ނަމަ، ދެ ލައްކަ މީހުންނަށް ބޯހިޔާވަހިކަން ލިބުނީސް: އެމްޑީޕީ

އެމްޑީޕީގެ ވެރިކަމުގައި ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ދޭން މަޝްރޫއުތައް ފެށި ކަމަށާއި ވެރިކަމަށް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިނުގެންނެވި ނަމަ، އެ އެންމެންނަށް ބޯހިޔާވަހިކަން ލިބުނީސް ކަމަށް އެމްޑީޕީން ބުނެފި އެވެ.
ވީ ކިހިނެއް؟- އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީގުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން، އިގްތިސޯދީ ގޮތުން މުޅި ދުނިޔެ ދަށަށް ގޮސްފައިވަނިކޮށް އެމްޑީޕީގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ، ވައުދުވެފައިވާ ވަރަށް ވުރެ ފުރިހަމައަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
އެމްޑީޕީގެ ސަރުކާރުން ހުޅުމާލޭ ސަރަހައްދުގައި 7،000 ފްލެޓް އަޅަން ނިންމައި، 4،000 ފްލެޓްގެ މަސައްކަތް ވަނީ ނިންމާފައި
އަދި 3،000 ފްލެޓްގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް، އިތުރު 1،000 ފްލެޓް އެޅުމަށް ވެސް ބަޔަކަށް ހަވާލުކުރި
އޭގެ އިތުރުން މާލެ ކައިރީގެ ފަޅުތަކާއި ފަރުތައް ހިއްކައި، 5،000 ގޯތި ދިނުމަށް ނިންމި
"އެމްޑީޕީން ވައުދުވީ މާލޭ ސަރަހައްދުގައި 7،000 ފްލެޓް އަޅައިދޭން. އެކަމަކު ވައުދުވި ވަރަށް ވުރެ މާ ރަނގަޅަށް، 11،000 ފަރާތަކަށް ފްލެޓް ލިބޭނެކަން ނުވަތަ ޝަރުތު ހަމަވާކަން އިއުލާންކޮށް ކަށަވަރުކޮށްދިނިން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު އެމްޑީޕީން ފަހިކޯށްދިން ކަމަށާއި އެކަމަކު އެކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ވެރިކަމަށް ރައީސް މުއިއްޒު އިންތިހާބުވެ ވަޑައިގަތުން ކަމަށެވެ.
"މުއިއްޒު ވެރިކަމަށް ނުގެނައި ނަމަ ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން އޮތީހީ ކަށަވަރުވެފައި،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރު ނިމުނު އިރު، މިހާރު ހިއްކަމުންދާ ފަޅުތަކުން ނުނިމި އޮތީ ވަރަށް ކުޑަތަންކޮޅެކެވެ. އަދި ފްލެޓް އަޅަން ހަވާލު ކުރި ކުންފުނިތަކަށް ފައިސާ ވެސް އޮތީ ދައްކާފައި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެކަންކަން މި ސަރުކާރުން ކުރިއަށް ނުގެންދިޔައީ، އެމްޑީޕީން ކުރި ކަމަކަށްވުމާއި ސަރުކާރުގެ ނާގާބިލް ކަމުން ކަމަށް މެމްބަރު ތުހުމަތު ކުރެއްވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި:
ހައުސިން މަޝްރޫއުތައް ހިންގުމަށް އެމްޑީޕީން ރާވާފައި އޮތީ، މިހާރު ކުރިއަށް ގެންދާ ވަރަށް ވުރެ ދެ ގުނަ ހަރަދުކުޑަކޮށް
ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ހުޅުމާލޭ ފޭސް-3 ހިއްކައި، އެ ސަރަހައްދުތަކުގެ މަގުތައް ހަދައި އަސާސީ ހިދުމަތް ފޯރުކޮށްދޭން، 300 މިލިޔަން ޑޮލަރު ކަނޑައެޅި ނަމަވެސް މި ސަރުކާރުން، އާ ފަޅެއް ހިއްކައި ބޯހިޔާވަހިކަން ފޯރުކޮށްދޭން 600 މިލިޔަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި 
މައުރޫފް އެކަން ސިފަކުރެއްވީ، ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި
'ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓް' 
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހާއްސަކޮށްފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ދެކޮޅަށް، އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ އެއްވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށެވެ.
އެ ޕާޓީން ބުނިގޮތުގައި:
ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށް ސަރުކާރުން ދަނީ އަރައިގަންނަމުން
އެހެންވެ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން މި މަހުގެ 31ގައި ބޮޑު އެއްވުމަށް ބޭއްވުމަށް ވަނީ ނިންމާފައި
އެއްވުމަށް ބޭއްވުމަށް ނިންމާފައިވަނީ 'ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓް'ގެ ނަމުގައި؛ ބޭނުމަކީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރުން 
އެނގުން މުހިއްމު- ބޯހިޔާވަހިކަމާ ގުޅޭގޮތުން އެމްޑީޕީން އެއްވުމެއް ބޭއްވުމަށް ނިންމާފައިވާއިރު އަންނަ މަހުގެ 17ގައި ވެސް އެ ޕާޓީން ވަނީ، ސަރުކާރާ ދެކޮޅަށް 'ގައުމީ ބޮޑު އެއްވުމެއް' ބޭއްވުމަށް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ