ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ނައިނަމަ 200،000 ރައްޔިތުންގެ ބޯހިޔާވަހިކަން މިހާރު އޮތީހީ ކަށަވަރުވެފައި ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީން ވައުދުވީ 7000 މީހުންނަށް ފްލެޓު ހޯދައިދިނުމަށް ކަމަށެވެ. އެހެންނަމަވެސް މިދިޔަ ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ވެސް 11،000 މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިން ކަމަށް މައުރޫފް ވިދާޅުވި އެވެ.
އޭގެއިތުރުން މިދިޔަ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދިންކަން ވެސް މައުރޫފް ފާހަގަކުރެއްވި އެވެ. އެކަން ކުރުމަށްޓަކައި މާލެ ސަރަހައްދުން ގިރާވަރު ފަޅާއި ގުޅީފަޅުގެ އިތުރުން ހުޅުމާލޭ ފަޅު ހިއްކުމުގެ މަސައްކަތް ވެސް މިދިޔަ ސަރުކާރުން ފެށިކަން އޭނާ ފާހަގަކުރެއްވި އެވެ.
މައުރޫފް ވިދާޅުވީ މިދިޔަ ވެރިކަމުގެ ފަހުކޮޅު މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ ރައްޔިތުންނަށް ހާއްސަކޮށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އިއުލާނުކޮށް އެ މަޝްރޫއުއަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ވެސް ކަނޑައަޅާފައި އޮތް ކަމަށެވެ. އެ ހުރިހާ އެންމެންގެ އަދަދު، އާއިލާތަކާއެކު 200،000 އަށް އަރާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުން، ރައީސް މުއިއްޒު ވެރިކަމަށް ނުގެނައިނަމަ މި ދެންނެވި 200،000 އެއްހައި ރައްޔިތުންގެ ބޯހިޔާވަހިކަން މިއަދު އޮތީހީ ކަށަވަރުވެފައި،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ހިއްކަން ފެށި ފަޅުތަކުން، މި ސަރުކާރު ވެރިކަމަށް އައިއިރު، ނުހިއްކައި އޮތީ ވަރަށް ކުޑަ ތަންކޮޅެއް ކަމަށެވެ. އަދި ފްލެޓުތައް އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ވެސް ހުރީ މިދިޔަ ސަރުކާރުން ހަމަޖައްސާފައި ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެހެންނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެކަންކަން މަޑުޖައްސާފައި އޮތީ އެ ކަންކަމަކީ އެމްޑީޕީގެ ސަރުކާރުން ފެށި ކަންކަމަށް ވާތީ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"މި ސަރުކާރުގެ ނާގާބިލުކަމުން ދިވެހިރައްޔިތުންނަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ކަމަކަށް ވާތީވެ އެކަން ކޮށްނުދޭން ވެގެން ތިމަންނާ މާމޮޅު ކަމެއް ކުރާނަމޭ ހިތުއަޅައިގެން ފުށިދިއްގަރުފަޅު މިތަނުގައި ބޮޑު ކަނޑެއް ހުރަސްކޮށްގެން އެހެން ސަރަހައްދެއްގައި އޮތް ފަޅެއް ހިއްކަން ފެށީ 600 އެތައް މިލިއަން ޑޮލަރެއް އެތަނަކަށް ހަރަދުކޮށްގެން،" މައުރޫފް ވިދާޅުވި އެވެ.
އެވަރުގެ ބޮޑު ހަރަދެއް އެތަން ހިއްކުމަށް ކުރުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު ކޮށްގެންވާނެ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ސަރުކާރުން ފެށި ގޮތަށް، އުތުރުތިލަފަޅާއި ގުޅީފަޅުގެ އިތުރުން ގިރާވަރު ފަޅު އަދި ހުޅުމާލޭގެ ތިންވަނަ ފޭސް ހިއްކައި އެ ތަންތަނުގެ މަގުތައް ހަދައި ނަރުދަމާ އެޅުމަށް ހަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 300 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
300 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެތައް ހާސް ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެވެން އޮއްވައި 600 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަކީ ބޮޑު ސްކޭމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.
މުއިއްޒު ވެރިކަމަށް ނުގެނައިނަމަ 200،000 މީހުންނަށް ބޯހިޔާވަހިކަން މިހާރު އޮންނާނީ ކަށަވަރުވެފައި: މައުރޫފް މުއިއްޒު ވެރިކަމަށް ނުގެނައިނަމަ 200،000 މީހުންނަށް ބޯހިޔާވަހިކަން މިހާރު އޮންނާނީ ކަށަވަރުވެފައި: މައުރޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ