އެސްއީޒެޑް ގާނޫނަށް ގެންނަ ބަދަލުން ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބި، އާމްދަނީ ދަށްވާނެ: ފައްޔާޒް

ބައެއް މަޝްރޫއުތަކަށް ލުއިތައް ލިބޭ ގޮތަށް އެސްއީޒެޑް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށް، ރާއްޖެއަށް ވަންނަ އާމްދަނީ ދަށްވާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. ސަރުކާރުން އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ހިމަނައިފައެވެ. އެ އިސްލާހާ ގުޅޭ ގޮތުން ފައްޔާޒު 'އެކްސް'ގައި ލިޔުއްވިގޮތުގައި، "ސަސްޓެއިނެބަލް ޓައުންޝިޕް"އަކީ 2022ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ސަރުކާރުން ގެނައި މަޝްރޫއެކެވެ. https://x.com/faya_i/status/1980958708357087522 އޭނާ ވިދާޅުވީ އެ ސަރުކާރުން އެ މަޝްރޫއު ގެނައީ އިންވެސްޓަރުންނަށް އެއްވެސް ލުޔެއް ދޭ ގޮތަށް ނޫންކަމަށެވެ. އަދި އިންވެސްޓަރުން ފަތުރުވެރިކަމުގެ ރިއަލް އެސްޓޭޓު މުއާމަލާތްތަކުން ހަތަރު ޕަސެންޓް ޓެކްސް ދައްކަންޖެހޭ ގޮތަށް، ޓޫރިޒަމްގެ ގާނޫނަށް ޖޫން 19، 2023ގައި އޭރުގެ ސަރުކާރުން ހުށަހެޅި އިސްލާހު މި ސަރުކާރުން އެ އަހަރުގެ ނޮވެމްބަރު މަހު އަނބުރާ ގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. "ވަކި މަޝްރޫއުތަކަށް ކުއްލިއަކަށް ބޭއިންސާފުން ލުއިތައް ދޭން ނިންމުމަކީ މި ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް، ނ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުން ގެނައުމަށްޓަކައި ކޮންމެހެން ޓެކްސް ލުއިކުރާކަށް ނުޖެހޭ،" ފައްޔާޒް ލިޔުއްވާފައިވެއެވެ. https://sun.mv/212931 ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން އިއްޔެ ހުށަހެޅީ އެސްއީޒެޑު ގާނޫނަށް "ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ތަފުސީލުތައް ހިމަނައި، ބާބެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައިވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރަންޏާ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެއެވެ. އެ އިސްލާހުގައި، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ލާޖް ސްކޭލް ރިއަލް އެސްޓޭޓެއް އެ ޒޯނުގައި ތަރައްގީކުރަން ޖެހޭކަމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމުރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އެ ތަނުގައި ތަރައްގީކުރަން ޖެހޭކަން ބަޔާންކޮށް، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ހިމަނާފައިވެއެވެ. ހަމަ އެހެންމެ ސަސްޓެއިނެބަލް ޓައުންޝިޕެއް ހިންގުމަށް ބޭނުންވާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓު އިއާދަކުރުވަނިވި ހަކަތައަށް ވާން ޖެހޭނެ ކަމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކޮށް، ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރަން ޖެހޭނެ ކަމަށް ވެސް ޝަރުތުތަކުގައިވެއެވެ. "ސަސްޓެއިނެބަލް ޓައުންޝިޕެއް" ތަރައްގީކުރާ އިންވެސްޓަރުންނަށް އިނާޔަތްތައް ލިބޭނެ ގޮތާއި ޓެކުހުގެ ގޮތުގައި ސަރުކާރުން ނަގާނެ އަދަދު ވެސް މި ގާނޫނަށް އިތުރުކުރަން ހުށަހެޅި ބާބުގައި ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ