ގަވާއިދު އޮތީ މަޖިލިސް ޑެޑްލޮކަށް ނުދާގޮތަށް: މުހައްމަދު އަބްދުﷲ ޝަފީގް

މަޖިލީހުގެ ގަވާއިދު އޮތީ މަޖިލިސް ޑެޑްލޮކަށް ނުދާގޮތަށް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތުގައިވެސް، މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދެވޭނެ ގޮތް ގަވާއިދުގައި އެބައޮތްކަން ފާހަގަކުރައްވައި މުހައްމަދު އަބްދުﷲ ޝަފީގް ވަނީ މަޖިލީހުގެ ގަވާއިދު ހިއްސާކުރައްވާފައެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ކަމަށްވާ ރިޔާސަތު ބަހަލައްޓާ މެމްބަރުންގެ މާއްދާގެ (ށ) ގައި ބުނެފައިވަނީ  މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރުން، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރައީސް ކަނޑައޅަންވާނެ ކަމަށެވެ. އެގޮތުން ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެމްބަރުންގެ ތެރެއިން ޖުމްލަ 5 (ފަހެއް) މެމްބަރުންނެވެ. އަދި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 (ތިނެއް) ޖަލްސާގެ މުއްދަތަށެވެ. އަދި އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ 5 (ފަހެއް) މެންބަރުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި މަޖިލީހުގެ ރައީސް ކަނޑައަޅައި، އެ ނަންތައް މަޖިލީހުގެ ޖަލްސާއެއްގައި އިއުލާން ކުރަންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި 5 (ފަހެއް) މެންބަރުންގެ ތަރުހީބު ކަނޑައަޅާނީ، އެ 5 (ފަހެއް) މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދީގެންކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެފަދަ މެމްބަރުން ތަރުތީބުކުރާނީ މެމްބަރުންގެ އުމުރުގެ ދޮށިކަމަށް އިސްކަންދީގެން ކަަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސާ ދެ މީހުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދޭ ހާލަތަކަށް އަންނަ ހިނދެއްގައި އަދި ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދޭ ހާލަތަކަށް އަންނަ ހިނދެއްގައި، އަދި ރިޔާސަތު ބަލަހައްޓާނެ މީހަކުވެސް ދުރާލާ ކަނޑައެޅިފައިނެތް ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ރިޔާސަތު ބަލަހައްޓާނެ މެމްބަރުންކަމަށް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) މެމްބަރުންވެސް ނުކުޅެދިއްޖެ ހާލަތެއް ދިމާވެއްޖެނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވި މެމްބަރުންގެ ތެރެއިން، މި މާއްދާގެ (ނ) ގައިވާ އުސޫލުން އެންމެ އިސްކަންދެވޭ މެމްބަރެވެ.
މީގެ އިތުރުން އެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ އެ މާއްދާގެ (ރ) ގެ ދަށުން މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމާ ހަވާލުވަނީ ޖަލްސާއެއް ފެށޭއިރު ކަމަށްވާނަމަ، އެ ޖަލްސާ ފެށުމުގެ ވަގުތު ޖެހުމާއެކު، ސަބަބު ބަޔާންކޮށް މަޖިލީހުގެ އަމީން އާއްމު އެކަން ޖަލްސާއަށް އިއުލާން ކުރަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ހަމަ އެ މާއްދާގެ (ހ) ގެ ދަށުން ނުވަތަ އެ މާއްދާގެ (ށ) ގެ ދަށުން މެމްބަރަކު މަޖިލީހުގެ ޖަލްސާގެ ބައެއްގެ ރިޔާސަތު ބެލެއްޓުމާއި ހަވާލުވާނަމަ، އެވަގުތު ރިޔާސަތުގައި އިންނަ ފަރާތެއް އެ ޖަލްސާގެ އެބައިގައި ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ސަބަބު ބަޔާންކޮށް، އެކަން ޖަލްސާއަށް އިއުލާންކުރަންވާނެއެވެ. އެގޮތަށް އިއުލާން ކުރުމުން އެ މެމްބަރަކު ރިޔާސަތާއި ހަވާލްވާންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މަޖިލިސްގައި މަރުތަޅު ސަރުކާރުން އަޅުވައިފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މަރުތަޅު މަޖިލީހުގައި އެޅުވިކަމަށް އީވާ އާއި އެމްޑީޕީގެ ރައީސް މުަހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން ބުނަމުންދަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދާދި އެކުއެކީގައި ހުށަހެޅުމުން ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ