ސަރުކާރުގެ ބައެއް ކުންފުނިތައް ހުރީ ނިމިދިޔަ ދައުރުގައި ދަރަނިވެރިވެފައިކަމަށާއި އެ ހާލަތުން ބައެއް ކުންފުނިތަކަށް އަރައިގަނެވިފައިނުވާކަމަށާއި ރާއްޖެއަށް އިންވެސްޓުކުރާނެ ބަޔަކު ނުވާ ހިސާބަށް ކަންކަން ގޯސްވެގެންދިޔަކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދުވަނީ ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ބަޔާންކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު 17 ނޮވެމްބަރުގައި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިގްތިސާދު އޮތް ހާލަތުގެ ވާހަކައަކީ ހަމައެކަނި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދައްކަމުންދިޔަ ވާހަކައެއް ނޫންކަމަށެވެ. އަދި އެއީ ހަގީގަތްކަމަށް ގަބޫލުކުރައްވާކަމަށާއި ދުނިޔޭގެ މާލީ ކަންކަމާއި ގުޅޭ މައުލޫމާތު އެންމެ ގިނައިން ސައްހަކަމާއިމެދު ހާމަކޮށްދޭ މުއައްސަސާތަކަކީ ވޯލްޑް ބެންކް އައިއެމްއެފް ފަދަ ތަންތަންކަމަށްވެސް ހިއްސާކުރެއްވިއެވެ.
ސައީދު ވިދާޅުވީ، އޭރު އޮތް ހާލަތީ ކޮބައިކަން ބަލާއިރު އެއް މަސް ދުވަހަށް ބޭނުންވާ ކާޑު ގަންނާނެ ފައިސާވެސް ރާއްޖޭގެ މާލިއްޔާތުގައި ނެތްކަމަށާއި ހަމަ ނުވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު 200 މިލިއަން ވަރަކަށް އެމެރިކާ ޑޮލަރު ހޯދަންޖެހިފައިވާކަމަށާއި އެހެންނަމަވެސް ނިމިދިޔަ ސަރުކާރަށް އެ ފައިސާ ހޯދޭނެ މަގެއް ފަހިކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެކަމަށް ބޭނުންވާ އިންތިޒާމުތައް ހަަމަޖައްސާފައިނުވާކަމަށާއި ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރާފައިކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، 122 މިލިއަން ރުފިޔާ އާއި ގާތް ކުރާ އަދަދެއްގެ ދަރަނި އުފައްދާފައިވާކަމަށާއި އެއީ ދުވަހަކުވެސް ރާއްޖޭގެ ތާރީހުގައި އުފައްދާފައިނުވާ މިންގަނޑެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ކުންފުނިތަކަށް ދޭންޖެހި ނުދީ ހުރި ފައިސާގެ އަދަދުތައްވެސް 8 ބިލިއަނާއި ގާތްކުރާކަމަށާއި ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހުރީ ދަރާފައިކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ބައެއް ކުންފުނިތައް އަދިވެސް ތިބީ އެ ހާލަތުން އަރައިނުގަނެވިފައިކަމަށާއި އެކަމުގެ އިތުރުން 8 ބިލިއަން ރުފިޔާގެ ފައިސާވެސް ޗާޕުކޮށް ބާޒާރަށް ނެރުނުކަމަށް އަލިއެޅުއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ގައުމު ހިންގަމުންދިޔައީ ފައިސާ ޗާޕުކޮށްގެންކަމަށާއި ބައިނަލްއަގުވާމީ މާލީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރު އެއްކޮށް ގެއްލިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރާއްޖެއަށް ލޯނެއް ދޭނެ ފަރާތެއް ނުވާ ހިސާބަށް ކަންކަން ގޯސްވެގެންދިޔަކަމަށާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންގްވެސް ދުވަހަކުވެސް ދަށްވެގެން ނުވާ ވަރަކަށް ދަށަށް ދިޔަކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއާއި ދިމާލަށް މާޔޫސްކަމުގެ ނަޒަރުން ނޫނީ ބަލާނެ އެއްވެސް މާލީ މުއައްސަސާއެއް ޖަމާއަތެއް އަދި އިންވެސްޓަރެއްވެސް ނެތްކަމަށާއި ރާއްޖެ އޮތީ އެ ހާލަތަށް ވައްޓާލާފައިކަމަށް ފާހަގަކުރެއްވިއެވެ.
އިންވެސްޓުކުރާނެ ބަޔަކު ނުވާ ހިސާބަށް ރާއްޖޭގެ ހާލަތު ގޯސްވި: މިނިސްޓަރު ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ