ލަދު ހަޔާތެއް ހުރި ނަމަ އެމްޑީޕީން މާމިގިލީ ދާއިރާއަށް ކުރިމަތި ނުލާނެ: ގާސިމް
އެމްޑީޕީގެ ލަދު ހަޔާތުގެ ކަންފުޅެއް ހުރި ނަމަ އޭނާގެ އުފަން ރަށް މާމިގިލި ހިމެނޭ ދާއިރާއަށް ކުރިމަތި ނުލާނެ ކަމަށް އެ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގައުމީ ކެންޑިޑޭޓްގެ ނަމުގައި ވާދަކުރުމަށް ނިންމާފައިވާ ގާސިމް މިއަދު ނ. ހޮޅުދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ, ކޯލިޝަން ޕާޓީތަކުން ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ނިކުތުމަށް އެއްބަސްވެފައި އޮތް ނަމަވެސް އެމްޑީޕީން ނިންމީ އެ ޕާޓީން ހުރިހާ ދާއިރާތަކަކަށް ކުރިމަތިލުމަށް ކަމަށެވެ. "އަޅުގަނޑު ކުރިމަތިލާ މާމިގިލީ ދާއިރާއަށް ވެސް އެންމެ ފަހުން އެ މީހުން ކުރިމަތިލީ. އެ މީހުނަށް އެނގޭ އެ ދާއިރާއަށް ކުރިމަތިލިޔަސް ނުހޮވޭނެކަން. އެހެން ނަމަވެސް ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީ. ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީމަ އެ ދާއިރާއަށް ކުރިމަތިލައިގެން އެކަން ކުރެއްވީ," ގާސިމް ވިދާޅުވިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ގާސިމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި އުޅޭ ފޮޓޯތައް ފެނިފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ޞާލިހް ދައްކަވާ ވާހަކަ ގަބޫލެއް ނުކުރެވޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ރައީސް ޞާލިހަށް އިތުރަށް ފާޑުކިޔުއްވަމުން ގާސިމް ވިދާޅުވީ, ނަމެއްގައި ކޯލިޝަނެއް ހަދާފައި އޮތް ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން އެއަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ. "އަޅުގަނޑުމެނަށް ދޭން ޕާލިމެންޓްގެ ގޮނޑިތަކާއި ކައުންސިލްގެ ގޮނޑިތަކާއި މިހުރިހާ ކަމެއްގެ ވާހަކަ ތަފްސީލްކޮށް ލިޔެފަ އޭގެ މައްޗަށް ތަރުތީބުވެގެން ދިޔަ އެއްވެސް ކަމެއް އެ ގޮތަށް ކުރެއްވިތޯ. އަޅުގަނޑު މިދަންނަވަނީ ކަނޑައެޅިގެން ނުކުރައްވަ އޭ," ގާސިމް ވިދާޅުވިއެވެ. މި ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ އިސްކޮށް އޮތީ އެމްޑީޕީއާއި ކުރީގެ މުހައްމަދު ނަޝީދު ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ އެކަމަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ, އެ ލިސްޓްގައި އެންމެ ކުރީގައި ހުންނާނީ އޭނާ އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށެވެ. ނަޝީދު އަންނާނީ އޭގެ މާ ފަހަތުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑަކީ ނަން ހޯދަން އުޅުނު މީހެއް ނޫން. އަޅުގަނޑަކީ ކަންކުރި މީހެއް. އަޅުގަނޑު ބައިވެރިނުވެ އެމްޑީޕީއަށް ކުރެވުނު އެއް ކަމެއް ވެސް ނޯންނާނެ," ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ