ހައްޖުވެރިން އަމިއްލައަށް ގެންދާ ކޮންޓްރޯލު ބޭސްތަކުގެ ހުއްދަ ހޯދަންޖެހޭ ގަވާއިދު އާންމުކޮށްފި
ހައްޖުވެރިން އަމިއްލަ ބޭނުންތަކަށް ގެންދާ ކޮންޓްރޯލްޑް ބޭސްތަކުގެ ޕާސަނަލް ކްލިއަރެންސް ހުއްދަ ހޯދުމަށް ފާސްކޮށްފައިވާ ގަވާއިދުތަކާއި އުސޫލުތައް ސައުދީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެސްއެފްޑީއޭ) އިން އާންމުކޮށްފިއެވެ. މިއީ ޙައްޖުވެރިންނަށް ޚިދުމަތް ދިނުމާއި އަޅުކަން ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއި، ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތޯރިޓީން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އެސްއެފްޑީއޭ އިން ފާހަގަކުރި ގޮތުގައި ކްލިއަރެންސް ޕާމިޓް ހޯދުމަށް ބައެއް ޝަރުތުތައް ފުރިހަމަ ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ޕާސްޕޯޓްގެ ކޮޕީއަކާއި، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ދޫކޮށްފައިވާ ސައްހަ މެޑިކަލް ޕްރިސްކްރިޕްޝަނެއް ނުވަތަ ރިޕޯޓަކާއި، ބޭހާއި އޭގެ ބޭރު ޕެކޭޖިންގެ ތަސްވީރެއް ހިމެނެއެވެ. މީގެ އިތުރުން ހުށަހެޅުމުގެ ކުރިން އެޕްލިކޭޝަންގައި ހިމެނޭ އިލެކްޓްރޯނިކް ޑިކްލެރޭޝަނަށް އެއްބަސްވާން ޖެހެއެވެ. އަދި ބޭސް ގެންނަން ޖެހޭނީ ހައްޖުގެ އަޅުކަމުގައި ހޭދަވާ 30 ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ. ބޭސް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅޭނީ އިލެކްޓްރޯނިކް ކޮންޓްރޯލްޑް ޑްރަގްސް ސިސްޓަމް (ސީޑީއެސް) މެދުވެރިކޮށް "ޕާސަނަލް ޓްރެވަލާ އެކައުންޓް" އެއް ހުޅުވައިގެންނެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެސްޑީއެފް އިން ބުނެއެވެ. މި އަހަރުގެ ހައްޖު ސީޒަނަށް ސައުދީ އަރަބިއްޔާއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް ދެ މިލިއަން ހައްޖުވެރިންނަށް ޖާގަ ދިނުމަށް ތައްޔާރުވަމުންނެވެ. ހައްޖުގެ އަޅުކަމަށް ދާ ސީދާ މީހުންގެ އަދަދު އަދި ހާމަކޮށްފައިނުވި ނަމަވެސް އާންމުކޮށް ކޮންމެ އަހަރަކު ވެސް ދެ މިލިއަނެއްހާ މީހުން ހައްޖުގެ އަޅުކަން އަދާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ