ބެލެނިވެރިންނާއި މާލެ "ހަމަނޭވާ" ލުމަށް ސްކޫލު ބަހުގެ ނިޒާމެއް ބޭނުންވެފައި!
ރަސްމީ ދުވަސް ދުވަހުގެ, ހެނދުނާއި މެންދުރާއި ހަވީރުގެ ވަގުތަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން މަގުތަކަށް ނުކުމެއްޖެ ނަމަ, ބޮޑު ހާސްކަމަކާ ކުރިމަތިލާންޖެހޭ ވަގުތެކެވެ. ބްރިޖަށް ބެލިނަމަވެސް މާލެ ތެރެއަށް ބެލި ނަމަވެސް އެކަން އޮތީ އެގޮތަށެވެ. އެއީ ސްކޫލުތަކަށް ކުދިން ގެންދާ ގަޑިއަކީ މުޅި ސިޓީގެ ޓްރެފިކް އެންމެ ބޮޑަށް ތޮއްޖެހޭ ވަގުތަށް ވުމެވެ. މާލެއަކީ މުޅި ދުނިޔޭގައިވެސް މިހާ ކުޑަ ތަނެއްގައި އެންމެ ގިނަ މީހުން އުޅޭ ސިޓީކަމަށް ވާއިރު، ސްކޫލު ގަޑިތަކުގައި މަގުތަކަށް ނުކުންނަ އުޅަނދުތަކުގެ ސަބަބުން މުޅި ނިޒާމު ހުއްޓުމަކަށް އާދެއެވެ. މިއީ ޒަމާނުންސުރެ ރަނގަޅު ނިޒާމެއް ގާއިމު ކުރެވިފައި ނެތުމުގެ ހިތި ނަތީޖާއެވެ. އެތައް ހާސް ބެލެނިވެރިންނެއް ވަކިވަކިން ކުދިން ގޮވައިގެން ސްކޫލަށް އުޅަނދުތަކުގައި ދިއުމުގެ ބަދަލުގައި، ހަރުދަނާ ސްކޫލު ބަހުގެ ނިޒާމެއް ގާއިމުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެންމެ ބަހަކުން 20 ނުވަތަ 40 އުޅަނދު މަގުމަތިން މަދުކޮށްލެވޭނެއެވެ. މިއީ މާލެ ފަދަ ކުޑަ ރަށަކަށް ބަލާއިރު ވަރަށް ބޮޑު ބަދަލެކެވެ. ކޮންމެ އާއިލާއަކުން ވަކި އުޅަނދެއްގައި ދަތުރުކުރުމުގެ ސަގާފަތް ބަދަލުކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން ސްކޫލު ކުދިން އުފުލޭނެ ގޮތް ހަމަޖެއްސުމަކީ މުޅި މުޖުތަމައަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ގްރޭޓާ މާލެ ސަރަޙައްދުގައި 119,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓަރީކޮށްފައިވާއިރު، މީގެ ތެރެއިން 103,000 އަށްވުރެ ގިނަ އުޅަނދަކީ ސައިކަލެވެ. މާލެއާއި ހުޅުމާލެ ހިމެނޭހެން ބޭނުންކުރެވެން އޮތީ ގާތްގަނޑަކަށް 650 ހެކްޓަރުގެ ބިމެވެ. މާނައަކީ ކޮންމެ ހެކްޓަރަކަށް 183 އުޅަނދު އެބައޮތެވެ. މިފަދަ ކުޑަ ޖާގައެއްގައި، ހެނދުނާއި މެންދުރުފަހު ސްކޫލުތަކަށް ކުދިން ގެންދިއުމާއި ގެނައުމަށް އެތައް ހާސް ސައިކަލެއް އެއްފަހަރާ މަގުތަކަށް ނުކުތުމުން، ޓްރެފިކްގެ މިންވަރު އިންތިހާއަށް އިތުރުވެގެންދެއެވެ. ވަކިވަކިން އުޅަނދުތައް ދުއްވުމުން ތޮއްޖެހޭ ވަރާއި އެ ވަރަށް މީހުން ބަހެއްގައި ދަތުރު ކުރުމުން މަގުން ލިބޭ ޖާގަ ދައްކައި ދޭ ފޮޓޯއެއް--ޓްރެފިކް ފުލުހުންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި ސްކޫލު ދުވަސްތަކުގައި ހެނދުނު 7:00 އިން 9:00 އަށް މަގުތަކުގެ ތޮއްޖެހުން އެތައް ގުނައެއް އިތުރުވެއެވެ. މިކަމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި، އިމަޖެންސީ އުޅަނދުތަކަށްވެސް ބޮޑެތި ހުރަސްތަކާ ކުރިމަތިވެއެވެ. "ބައެއް ބެލެނިވެރިންގެ އަމަލުތައް ހުންނަ ގޮތުން ވެސް ތޮއްޖެހުމެއް ބޮޑުވޭ. ސްކޫލު ދޮށަށް ގޮސް މަޑުކޮށްލީމަ ފެންނާނެ ކޮންމެ ބެލެނިވެރިއެއް ވެސް ބޭނުން ވާނީ ހަމަ ސްކޫލު ދޮރުމައްޗަށް ގޮސް މަޑުކުރަން. މިއީ ވެސް ތޮއްޖެހޭ ސަބަބެއް," ކަމާ ބެހޭ އިދާރާއެއްގެ ބޭފުޅަކު ވިދާޅުވިއެވެ. ސްކޫލު ބަހުގެ ނިޒާމެއް އޮތްނަމަ، މި ވަގުތުތަކުގައި މަގުތަކަށް ނުކުންނަ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ. މަގުތަކުގެ ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދުތައް ގިނަވެފައިވާ މި ދަނޑިވަޅުގައި، ސްކޫލުތަކަށް އަމާޒުކޮށްގެން ދަތުރުފަތުރުގެ ޚާއްސަ ނިޒާމެއް ތައާރަފުކުރުމަކީ ޓްރެފިކް މައްސަލައަށް އޮތް އެންމެ އަމަލީ އެއް ހައްލެވެ. މިއީ ދުނިޔޭގެ ތަހުޒީބީ ގައުމުތަކުން އަމަލު ކުރާތާ ގަރުނެއްހާ ދުވަސްވެފައިވާ ކަންކަމެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް މިއުޅެނީ 2026 އައިއިރު ވެސް އެކަން ނުވެގެންނެވެ. މަގުމަތީގެ ރައްކާތެރިކަމަކީވެސް ސްކޫލު ބަހުގެ ނިޒާމެއް މުހިންމުވާ އެންމެ ބޮޑު އެއް ސަބަބެވެ. ދިވެހިރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގެ ތެރެއިން ގިނަ އެކްސިޑެންޓްތަކުގައި ޒުވާނުންނާއި ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ލިބެމުންދެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކްސިޑެންޓްތައް އިންތިހާއަށް ދަނީ އިތުރުވަމުންނެވެ. ބެލެނިވެރިންނާއެކު ސައިކަލުގައި ނުވަތަ ހިނގާފައި ސްކޫލަށްދާ ކުދިންނަށް، ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތަކުގެ ސަބަބުންނާއި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން މަގު ހުރަސްކުރުމުގައި ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ. ތޮއްޖެހިފައިވާ މަގުތަކުގައި މަޑު ދުވެލީގައި ހިނގާ އެކްސިޑެންޓްތަކުންވެސް ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ލިބުމުގެ ފުރުސަތު ބޮޑެވެ. ސްކޫލު ބަހަކީ ކުޑަކުދިންނަށް އެންމެ ރައްކާތެރި އެއް ދަތުރުފަތުރުގެ ވަސީލަތް ކަމަށްވާއިރު، މި ނިޒާމުގެ ސަބަބުން ކުދިން މަގުމަތީގެ ނުރައްކާތަކަށް ހުށަހެޅޭ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ. ބަހުގައި ދަތުރުކުރާއިރު ކުދިން ތިބޭނީ ރައްކާތެރި މާޙައުލެއްގައެވެ. އަދި ސްކޫލު ކައިރިއަށް ބަސް މަޑުކުރުމުން ކުދިންނަށް ސީދާ ސްކޫލަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ބެލެނިވެރިންނަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ދަރިވަރުން ސްކޫލަށް ގެންދިއުމަށް ބެލެނިވެރިން ހޭދަކުރާ ވަގުތަކީ އުފެއްދުންތެރި ކަމުގެ ގޮތުންވެސް ބޮޑު އަސަރެއް ކުރާ ކަމެކެވެ. ކޮންމެ ދުވަހަކު ކުދިން ސްކޫލަށް ގެންދިއުމަށާއި، ސްކޫލު ދޮށުގައި މަޑުކުރުމަށާއި، އަނބުރާ ގެއަށް ގެނައުމަށް ބެލެނިވެރިން އެތައް ވަގުތެއް ހޭދަކުރެއެވެ. މިކަމުގެ ސަބަބުން ވަޒީފާއަށް ދާ މީހުންނަށް އޮފީހަށް ދިއުމަށް ލަސްވުމާއި، މަސައްކަތުގެ ވަގުތު ގެއްލުން ފަދަ މައްސަލަތައް ދިމާވެއެވެ. ޚާއްސަކޮށް ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ފެށޭ ގަޑިއަށް މިކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. މީގެ އިތުރުން، އަމިއްލަ އުޅަނދެއް ނެތް އާއިލާތަކަށާއި، ވަޒީފާގެ ގޮތުން ކުދިން ސްކޫލަށް ގެންދިއުމަށް ވަގުތު ނުދެވޭ ބެލެނިވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. ބައެއް ކުދިން ދިގު ރާސްތާއަކަށް ހިނގާފައި ދާންޖެހޭއިރު، އަނެއްބައި ކުދިންނަށް ރައްކާތެރިކަން ކުޑަ އުޅަނދުތަކަށް ބަރޯސާވާންޖެހެއެވެ. އެހެންކަމުން، ހަރުދަނާ ސްކޫލު ބަހުގެ ނިޒާމެއް އޮތުމަކީ ހަމައެކަނި ތައުލީމީ ސިޔާސަތެއް ނޫނެވެ. އެއީ އިގްތިސާދީ ގޮތުން ފައިދާހުރި، އަދި ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދޭނެ މުހިންމު ފިޔަވަޅެކެވެ. ބެލެނިވެރިންގެ ވަގުތު ސަލާމަތްވުމުން، އުފެއްދުންތެރިކަން އިތުރުވެ، ގައުމުގެ އިގްތިސާދަށްވެސް އޭގެ ހެޔޮ ބަދަލު އަންނާނެއެވެ. މާލެ ފަރުމާކުރެވިފައިވަނީ މިހާރު އޮތް ބޮޑު އާބާދީއާއި، އެތައް ހާސް އުޅަނދުތަކަކަށް އެކަށީގެންވާ ގޮތަކަށެއް ނޫނެވެ. ސްކޫލުތައް ވަކި ސަރަޙައްދަކަށް ޖަމާކުރެވިފައި ނެތުމުގެ ސަބަބުން، މުޅި ރަށުގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަންޖެހެއެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުވެސް ކުޑައެއް ނޫނެވެ. މާލޭގެ ވައިގެ ފެންވަރު އާންމުގޮތެއްގައި ރަނގަޅު ނަމަވެސް، ޓްރެފިކް ތޮއްޖެހޭ ވަގުތުތަކުގައި ސްކޫލުތައް ކައިރީގައި އުޅަނދުތަކުގެ އިންޖީނު ނިއްވާނުލާ ގިނައިރު މަޑުކޮށްގެން ތިބުމުގެ ސަބަބުން، ވައި ނުސާފުވެ، ވިހަ ގޭސްތައް އެ ސަރަޙައްދަކަށް ޖަމާވެއެވެ. މިއީ ކުޑަކުދިންގެ ސިއްހަތަށް ނުރައްކާތެރި ކަމެކެވެ. މަގުމަތީގައި ދުއްވާ އުޅަނދުތައް މަދުކުރެވިއްޖެނަމަ، ވައި ސާފުވެ، މާލެއަކީ ސިއްހަތަށް ފައިދާހުރި، ދިރިއުޅެން ފަސޭހަ ތަނަކަށް ވެގެންދާނެއެވެ. ސްކޫލު ބަހުގެ ނިޒާމެއް ތަޢާރަފުކުރުމަކީ މާލޭގެ ތިމާވެށި ޙިމާޔަތްކުރުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. އެއް ބަހަކުން އެތައް ކުދިންނެއް އުފުލުމުން، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވޭނެއެވެ. ރާއްޖެއަށް އަލަސް, ދުނިޔެއަށް އާ ކަމެއް ނޫން ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާއިރު، ސްކޫލު ބަހުގެ ނިޒާމަކީ ވަރަށް އާންމު ކަމެކެވެ. އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ސްކޫލު ކުދިން އުފުލުމަށް ޚާއްސަ ބަސްތައް ބޭނުންކުރެއެވެ. ސިންގަޕޫރު ފަދަ ޖާގައިގެ ދަތިކަން ހުންނަ ގައުމުތަކުގައި، އާންމު ދަތުރުފަތުރަށް ބޭނުންކުރާ ބަސްތައް، ސްކޫލު ގަޑިތަކުގައި ދަރިވަރުން އުފުލުމަށް ޚާއްސަކޮށްގެން ބޭނުންކުރެއެވެ. މީގެ ސަބަބުން އިތުރު ބަސްތަކެއް ޕާކުކުރާނެ ޖާގަ ހޯދާކަށް ނުޖެހެއެވެ. މާލެ ފަދަ ކުޑަ އަދި ތޮއްޖެހިފައިވާ ރަށެއްގައި މިފަދަ ނިޒާމެއްގެ މުހިންމުކަން އެހެން ގައުމުތަކަށްވުރެ މާ ބޮޑެވެ. ސިންގަޕޫރުގެ މޮޑެލް ބޭނުންކޮށްގެން، މިހާރުވެސް މާލޭގައި ދުއްވާ އާންމު ބަސްތައް ނުވަތަ މިނީ ބަސްތައް، ސްކޫލު ގަޑިތަކުގައި ޚާއްސަ ރޫޓުތަކެއްގައި ދުއްވިދާނެއެވެ. ބައިނަލްއަގްވާމީ ތަޖުރިބާތަކުން ދައްކާ ގޮތުގައި، ރަނގަޅަށް ރޭވިގެން ހިންގާ ސްކޫލު ބަހުގެ ނިޒާމަކީ ސިޓީތަކުގެ ޓްރެފިކް މައްސަލައަށް އޮތް އެންމެ ކާމިޔާބު އެއް ހައްލެވެ. މާލޭގައިވެސް މިފަދަ ނިޒާމެއް ހިންގިދާނެކަން ޔަގީނެވެ. ޣިޔާސުއްދީން ފަދަ ބައެއް އަމިއްލަ ސްކޫލުތަކުން މިހާރު ވެސް މި ޚިދުމަތް ދަނީ ދެމުންނެވެ. ރައްކާތެރިކަމާއެކު ހުޅުމާލެއިން މާލެއަށް ވެސް ކުދިން ގެނެއެވެ. މިއީ މިކަން މާލޭގައި ވެސް ކުރެވޭނެ ކަމުގެ ހެއްކެކެވެ. އެމްޓީސީސީން މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށައި، ސްކޫލު ކުދިންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވީ ނަމަވެސް، މިއީ އަދި ފުރިހަމަ ސްކޫލު ބަހުގެ ނިޒާމެއް ނޫނެވެ. ސްކޫލު ބަހުގެ ނިޒާމެއް އަންނަން ވާނީ ބެލެނިވެރިންނަށް ޔަގީންކަމާއެކު ކުދިން އެކަނި ސްކޫލުތަކަށް ފޮނުވޭ ގޮތަށެވެ. އަދި އެކި ހިސާބުތަކުން ކުދިން ނަގައިގެން, ގަޑިއަށް ސްކޫލަށް ދެވޭނެ އިންތިޒާމެއްގެ ތެރެއިންނެވެ. މާލޭގައި ސްކޫލު ގަޑިތަކުގައި އޮތީ ހަމައެކަނި ޓްރެފިކްގެ މައްސަލައެއް ނޫނެވެ. އެއީ ދަތުރުފަތުރުގެ ނިޒާމުގައި އޮތް ވަރަށް ބޮޑު ހުސްކަމެކެވެ. އަދި ބެލެނިވެރިންނަށް ބާރު ބޮޑުވެފައިވާ ކަމެކެވެ. ހަރުދަނާ ސްކޫލު ބަހުގެ ނިޒާމެއް ގާއިމުކުރުމަކީ މިހާރު ހަމައެކަނި ފަސޭހައަކަށް ކުރަން އޮތް ކަމެއް ނޫނެވެ. އެއީ ދަރިވަރުންގެ ރައްކާތެރިކަމާއި، ވަގުތު ސަލާމަތްކުރުމާއި، ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ކަމާބެހޭ ފަރާތްތަކުން މިކަމަށް އަވަސް ޙައްލެއް ހޯދައިދީ، ރަސްމީ ސިފައެއްގައި ސްކޫލު ބަހުގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ގޮތެއް ނިންމަންޖެހޭ ވަގުތު މިވަނީ ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ