ހަނގުރާމަ ފެށި ފަހުން، އިރާނާއި ޗައިނާގެ ހާރިޖީ ވަޒީރުން އަލަށް ބައްދަލުކުރައްވައިފި

އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޗައިނާގެ އެންމެ އިސް ޑިޕްލޮމޭޓާ އިއްޔެ ބެއިޖިންގައި ބައްދަލުކުރައްވައި، އަންނަ ހަފުތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ޒިޔާރަތުގެ ކުރިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނާ އެކު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅީގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބުރޫ އަރާފައިވާއިރު، މީގެ ނޭދެވޭ އަސަރު ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޗައިނާއަށް ދަނީ ކުރަމުންނެވެ.
މި ހަފުތާގެ ކުރީކޮޅު، އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް އެ ކަނޑުއޮޅި ހުޅުވާލުމަށް އިރާނަށް ބާރުއެޅުމުގައި އެހީތެރިވުމަށް ޗައިނާގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި މި ބައިނަލްއަގުވާމީ މަސައްކަތުގައި އެމެރިކާއާ ބައިވެރިވުމަށް ވެސް އޭނާ ވަނީ ބެއިޖިންއަށް ގޮވާލައްވާފަ އެވެ.
މި މަހުގެ 14 އިން 15އަށް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބެއިޖިންގައި ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުވުމުގައި އިރާނުގެ މައްސަލަ އާއި ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ.
ހޮރްމޫޒް ކަނޑުއޮޅީގައި އޮތް ހުރަސްތައް ނައްތާލައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް އިހުތިރާމްކުރުމަށް ވޮޝިންޓަނަށާއި ތެހެރާނަށް ޗައިނާއިން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކުރިއަށް އޮތް ސަމިއްޓަށް ބުރޫއަރާފާނެތީ، ޗައިނާއިން މިހާތަނަށް އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔުމުން ދަނީ ދުރުހެލިވަމުންނެވެ.
މީގެ އިތުރުން، އިރާނުން ތެޔޮ އެތެރެކުރާ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާއިން ވަނީ އަޑުއުފުލުން ވަރުގަދަކޮށްފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ %80އަށް ވުރެ ގިނައިން ގަންނަނީ ޗައިނާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ