އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނުކުމެ ހުންނެވީ، ޕާޓީގެ ލީކުތައް ފޫބައްދައި ޕާޓީ އަލުން ރާވާލަން ކަމަށް އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އެމްޑީޕީގެ ބަދަހިކަމަށް' ނަމުގައި މައްޗަންގޮޅި ބާ ޖަމާލުއްދީން ކަންމަތީގައި ރޭ ބޭއްވި މީކާއިލުގެ ކެމްޕޭން ޖަލްސާއެއްގައި އޭނާ ވަނީ އެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - ރޭގެ ޖަލްސާގައި މީކާއިލް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ނުކުމެ ހުންނެވީ ޗެއާޕާސަންކަން ކުރަން ކަމަށާއި އިތުރު ބޮޑު މަގާމަކަށް ދިއުމަށް ގިރާކުރާ ހަރުފަތެއްގެ ގޮތުގައި ނޫން ކަމަށެވެ. ގައުމީ މަޖިލީހުން އައްޔަންކުރާ ވަގުތީ ޗެއާޕާސަނެއްގެ މަގާމު ބޭނުންނުވާކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ، ބޭނުންވަނީ 16 އަހަރު ވަންދެން އޭނާއާ އެކު މަސައްކަތްކުރި އާންމު މެންބަރުންގެ ވޯޓުން އިންތިހާބު ކާމިޔާބުކުރައްވަން ކަމަށެވެ.
މީކާއިލް އެ އިޝާރާތްކުރައްވަނީ، ޗެއާޕާސަންގެ މަގާމު ބޭނުންފުޅުވަނީ 2028ގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެވެ. ވެރިކަން ލިބިއްޖެ ނަމަ ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުންނަވަން ބޭނުންފުޅުވާތީ އެކަމަށް މަގުފަހިކުރުމަށް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ގުޅުވައިގެން ކޯޓުތަކަށް މައްސަލަ ހުށަހެޅުމާ ދެކޮޅަށް ވެސް މީކާއިލް ރޭ ވާހަކަދެއްކެވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
ޕާޓީގެ ތެރެއިން ހޯދޭނެ ހައްލުތަކާއި މަޝްވަރާތައް ދޫކޮށް، މަސްލަހަތު ނަގާލައި ކޯޓަށް ދާނެ މީހަކަށް ނުވާނަން
ޗެއާޕާސަން އިންތިހާބަށް ކުރިމަތިލީ ތެދު ހައްދަވަން ކަމަށާއި އެ އިންތިހާބު ކާމިޔާބުކުރައްވާނީ އެމްޑީޕީ މެމްބަރުންގެ ތާއީދާ އެކު ކަމަށް ވިދާޅުވި
ދެރަވާ ކޮންމެ ފަހަރަކު މެމްބަރުންގެ ޖަޒުބާތާކުޅެ، ދޮގު ހަދާ މީހަކަށް ނުވާނަން؛ އަދި އެމްޑީޕީގެ އާންމު މެންބަރުންގެ 39،000 ކަނޑާލީ ފައްޔާޒުއޭ ވިދާޅުވުމަށް ފަހު، އަނެއް ދުވަހު ފައްޔާޒު ވެރިކަމަށް ގެންނަން ވިދާޅުވާނެ މީހަކަށް ވެސް ނުވާނަން
މީކާއިލް ވިދާޅުވީ، އެމްޑީޕީ "ރޫޅާލާ" ވާހަކަ ނަޝީދު ދެެއްކެވި ފަހުން ޕާޓީގެ "ބައެއް އެއްޗެހިތައް މަދޭ، ލީކުވަމުންނޭ ދަނީ" މިފަހުން އަރިއަތޮޅަށް ކުރެއްވި ދަތުރެއްގައި ދިމާވި މީހަކު ބުނި ކަމަށެވެ. އެކަމަށް ޖަވާބު ދެއްވަމުން މީކާއިލް ވިދާޅުވީ، އޭނާ ނިކުމެ ހުންނެވީ އެ ލީކުތައް ނައްތާލައި ޕާޓީ ރާވާލަން ކަމަށެވެ.
"އަޅުގަނޑު މި އިންތިހާބަށް ނުކުމެ މިހުރީ މި ލީކުތައް ނައްތާލަން. އަޅުގަނޑު މި އިންތިހާބަށް ނުކުމެ މިހުރީ އެމްޑީޕީގެ އާންމު މެމްބަރުން އަޑުއައްސަވާ، މި އިންތިހާބަށް ނިކުމެ މިހުރީ މި ޕާޓީ ރާވާލަދޭން. ރާވާލާނަން، ރާވާލަނަން، ބޮޑުކޮށް މި ޕާޓީ ރާވާލަދޭނަން،" ނިންމާލަމުން މީކާއިލް ވިދާޅުވި އެވެ.
އެނގުން މުހިންމު - އެމްޑީޕީ "ރޫޅާލާނަން" ކަމަށް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ޕާޓީގެ އެތެރޭގައި އުފެދުނު ހަމަނުޖެހުންތައް ހައްލުނުވެ، ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ މެމްބަރުން އެ ޕާޓީން ކެނޑި، 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމަށް ފަހު އެވެ. ޕާޓީން އިސްތިއުފާ ދެއްވިއިރު، ނަޝީދު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.
އެމްޑީޕީއާ އަލުން ނަޝީދު ގުޅިވަޑައިގަތީ މިދިޔަ އަހަރު އެވެ. ޕާޓީ ތެރޭ އޮތް ހިތްހަމަނުޖެހުންތަކާ ހެދި، އެ ޕާޓީގެ ޗެއާކަމުން ވަކިވެވަޑައިގަތް ފައްޔާޒު މިހާރު މަސައްކަތްކުރައްވަނީ ނަޝީދާ އެއް ފެކްޝަނެއްގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މުހިންމު މަގާމު ކަމަށާއި އެ މަގާމު ބޭނުންފުޅުވަނީ ޕާޓީގެ ކަންކަން ހަމައަކަށް އަޅުވައި 2028ގެ ރިޔާސީ އިންތިހާބަށް ޕާޓީ ތައްޔާރުކުރަން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނުކުމެ މިހުރީ ލީކުތައް ނައްތާލަން؛ އެމްޑީޕީ ރާވާލާނަން: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ