200 ކުދިން ހިތާނު ކޮށްދޭނެ، 3000 ކުދިންނަން ސްކޫލް ދަބަސް ދޭނެ!

ސޮދަގާތު ފައުންޑޭޝަނުން އަންނަ އަހަރު 200 ކުދިން ހިތާނު ކޮށްދޭނެ ކަމަށާއި މި އަހަރު 3000 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާ ސްކޫލް ދަބަހާއި އެހެނިހެން ސާމާނު ފޯރުކޮށްދޭނެ ކަމަށް އެ ފައުންޑޭޝަނުން މިރޭ ބުނެފި އެވެ. 
ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް އިސްވެ ހިންގަވާ އެކަމަނާގެ ފައުންޑޭޝަނުން 120 ކުދިން ހިތާނު ކޮށްދިން ހުޅުމާލޭ ކޭމްޕް، "ހިތާނީ އުފާ" ނިންމަން މިރޭ އެ ރަށުގައި ބޭއްވި ހަފުލާއެއްގައި އެ ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝިނާން ވިދާޅުވީ މި އަހަރު ގިނަ އަދަދެއްގެ ކުދިން ހިތާނު ކޮށް ދިނުމަށް ފައުންޑޭޝަނުން ހިންގި ހަރަކާތް ވެގެން ދިޔައީ ގިނަ އާއިލާތަކަކަށް ފޯރު ކޮށްދެވުނު ވަރަށް ބޮޑު އެހީއަކަށް ވެގެން ދިޔައިރު އެ އެހީ އިތުރު ކުރަން މެޑަމް ބޭނުންފުޅުވާ ކަމަށެވެ. -- ޝިނާނަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ވެސްމެއެވެ.
"ހިތާނީ އުފާގައި ބައިވެރިވި ކޮންމެ އާއިލާއަކަށް އަޅުގަނޑުމެނަށް އެހތެރިކަމުގެ ކޮންމެވެސް ހިއްސާއެއް ދެވުނު އެހެންވެ މިކަންކަން ކުރުން ފައުންޑޭޝަނުން ފުޅާކޮށް ވަރުގަދަ ކުރަން ބޭނުންވޭ. ހާއްސަ ގޮތެއްގައި މިއީވަރަށްބޮޑަށް މެޑަމް ބާރު އަޅުއްވާ ކަމެއް،" ޝިނާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަހަރުގެ ބޮޑު ބަންދަށްފަހު ސްކޫލް ހުޅުވެންވާއިރު އާއިލާތަކުގެ ދަރިވަރުންނަށް ކޮންމެވެސް އެހީއެއް ވެދެއްވަން މެޑަމް ބޭނުންފުޅުވާ ކަމަށާއި އެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ 3000 ދަރިވަރަކަށް ދަބަހާއި އެނޫން ވެސް ސްކޫލަށް ބޭނުންވާ ތަކެތި ފައުންޑޭޝަނުން ހޯދައި ދޭން މެޑަމް ފާތުން ނިންމަވާފައިވާ ކަމަށެވެ. އޭގެ ތަފުސީލެއް ޝިނާން ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ