ރާބިތާގެ ޖަލްސާގެ ސަބަބުން ރާއްޖެއަށް އިތުރު އެހީ ލިބިގެންދާނެ - މައުމޫން

ރާބިތަތުލް ޢާލަމިލް އިސްލާމިއްޔާގެ ތައުސީސީ ޖަލްސާގެ ސަބަބުން ރާއްޖެއަށް އިތުރު އެހީ ލިބިގެންދާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާބިތާގެ ތައުސީސީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ އެނބުރި ރާއްޖެ ވަޑައިގެން ރާއްޖޭގެ މީޑިޔާ ތަކާ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މިހާރު ދުނިޔޭގެ ގައުމުތަކުންނާއި އަރަބި ގައުމުތަކުން ރާއްޖޭގެ ސަރުކާރާއި މެދު ދެކެ ވަޑައިގަންނަވަނީ ވަރަށް ރަގަޅަށް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި މިޖަލްސާގެ ސަބަބުން އިރާދަކުރެއްވިއްޔާ ރާއްޖެއަށް އިތުރު އެހީ ލިބިގެންދާނެ، އަދި ޙާއްސަކޮށް މިހާރު ދުނިޔޭގެ ގައުމުތަކުންނާއި އަރަބި ގައުމުތަކުން ރާއްޖޭގެ ސަރުކާރާއި މެދު ދެކިވަޑައިގަންނަވަނީ ވަރަށް ރަގަޅަށް،" ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
"އެބޭފުޅުންނަށް ވެސް އެނގި ވަޑައިގަންނަވާނެ ކުރީ ސަރުކާރުން ކަންތައްތައް ދިޔަ ގޮތް، އެހެންވީމާ އެކަންތައްތަކާއި ދޭތެރޭ އެބޭފުޅުން ތިބީ ވަރަށް ބޮޑަށް ހިތްޕުޅުހަމަނުޖެހިފައި." ޕީޕީއެމްގެ އިންތިގާލީ ރައީސްކަން ވެސް މިހާރު ކުރައްވާ މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ބޭރު ގައުމުތަކުން މިހާރުގެ ސަރުކާރާއި މެދު ހިތްޕުޅު ހަމަޖެހުމުގެ އިތުރަށް ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެގައުމުތަކުގެ ބޭފުޅުން ރާއްޖެއަށް ހުރިހާ ގޮތަކުން ވެސް އެހީދެއްވުމަށް މަގު ފަހި ކުރުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
ރާބިތަތުލް ޢާލަމިލް އިސްލާމިއްޔާގެ ތައުސީސީ ޖަލްސާ އާއި ބެހޭގޮތުން މައުމޫން ވިދާޅުވީ އިސްލާމީ ކުދި ޤައުމު ތަކަށް ކުރިމަތި ވެފައިވާ މައްސަލަ ތަކާއި މެދު ވާހަކަ ދެކެވިފައިވާކަމަށެވެ. އަދި އިސްލާމީ ޤައުމު ތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމަށްޓަކާ ސިޔާސީ ގޮތުން މަޝްވަރާ ކުރެވި ޤަރާރުތައް ފާސްކުރެވިފައިވާނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ރާއްޖެ އާއި ބެހޭގޮތުން ވާހަކަދެއްކިން، ޙާއްސަކޮށް ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އަދި ވޭތުވެދިޔަ އަހަރުތަކުގައި ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި ބެހޭގޮތުން. ޙާއްސަކޮށް ރާއްޖޭގެ އިގުތިސޯދު ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތްކަމާއި، ރާއްޖޭގެ އިޖުތިމާއީ ފޭރާން ވެސް ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ވާހަކަ އާއި، ދެން އަނެއްކާ އަޅުގަނޑުމެންގެ އިސްލާމީ އަގީދާއަށް ދިމާވާ ނުރައްކާތެރިކަން އެއީ ރާއްޖޭގައި ބައެއް މީހުން، ބޭރު މީހުން ނަމަވެސް އިސްލާމްދީން ނޫން އެހެން ދީންތަކަށްޓަކައި މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އޮތީ ކުރަމުން ގޮސްފައި." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މިކަމަކީ ރާއްޖޭގެ އިސްލާމީ ޝަޙުސިއްޔަތަށް ލިބިދާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އޭގެ ސަބަބުން އުނިކަމެއް އަތުވެދާނެތީ ރާބިތާގެ ހުރިހާ މެމްބަރުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
ރާބިތަތުލް ޢާލަމިލް އިސްލާމީގެ އެންމެ އިސް ވެރިންގެ ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ހިމެނި ވަޑައިގަންނަވާއިރު، ފާއިތުވީ އަށާވީސް އަހަރު ދުވަހުގެ ތެރޭގައި އެ ޖަމްޢިއްޔާގެ ބައްދަލުވުން ތަކުގައި ބައިވެރިވެ ވަޑައިގެން ދިވެހި ރާއްޖެއަށް އެކި ގޮތްގޮތުން އެ ޖަމްޢިއްޔާގެ އެހީތެރިކަން ހޯއްދަވައި ދެއްވުމަށް ރައީސް މައުމޫން ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ.
ރާބިތާގެ ތައުސީސީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މައުމޫން މާލެ ވަޑައިގަތުމުން ރަސްމީ ފާލަން ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ވަނީ މަރުހަބާ ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ