އަބްދުﷲ ގާޟީ ހައްޔަރުކުރި މައްސަލާގައި މޫސާ އަލީ ޖަލީލަށް ހުކުމްކުރުން މިރެއަށް ތާވަލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދައުލަތުން ޓެރަރިޒްގެ ދައުވާ އުފުލާފައިވާ މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް ހުކުމް ކުރުން މިރެއަށް ތައާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ތާވަލްކޮށްފައި ވަނީ މިރޭ 10:00 އަށެވެ.
މޫސާ އަލީ ޖަލީލުގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ހުކުމް އިއްވުން ދެ ފަހަރެއްގެ މަތިން ތާވަލް ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފަ އެވެ.
މި މައްސަލާގައި ދައުވާ ލިބޭ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި، އޭރު ކާނަލަކަށް ހުންނެވި މުހައްމަދު ޒިޔާދުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައްވެސް ވަނީ ނިންމާލައިފަ އެވެ. ތޮލްހަތާއި ޒިޔާދުގެ މައްޗަށް ހުކުމް ކުރުމަށް މީގެކުރިން ދެ ފަހަރެއްގެ މަތިން ތާވަލް ކުރުމަށްފަހު ވަނީ ކެންސަލްކޮށްފަ އެވެ.
މޫސާ އަލީ ޖަލީލުގެ މައްޗަށް ހުކުމް އިއްވުން މިރެއަށް ތާވަލް ކޮށްފަވާއިރު، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެެވެ.
އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތުގެ އަޑުއެހުންތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައި މިވަނީ، ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑިމިޓް ކުރުމަށްފަހު އިތުރު ފަރުވާއަށް މިދިޔަ މަހު އިންޑިއާއަށް ގެންދިއުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ