ވިކްޓްރީގެ މައްޗަށް ކުރި ހޯދާ ނިއުއިން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

0-3 ގެ ނަތީޖާއަކުން ވިކްޓްރީ ސ.ކ މައްޗަށް ކުރި ހޯދާ ދިރާގު ދިވެހި ލީގުގެ އެއްވަނައިގައި ނިއުރޭޑިއަންޓް ސ.ކ އިން ހަމަޖެހިލައިފި އެވެ.
މި މޮޅާއެކު ނިއު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން ލިބުނު 6 ޕޮއިންޓާއެކީގަ އެވެ. ދެވަނައިގައި 3 ޕޮއިންޓާއެކީ އީގަލްސް އޮތްއިރު މި މެޗުން ބަލިވި ވިކްޓްރީ އޮތީ ޕޮއިންޓަކާ އެކީ ލީގުގެ 7 ވަނައިގަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ނިއު އަށް މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރ އިބްރީހިމް ފަޒީލް (އޮއްޕޮ) އެވެ. މެޗުގެ 55 ވަނަ މިނެޓްގައި ވިކްޓްރީގެ ފޯވާޑް ޝިމާޒް އަށް ވަނީ ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ނިއުގެ ކީޕަރު އިމްރާން ކައިރިން ނައްޓާލުމަށް ފަހު އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ނިއުގެ ދެވަނަ ގޯލްޖެހީ މެޗުގެ 57 ވަނަ މިނެޓްގަ އެވެ. ޑޭވިޑް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް ޖަމާލް ޑިބީ އެވެ. މި ގޯލަށްފަހު ވެސް ނިއުއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް މި ފުރުސަތުތަކުގެ ހުރަހަކަށްވީ ވިކްޓްރީގެ ކީޕަރު އާތިފް އަހުމަދު އެވެ.
ނިއުގެ ތިންވަނަ ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ހަމްޒަތް މުހައްމަދު އެވެ. ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ވަރަށް ރީއްޗަށް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ގޯލަށް ވަތްއިރު ވިކްޓްރީގެ ކީޕަރު ހުރީ ހަރަކާތް ވެސް ކުރަން ނޭނގިފަ އެވެ.
ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބް ވެލެންސިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ