ސުޕްރީމް ކޯޓަށް ކުރީގެ މައްސަލަތައް ބެލުމުގެ އިހުތިޔާރު ލިބޭކަމަށް މެންބަރު ނަޝީދު ވިދާޅުވެއްޖެ

14:46ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފަށް، ކުރިން ނިންމާފައިވާ މައްސަލަތައް، މިހާރުގެ ސުޕްރީމް ކޯޓުން ބެލުމުގެ އުސޫލު ބަޔާންކުރާ މާއްދާ ކޯޓުތަކުގެ ބިލުން އުނިކުރި ނަމަވެސް އެފަދަ މައްސަލަތައް ބެލުމުގެ އިހްތިޔާރު ފުޅާ ދާއިރާއެއްގައި އެ ކޯޓަށް ލިބިގެންވާ ކަމަށް، މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ވޯޓުގެ މަރުހަލާގައި، މައްސަލަ ޖެހުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ، ކޯޓުތަކުގެ ބިލުގެ މަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވި މުހައްމަދު ނަޝީދު، އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ އެފަދަ މައްސަލަތައް ބެލުމުގެ އުސޫލު ބިލުގައި ބަޔާންކުރާ ހަތާވީސް ވަނަ މާއްދާ ބިލުން އުނިކުރި ނަމަވެސް، އެކަމަށް ބޭނުންވި މީހުންނަށް، އެކަމުން ލިބޭނެ އުފަލެއް ނެތް ކަމަށެވެ. ކޯޓުތަކުގެ ގާނޫނުގެ ހަތާވީސް ވަނަ މާއްދާ ބޭއްވުމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން މަސައްކަތްކުރި ނަމަވެސް އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި ލިބިފައިވާ މެޖޯރިޓީގެ ބާރު ބޭނުންކޮށްގެން ބިލުން އެބައި އުނި ކުރުމަށް ހޯމަ ދުވަހުގެ ރޭ ވަނީ ފާސްކޮށްފަ އެވެ.އެ ފަދަ މައްސަލަތައް ބެލުމުގެ ބާރު ކޯޓަށް ލިބިދޭ ސަބަބުތައް ބަޔާން ކުރައްވައި، ނަޝީދު ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީ އާއި ޤާނޫނުން ދޭ ވަކިވަކި ބާރުތަކުގެ އިތުރުން، ސުޕްރީމް ކޯޓު ކަމަށްވާތީ، އެ ކޯޓުގެ ޒާތުގައި ވެސް އިތުރު ބާރުތަކެއް އެކޯޓަށް ލިބިދޭ ކަމަށާއި އެކަން، ކޯޓުތަކުގެ ބިލުގައިވެސް ބަޔާންވެ، ކަށަވަރުވެގެންވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ތަބާވުން، ދަށު ކޯޓުތަކަށް ލާޒިމުވި ނަމަވެސް، ސުޕްރީމް ކޯޓަކީ، އެ ކޯޓުގެ އަމިއްލަ ޙުކުމްތަކުން ވެސް ބަނދެވޭ ކޯޓަކަށް ނުވުމާއި، އެ ކޯޓުގެ ޙުކުމެއް ބަދަލުކުރުމާއި އެކަހެރިކުރުމާއި އެ ޙުކުމަކާ ދުރަށް ދިޔުމަކީ، އެކޯޓަށް ކުރެވިދާނެ ކަމަކަށްވުން ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ބިލުން އުނިކުރި މާއްދާއަކީ، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނާ ކަނޑައެޅިގެން ޚިލާފު ނިންމުމެއްގެ ސަބަބުން، ޢަދުލު އިންސާފު ގާއިމު ނުކުރެވިވާނަމަ، އެ މައްސަލަ އަލުން ބަލައިދިނުމަށް ސުޕްރީމް ކޯޓަށް ހުއްދައެއްދޭ މާއްދާއަކަށް ނުވާ ކަމަށާއި، އެ މާއްދާއިން ހަމައެކަނިކޮށްދޭ ކަމަކީ، އެފަދަ މައްސަލަތައް ބެލުމުގައި ސުޕްރީމް ކޯޓުން ޢަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅައިދިނުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އެފަދަ އުސޫލުތަކެއް ކޯޓުން ކަނޑައަޅާންޖޭހޭނެ ކަމަށް އެ މާއްދާގައި، ހިމަނާފައި ވަނީ، އެފަދަ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު އެ ކޯޓަށް ދޫކޮށްލުމުގެ ބަދަލުގައި، އެ އިޚްތިޔާރު ބޭނުންކުރާނެ ގޮތުގެ މައިގަނޑު އުސޫލުތަކެއް ޤާނޫނުގައި ކަނޑައަޅައިދިނުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ބިލުން އެ މާއްދާ އުނިކުރުމުން އެފަދަ މައްސަލަތައް ބަލައިގަތުމަކީ، ސުޕްރީމް ކޯޓަށްވީތީ އޭގެޒާތުގައި އެކޯޓަށް ލިބިދޭ ބާރުގެ ދަށުން ކުރެވިދާނެ ކަމަކަށް ބަދަލުވެގެން ދިޔައީ ކަމަށާއި، އެފަދަ މައްސަލަތައް ބަލައިގަތުމުގައި އަމަލުކުރާނެ ގޮތެއް ޤާނޫނުގައި ކަނޑައަޅައިދީފައި ނުވާތީ،  ސުޕްރީމް ކޯޓުން، އެ ކޯޓުގެ އަމިއްލަ ޒާތުގައި، އެ އުސޫލުތައް ކަނޑައަޅައި، އެކަންކުރުމަށް މަގުފަހިވެގެން ދިޔައީ ކަމަށް ވެސް ނަޝީދު ވިދާޅު ވެފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ މައްސަލަތައް ބެލުމާއި އެފަދަ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެގޮތް ކަނޑައެޅުމުގެ މުޠުލަޤު ބާރު، އެހެން ދޮރަކުން، ސުޕްރީމް ކޯޓަށް ފުރިހަމައަށް ލިބިގެން ގޮސްފައިވާ ކަމަށް ވެސް ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ