އޭވައިއެލް ބަލިކޮށް އީގަލްސް ތިން ވަނަ ހޯދައިފި
މުހައްމަދު މުސްލިހް ކާމިޔާބުކުރި ދެ ލަނޑާއެކު އޭވައިއެލް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ބީފިފްޓީޓޫ އެފްއޭ ކަޕުގެ ތިން ވަނަ މަގާމް ކްލަބް އީގަލްސް އިން ބުރާސްފަތި ދުވަހުގެރޭ ހޯދައިފި އެވެ. މުބާރާތުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ކުރިމަތިލުމުގައި މިރޭ އޭވައިއެލް އިން ލީޑު ނެގީ ފަސް ވަނަ މިނެޓުގައި ހަސަން ސޮލާހުގެ ލަނޑުންނެވެ. އީގަލްސް އަށް މުސްލިހް އެއްވަރުކޮށްދިނީ 64 ވަނަ މިނެޓުގަ އެވެ. އަދި އެ ޓީމު މޮޅުވި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. މެޗަށް ފަހު އީގަލްސް އަށް ލޯ މެޑަލް ދެއްވީ އެފްއޭއެމްގެ ކުރީގެ ޗެއާމަން ކާމިނީޕޫލް އަބްދުއްޝުކޫރެވެ. މި މެޗާއެކު އީގަލްސް އަށް ވަނީ މި އަހަރުގެ ސީޒަން ނިމިފަ އެވެ. އެކަމަކު އޭވައިއެލް އަށް އަދި ޕްރެޒިޑެންޓްސް ކަޕް އެބައޮތެވެ. އެ މުބާރާތުގެ ސެމީގައި އޭވައިއެލް ވާދަކުރާނީ މި މަހު ނުވަ ވަނަ ދުވަހުގެރޭ ބީޖީ ސްޕޯޓްސްއާ އެވެ. އެފްއޭ ކަޕުގެ ފައިނަލް މެޗުގައި ހުކުރު ދުވަހުގެރޭ ވާދަކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ