ކޯޓުން ދިން އެއްވެސް ލިޔުމެއްގެ ފޮޓޯއެއް ނުނަގަން: މައުމޫން

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާތަނަށް ބޭއްވި ޝަރީއަތުގެ އެއްވެސް މަޖިލީހެއްގައި ކޯޓުން ދިން ލިޔުމެއްގެ ފޮޓޯ ނަގާފައިނުވާނެ ކަމަށް އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ. ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ ލިބޭ ނާޒިމްގެ ވަކީލް މައުމޫނު ހަމީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތުގެ ސިއްރު މަޖިލީހެއްގައި ދައުލަތުން ދިން ލިޔުންތަކެއްގެ ފޮޓޯ ނަގައިފައިވާ ކަމަށް ބުނެ "ވަގުތު" ނޫހުގައި މިއަދު ލިޔެފައިވަނީ ދޮގު ހަބަރެކެވެ. "ގާނޫނާ ހިލާފު އަމަލުތަކެއް އަޅުގަނޑުމެން ހިންގާފައިވާ ކަމަށް ބުނެ ލިޔެފައިވާ ވާހަކަތަކަކީ ޝަރީއަތުގެ މަޖިލިސްތަކަށް ހާޒިރު ނުވާ ފަރާތްތަކަށް ޝަރީއަތުގެ މަޖިލިސްތަކުގައި ކަން ހިނގާ ގޮތް އޮޅުވާލުމުގެ މަގުސަދުގައި އެއްވެސް އަސާސެއް ނެތި އަމިއްލަ އަށް އުފައްދާފައިވާ ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ޝަރީއަތުގެ އެއްވެސް މަޖިލީހެއްގައި ކާނަލް ނާޒިމްގެ ވަކީލުންނަށް ލިބިފައިވާ އެއްވެސް ލިޔުމެއްގެ ފޮޓޯ ނަގާފައި ނުވާނެ ވާހަކަ ދަންނަވަމެވެ." އެ ބަޔާނުގައިވެ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ކޯޓަށް ވައްދަނީ. --ހަވީރު ފައިލް ފޮޓޯ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ނާޒިމްގެ ވަކީލުން ވެސް ވައްދަނީ ހޭންޑް ހެލްޑް މެޓަލް ޑިޑެކްޓަރު ބޭނުންކޮށްގެން ޗެކްކުރުމަށް ފަހު ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ނާޒިމްގެ ގާނޫނީ އޮފީސް ހުންނަނީ ޖަސްޓިސް ބިލްޑިން ކުރިމަތީގައި ކަމަށް ވާތީ ވަކީލުންގެ ޓީމް ކުރިމިނަލް ކޯޓަށް ދިޔައިރު އެއްވެސް ވަކީލަކު ފޯނު ގެންގޮސްފައި ނުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. "ވަގުތު" އޮންލައިނުން ބުނެފައި ވަނީ ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ޕެން ޑްރައިވްގައި ހުރި ލިޔުންތައް ނާޒިމްގެ ވަކީލުންގެ ފަރާތުން ލީކްވެފައިވާ ކަމަށެވެ. ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ޕެން ޑްރައިވްގެ ފޮރެންސިކް އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ނަގަން ފެށި އިރު ކޯޓު ރޫމްގައި އޭރު ތިބި އާންމުން ބޭރަށް ނެރެ ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ. އެ ގޮތަށް ފަނޑިޔާރުން ނިންމެވީ ޕެން ޑްރައިވްގައި ހުރި މައުލޫމާތަކީ ގައުމީ ސަލަމަތާ ގުޅުންހުރި ސިއްރު މައުލޫމާތުތަކަކަށް ވާތީ، ހުޅުވާލައިގެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި އެ މައުލޫމާތު ދިނުމަށް އުޒުރުވެރިވަޑައިގަންނަވާ ކަމަށް ހެކިވެރިޔާ ވިދާޅުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ