މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ފަސް ކެޓަގަރީއަކުން އިނާމު ދެނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމު ފަސް ކެޓަގަރީއަކަށް ބަހާލައިގެން ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި ބެހޭ ކޮމެޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާމަން ޑރ. އަހުމަދު އަންވަރު ވިދާޅުވީ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ފަސް ދާއިރާއަކީ މަތީ ތައުލީމާއި ތަމްރީންގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރާ ފަރާތްތަކާއި، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކާއި، މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލް ކުރާ ފަރާތްތަކުގެ އިތުރުން ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރާ ނުވަތަ އެއްޗެއް އުފައްދާ ފަރާތްތައް ކަމަށެވެ.
އަންވަރު އިތުރަށް ވިދާޅުވީ އިނާމު ދެވޭނީ މި އިނާމު ދިނުމަށް ކަނޑައަޅާފައިވާ ފަސް ދާއިރާގެ ތެރެއިން 2007 ން ފެށިގެން ފަހުން ފާހަގަ ކުރެވޭ ކަންކަމަށް ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރާ ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކަށް މި އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުން ފެށިގެން ކަމަށާއި މި އަހަރު މި އިނާމުތައް ދޭނީ ހަތަރު ކެޓަގަރީ އަކަށް ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރާ ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކުން މި އިނާމަށް ހޮވުމަށް ކުރަންޖެހޭ މަސައްކަތްތައް ހުންނާނީ ވާދަވެރި ކަންތައްތަކެއްގެ ގޮތުގައި ކަމަށާއި، މި ދާއިރާއިން އިނާމު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު އިނާމު ދިނުމަށް ބާއްވާ ޖަލްސާގައި އިއުލާނު ކުރައްވާނެ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.
ޑރ. އަހުމަދު އަންވަރު ވިދާޅުވީ މި އިނާމަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށް ކުރިން ދެމުން އައި އިނާމަށް ބަދަލުތަކެއް ގެނައުމަށްފަހު ދޭ އިނާމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ