ގާސިމް ކުރާނީ ހަރަދު، ވޯޓު ލިބޭނީ ޕީޕީއެމަށް: ޑރ. ޖަމީލް
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތިން ވަނަ ފިކުރަކަށް ޖާގައެއް ނެތް ކަމަށާއި އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަރަދުކުރެއްވިއަސް ރައްޔިތުންގެ ވޯޓު ލިބޭނީ ޕީޕީއެމަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. ރިޔާސީ އިންތިހާބުގައި ހީނުކުރާހާ މިންވަރަށް ޕީޕީއެމްގެ ނަތީޖާ ބަލިވާނެ ކަމަށް ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޑރ. ހަސަން ސައީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޖަމީލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އިންތިހާބުގެ ކެމްޕޭނަށް ބަލާއިރު ނަތީޖާ ފެންނަނީ މައިގަނޑު ދެ ފިކުރަށް ކަމަށެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އަށް ކަމަށާއި އިތުރު އެހެން ފިކުރަކަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ދެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީ އަށް، ޕީޕީއެމަކީ ގޮންޖެހުމެއް ނޫން ކަމަށް ހަސަން ވިދާޅުވި އިރު، އޭނާ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހާ ވަރަށް ބީރައްޓެހި ބޭފުޅެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާއެކު ހަސަން ކޯލިޝަން ހަދާފައިވީ ނަމަވެސް ރައްޔިތުން ގޮވައިގެން އުޅުމުގެ މައިގަނޑު ފިކުރެއް ނުގެންގުޅުއްވަ އެވެ. މިހާރު ވެސް ގެންގުޅުއްވަނީ ރައީސް މުހައްމަދު ވަހީދު އަރިހުގައި މަސައްކަތް ކުރެއްވި އިރު ވެސް ގެންގުޅުއްވި ބައިބައިކުރުމުގެ ފިކުރެވެ. "ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މީހުން ގޮވައިގެން އެކުވެރިކޮށްގެން އުޅެވޭނެ ބަޔަކު. އަޅުގަނޑު ދެކޭ ގޮތުގައި މިއަދު ރައީސް ވަހީދު އަރިހުގައި އެ ބޭފުޅުން އެކަން ކުރައްވާފައި މިއަދު ގޮސް އެހެން ދިމާއެއްގައި އެ ތިއްބެވީ. އެއްވެސް ޔަގީންކަމެއް ނެތް ގާސިމް ކައިރީ ވެސް މަޑުކޮށްގެން ތިބޭނެ ކަމެއް. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އިންތިހާބު ނިމުމުގެ ކުރިން ގާސިމް އަރިހުން ވެސް އެ ބޭފުޅުން ހިނގައިދާނެ، ގާސިމް ދޫކޮށްލުމަކީ ވެސް ވުން އެކަށީގެންވާ ކަމެއް،" ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަބަދުވެސް ކޮންމެވެސް މަންފާއެއްގެ ފަހަތުން ދުވާ ބައެއްގެ ބަދަލުގައި ރައްޔިތުން ބޭނުން ވަނީ ސިޔާސީ ގޮތުން ރާއްޖެ އަށް ފިނިކަމެއް ގެނެސްދެވޭނެ ބަޔަކާ ވެރިކަން ހަވާލުކުރަން ކަމަށެވެ. ސިޔާސީ ގޮތުން އެކި ދިމަދިމާލަށް ހަސަން ވަޑައިގަންނަވާތީ ޖަމީލް އެކަން ސިފަކުރެއްވީ "ނުފޯރާ ފޮތިން ފޫގަޅަން" އުޅުން ފަދަ ކަމެއްގެ ގޮތުގަ އެވެ. ޖަމީލް ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުގައި ތިބި ޒުވާނުން އެމަނިކުފާނާ ފިކުރު ތަފާތުވުމުން، ވަޒީފާ އިން ވަކިކުރެއްވީ ހަސަންގެ ލަފަޔާ އެކުގައި ކަމަށެވެ. އެކަމުން ދައްކުވައިދެނީ، ޖަމީލް ވިދާޅުވި ގޮތުގައި، ޒުވާނުންނާއި އެހެން މީހުންނަށް ވެސް ފުރުސަތުދީގެން އެ މީހުން ގޮވައިގެން އުޅުމުގެ ގާބިލްކަމެއް ހަސަންގެ ކިބައިގައި ނެތް ކަމެވެ. "އެކި ދިމަދިމާލަށް ބަހުގެ ހަމަލާތައްދީ، ޒުވާނުން ވަކިކޮށް މީހުން އެއްކިބާ ކުރުމުގެ ސިޔާސަތުގައި ބައިބައިކުރުމުގެ ސިޔާސަތެއް ހިއްޕަވައިގެން މި އުޅުއްވަނީ. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން ބޭނުންވާ ގޮތެއް ނޫން،" ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުން ވަނީ ރާއްޖެ އަށް އައި ބަދަލުތަކާއެކު ސުލްހަ މަސަލަސްކަން ހޯދައި ސިޔާސީ މަސްރަހަށް ފިނިކަމެއް ގެނެވޭނެ ބަޔަކު ވެރިކަމަށް އައުމަށެވެ. އެ ފިނިކަން އެމްޑީޕީ އާއި ރައީސް ވަހީދުގެ ސަރުކާރަށް ވެސް ހޯދައިދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ކެމްޕޭން ފެށުނު ހިސާބުން، އޭރު ރައީސް ވަހީދުގެ އަރިހަށް ވަޑައިގެން ތިމަންނާ މިއުޅެނީ ވަކި އެއްޗެއް އުފައްދާށޭ ވިދާޅުވުމުން ވެސް އެއީ ނަތީޖާ ހާސިލްވާނެ ކަމެއް ނޫން ކަން އެނގުނު. ރައްޔިތުން ބޭނުން ވަނީ ފިނިކަމެއް ގެނެސްދެވޭނެ ރައްޔިތުން ގޮވައިގެން އުޅޭނެ ފަދަ ވެރިކަމެއް ގެންނަން،" ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ޕާޓީތަކާ އަޅާބަލާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހަށް ފިނިކަން ގެނެސްދެވޭނީ ޕީޕީއެމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ