ވޯކިން ގްރޫޕަކީ ކޯޓެއް ނޫން، އަމަލުކުރާނީ ސުޕްރީމް ކޯޓުގެ ނިންމުމަށް: ދުންޔާ
އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމަކީ ޝަރުއީ ކޯޓެއްގެ ނިންމުންތަކެއް ނޫން ކަމަށް ވިދާޅުވެ، އެ ނިންމުމަށް ސަރުކާރުން އަމަލުކުރަން ލާޒިމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވީ ނަޝީދުގެ މައްޗަށް ހުކުމްކުރި މައްސަލާގައި ދިވެހި ސަރުކާރުން އަމަލުކުރާނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޝަރުއީ ކޯޓުތަކުގެ ނިންމުންތަކަށް ކަމަށެވެ. ނަޝީދުގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، ސަރުކާރުން އަމަލުކުރާނީ އެ ކޯޓުން ނިންމާ ގޮތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެ ތަމްސީލް ކުރައްވަން ނިއު ޔޯކަށް ވަޑައިގަތުމަށް ފަހު، އެނބުރިވަޑައިގެން ފޮރިން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ދުންޔާ ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ވޯކިން ގްރޫޕުން ނިންމާނީ ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށްގެން ކަމަށް ސަރުކާރުން އުއްމީދުކުރި ކަމަށެވެ. އެކަމަކު އެއާ ހިލާފަށް އެއްފަރާތަކަށް ބުރަވެ، ވޯކިން ގްރޫޕުން މައްސަލަ ނިންމާފައިވާތީ ހިތާމަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދުންޔާ ވިދާޅުވި ގޮތުގައި ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލާގައި ސަރުކާރުން އެއްބާރުލުންދީގެން ކުރިއަށް ދިޔައީ ރަނގަޅު ނިޔަތުގަ އެވެ. އެ މައްސަލާގައި ނަޝީދުގެ ފަރާތްޕުޅުންނާއި ސަރުކާރުން ލިޔުންތައް ހުށަހަޅާފައިވާއިރު، މިނިސްޓަރު ވިދާޅުވި ގޮތުގައި، މައްސަލަ ނިންމިއިރު ވޯކިން ގްރޫޕުން ހަމަހަމަކަން ބަހައްޓާފައި ހުރި ކަމަށް ގަބޫލެއްނުކުރެއްވެ އެވެ. "އަޅުގަނޑުމެން އުއްމީދުކުރީ ސަރުކާރުން ހުށަހެޅި ހުރިހާ މައުލޫމާތުތައް އެ ބޭފުޅުން ރަނގަޅަށް ބައްލަވައި އޮޕީނިއަން ނެރުއްވާއިރު، އެކަމަށް ރިއާޔަތްކުރައްވައި ނެރުއްވާނެ ކަމަށް. އެކަމަކު އެހެން މުޅިން ކަން ހިނގާފައި އޮތް ގޮތަށް އަޅުގަނޑަކަށެއް ގަބޫލެއް ނުކުރެވޭ،" ދުންޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އދ.ގެ ވޯކިން ގްރޫޕުން މައްސަލަ ބަލާ ބައެއް ގައުމުތަކުން އެ ގުރޫޕަށް ޖަވާބުދާރީ ނުވެ ވެސް އެބަ ހުއްޓެވެ. އެހެންވެ އެއީ އަމަލުކުރަން ނުޖެހޭ ނިންމުންތަކެއްގެ ގޮތުގައި ގިނަ ގައުމުތަކުން ނިންމާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ އިނގިރޭސިވިލާތުގެ އޮމްނިއާ ސްޓެރެޓެޖީގެ އެއް ވަކީލް ޓޯބީ ކެޑްމަން ވެސް މިއަދު ނޫސްވެރިންނަށް ވިދާޅުވީ އދ.ގެ ވޯކިން ގްރޫޕުގެ ނިންމުމަށް ސަރުކާރުން އަމަލުކުރަން ނުޖެހޭނެ ކަމަށެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މައްސަލަތައް ވެސް އެ ގްރޫޕުން ނިންމައި އަމަލުކުރަން އަންގާފައިވާއިރު، އެ ނިންމުންތަކަށް އަމަލުކުރުމަކީ އެ ސަރުކާރަކުން ނިންމާ ނިންމުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. ކެޑްމަން ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުން ވޯކިން ގްރޫޕުގެ ނިންމުމާ އެއްގޮތަށް އަމަލެއް ނުކުރެ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. "[ނަޝީދު މައްސަލާގައި ވެސް] ވޯކިން ގްރޫޕުން ހާމަކޮށްފައި އެވަނީ މައްސަލާގައި އެ މީހުން ދެކޭ ގޮތް. އެއީ ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭނެ ނިންމުމެއް ނޫން،" ކެޑްމަން ވިދާޅުވި އެވެ. އދ.ގެ ވޯކިން ގްރޫޕުން ރާއްޖެއާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ނިންމުންތައް ނިންމާފައިވާ ކަން ފާހަގަކުރައްވައި، ފޮރިން ސެކްރެޓަރީ އަލީ ނަސީރު ވިދާޅުވީ 2009ގައި ނަޝީދުގެ ވެރިކަމުގައި ވެސް އެފަދަ ނިންމެއް ނިންމާފައިވާ ކަމަށެވެ. އެ ފަހަރު ވޯކިން ގްރޫޕުން ނިންމީ ރާއްޖޭގެ ޖަލެއްގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރި ބޭރުގެ ގައިދީއަކު ވަގުތުން މިނިވަންކޮށް އޭނާއަށް ބަދަލުދޭން ކަމަށް ނަސީރު ވިދާޅުވި އެވެ. އެކަމަކު އެ ގައިދީ ދޫކޮށްލެވެން ނެތް ކަން ނަޝީދުގެ ސަރުކާރުން އޭރު ކަނޑައަޅާފައިވާ ކަން ނަސީރު ފާހަގަކުރެއްވި އެވެ. "އޭނާއާ ގުޅޭ ގޮތުން އޭރު [ނަޝީދުގެ] ސަރުކާރުން ނިންމީ، އޭނާއާ މެދު ފިޔަވަޅު އަޅާނީ ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރޭގައި ހަމަޖެހިފައިވާ ގޮތަށޭ. ވޯކިން ގްރޫޕުގެ އޮޕީނިއަންގައި ބުނާ ގޮތަކަށެއް ނޫނޭ،" ނަސީރު ވިދާޅުވި އެވެ. ނަޝީދުގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ، އެ ކޯޓުން އެ މައްސަލަ ނިންމާއިރު އދ.ގެ ވޯކިން ގްރޫޕުގެ ނިންމުމަށް ބަލާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. "ކޮންމެ ގޮތެއް ވިޔަސް މިއީ ޝަރުއީ ދާއިރާގެ މައްސަލައެއް. މިއީ ސަރުކާރުން މިއާ މެދު އިތުރަށް ބުނާނެ ވާހަކައެއް ނުވަތަ ފާހަގަކުރާނެ ކަންތައްތަކެއް ހުރި ކަމަށް ގަބޫލެއް ނުކުރަން،" ދުންޔާ ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި 13 އަހަރަށް ޖަލަށް ލާފައިވާ ނަޝީދުގެ މައްސަލާގައި އދ.ގެ ވޯކިން ގްރޫޕުން ނިންމީ އެ ހުކުމް އިއްވީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެމަނިކުފާނު ވަގުތުން ދޫކޮށްލަން ޖެހޭ ކަަމަށެވެ. އަދި އެ ހައްޔަރާ ގުޅިގެން ނަޝީދަށް ބަދަލުދޭން ޖެހޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ. ނަަމަވެސް ސަރުކާރުން އެ ނިންމުން ގަބޫލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ