އިންތިހާބު ކާމިޔާބުވާނެކަން ޔަގީން ނަމަ އަލުން ވޯޓް ގުނަން ދެކޮޅެއް ނުހަދާނެ: ގާސިމް

އިންތިހާބުގު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ބަޔަކު އިންސާފުވެރި އިންތިހާބެއްކަން ކަށަވަރު ކުރަން އަލުން ވޯޓް ގުނަން ދެކޮޅު ނުހަދާނެކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒްގައި މި ރޭ ބޭއްވި ޖުމްހޫރީ ގުޅުމުގެ ޖަލްސާއެއްގައި އެމްޑީޕީއަށް ނިސްބަތްކޮށް ގާސިމް ވިދާޅުވީ ނުވަދިހަ އެތައް ހާސް ވޯޓް ލިބުނު ބަޔަކު ވޯޓް އަލުން ގުނުމާ ދެކޮޅު ހަދާ ގެންދާ ސަބަބުތަކާމެދު ސުވާލު އުފެދޭ ކަމަށާއި ވޯޓް ގުނަން ދެކޮޅު ހަދާ މީހުން ކޯޓްތަކުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހަށް އަމިއްލައަށް ތަދައްހުލުވެ ނިމިގެންދިޔަ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ކަމަށް ބުނެ ވަކާލާތުކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ރައްޔިތުން ބުނާއިރު އެކަމަށް ކޮމިޝަނުން ބީރު ކަންފަތެއް ދީގެން އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު މިދަންނަވަނީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި [އަޅުގަނޑު] ހުރިނަމަ އަޅުގަނޑު ދަންނަވާނަމޭ ރައްޔިތުންގެ ހައްގުތައް ޔަގީންކޮށްދެއްވާށޭ، ދަންނަވާން އިނގޭތޯ. ކީއްވެގެންތޯ އެހެން ވިދާޅު ނުވެވިގެން މިއުޅެނީ. ކޯއްޗެއްތޯ މި ފޮރުވަނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާ އަމިއްލަ އެދުމުގައި ނޫން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެކަން ގަބޫލު ކުރާނެ ކަމަށައި ނަމަވެސް ވޯޓް އޮޅުވާލައިގެން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރުމުން ދެން އެކަން ބަލައިނުގަންނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންސާފު ހޯދަން ކޯޓަށް ދިއުމުން އެއީ ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ނަގާލަނީ ކަމަށް ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫންކަމަށާ އެކަން ރައްޔިތުން ގަބޫލް ނުކުރާނެ ކަމަށެވެ.
"ދެން މި ދަންނަވަނީ ގައުމުގެ އަދުލް އިންސާފް ނަގާލަނީއޭ. ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަނީ. ކީކޭތޯ މިކިޔަނީ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަކީ މުއައްސަސާތަކުގެ ދައުރެއް ނޫންތޯ؟" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ