ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ވައްދައިފި

ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލްހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާތީ އެ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި މި ވަނީ ކުރިން ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް، ހަމީދުގެ ގޮނޑި ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިފައިވާ ނިންމުމެއް މައްސަލައާ އެކު ހުށަހަޅާފައިނުވާ ކަމަށް ބުނެ ކޯޓުން ވަނީ އެ މައްސަލަ އެ ފަހަރު ބަލައިނުގަންފަ އެވެ. މޫސަ ބުނީ މި ފަހަރު މައްސަލަ ހުށަހަޅާފައިވާނީ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކާއެކު ކަމަށެވެ. އިލެކްޝަންސް އިން އޭނާ އަށް ފޮނުވި ސިޓީއެއްގައި ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށް މޫސަ ބުންޏެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާނީ އިލެކްޝަންސް އިން ގޮނޑި ހުސްވެފައިވާކަން ޔަގީންކުރަމުންދާ އިރު އޭނާ އަށް އެކަން ޔަގީންވެފައިވާތީ ގޮނޑި ހުސްވެފައިވާ ކަމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ. ހަމީދުގެ މައްޗަށް މިދިޔަ އޮގަސްޓް 29 ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ޑިރެކްޓަރަކަށް ހުންނަވައިގެން، "އުފުލި" ގެނައުމުގައި އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށެވެ. ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ އުފުލީގެ އަގަށްވާ 50 ޕަސެންޓު ދައްކަންޖެހެނީ އުޅަނދު ގެނައުމުގެ ކުރިން ކަމަށާއި ބާކީ 50 ޕަސެންޓް ދައްކަންޖެހެނީ އުޅަނދު މާލޭ ބަނދަރަށް ވެއްދުމުން ކަމަށް އެ ހުކުމުގައިވެ އެވެ. ނަމަވެސް އެ އުޅަނދު މާލޭ ބަނދަރަށް ވެއްދުމުގެ ގާތްގަނޑަކަށް ހަ މަސް ކުރިން އެ އުޅަނދު ލިބިފައިވާ ކަމަށް ހަމީދު ސޮއިކުރައްވާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ