ރައީސްގެ އިންޑިއާ ދަތުރުފުޅުން މައްސަލަތައް ހައްލުވާނެ: މައުމޫން

ދެ ގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކަށް ރައީސް އަބްދުﷲ ޔާމީން އިންޑިއާ އަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ސަބަބުން ހައްލު ލިބި ކުރިން ވެސް އޮތް ފަދަ ބަދަހި ގުޅުމެއް އުފެދޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމަށް ބައެއް މީހުން ސޮއިކުރަން އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ރައީސް ކަމުގައި އިންޑިއާއާ އެކު އޮތީ ރަހުމަތްތެރިކަމުގެ ވަރަށް ބޮޑު ގުޅުމެއް ކަމަށާއި އޭރު ރާއްޖެ އާއި އިންޑިއާއާ ދެމެދު މައްސަލަތަކެއް ނެތް ކަމަށެވެ. ނަމަވެސް މިފަހުން ކަންތައްތައް ހިނގާ ދިޔަ ގޮތުން އިންޑިއާ އާއި ރާއްޖޭގެ ނުތަނަވަސްކަން އައި ކަމަށް މައުމޫން ވިދާޅުވި އެވެ. އެގޮތުން ބޭސްކުރަން ދާ ދިވެހިންނަށް ވިސާ ނަގަން ޖެހުމާއި ހިލަ ފަދަ ތަކެތި ރާއްޖެ އަށް ބޭރުކުރުން މަނާކުރުން ފަދަ ކަންކަން ކުރިމަތިވި ކަމަށް މައުމޫން ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ޔާމީންގެ ދަތުރުފުޅުގެ ސަބަބުން އެ މައްސަލަތަކަށް ހައްލު އަންނާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. "އަޅުގަނޑުގެ ވެރިކަމުގައި އޮތް ފަދަ މައްސަލަތަކެއް ނެތް އަމާންއޮމާން ގުޅެމެއް އިންޑިއާ އިން އަނެއްކާ ވެސް ރާއްޖެއާ މެދު ބާއްވާނެ ކަމުގެ ޔަގީންކަން ރައީސްގެ ދަތުރުފުޅާ އެކު އެ ގައުމުން މިވަނީ ދީފައި. އަޅުގަނޑުގެ ދުވަސްވަރުގައި އޮތް ހިސާބަށް އަނެއްކާވެސް ރާއްޖެ އާއި އިންޑިއާ ގުޅުން ބަދަހިވެގެން ދާނެ. މިހާރު މިހިރަ މައްސަލަތަކަށް ހައްލު މި އަންނަނީ،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމުން ބޭނުން ވަނީ ކޮންމެ ކަމެއްގައި ވެސް އެންމެންނާ ގުޅިގެން ހަރުދަނާ ގޮތެއްގައި ކަންތައްތައް ކުރަން ކަމަށެވެ. އަދި ހާރިޖީ ސިޔާސަތުގެ ގޮތުން ވެސް އެ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނީ ހަރުދަނާ އުސޫލެއް ކަމަށް ވިދާޅުވި އެވެ. ޕީޕީއެމް ވެރިކަމާ ހަވާލުވި ފަހުން މާލޭގެ މަގުތަކަށް ހަމަޖެހުން އައިސްފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް މީގެ ކުރިން މީހުންނަށް ހިނގާ ބިގާވެ ނޫޅެވޭ ވަރަށް މާލޭގެ މަގުތައް ނުރައްކާތެރި ވެގެން ދިޔަ ކަމަށް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި މިހާރު މި އޮތް އަމާންކަން ދަމަހައްޓާނޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "މި ޕާޓީ އުފެދުނީ އެންމެ ބޭނުމެއްގައި. އެއީ ގައުމީ މަސްލަހަތުގައި އަޅުގަނޑުމެން މަސައްކަތް ކުރުން. އަޅުގަނޑުމެންގެ ފުރަތަމަ ވެސް މަސްލަހަތަކަށް ވާނީ ގައުމަށް ރަނގަޅު، ހެޔޮ ގޮތްތަކެއް ހޯދައިދިނުން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ