ކުރީގެ މެމްބަރު ނާޒިމްގެ ދެ ވަނަ އޮޕަރޭޝަނެއް ކޮށްފި
މަކަރާއި ހީލަތުގެ ކުށް ސާބިތުވެ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ ދެ ވަނަ އޮޕަރޭޝަނެއް ސިންގަޕޫރުގައި އިއްޔެ ކޮށްފި އެވެ. ބޭސްފަރުވާ އަށް ވަޑައިގެން ސިންގަޕޫރުގައި މިވަގުތު ހުންނެވި ނާޒިމް ފުރަތަމަ ކުރެއްވީ ކަނާތު ބޮޑުވާ އިނގިލީގެ ހުޅުގެ އޮޕަރޭޝަނެކެވެ. އޭގެ ފަހުން މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. ނާޒިމްގެ އާއިލާ އިން ބުނީ މައިބަދައިގެ އޮޕަރޭޝަނާ ގުޅިގެން އޭނާ ހަފުތާއެއްހާ ދުވަހު އެޑްމިޓްކޮށްފައި ބާއްވަން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. ސިންގަޕޫރުން އެ އޮޕަރޭޝަން ކުރީ ޑޮކްޓަރުން ލަފާދެއްވި ގޮތަށް، އެ އޮޕަރޭޝަން ކުރަން ނާޒިމް ބެންކޮކަށް ދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ނުދިނުމުން ކަމަށް އާއިލާ އިން ބުންޏެވެ. އޭނާ އަކީ މީގެ ކުރިން ވެސް މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހަކަށް ވާތީ، ނާޒިމް ބެންކޮކަށް ފޮނުވައިދޭން ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ. އާއިލާ އިން ބުނިގޮތުގައި ނާޒިމްގެ ކަނާތު ބޮޑުވާ އިނގިލީގެ އޮޕަރޭޝަންގައި ބޮޑުވާ އިނގިލީގެ ހުޅުތެރެ އަށް ދަގަނޑު ޕިނެއް ޖަހާފައި ހުރުމުގެ ސަބަބުން އޭނާގެ އަތްތިލަ ބޭނުމެއް ނުކުރެވެ އެެވެ. އެ ހުޅު ނެއްޓި، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ހުޅަށް ލިބުނު އަނިޔާ އަށް އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އާއިލާ އިން ބުންޏެވެ. ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު ކަރެކްޝަނަލް ސާވިސް އިން ވަނީ ތިން ފަހަރަށް އިތުރުކޮށްފަ އެވެ. އޭނާ އަށް ދީފައިވާ މުއްދަތު ހަމަވާނީ މާޗް މަހުގެ ނިޔަލަށެވެ. ނާޒިމްގެ މައްޗަށް ހުކުމް އައީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، ނާޒިމް މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން އެ ބިޑް ކާމިޔާބު ކުރުމުންނެވެ. ދިދަ ގަތުމަށް ލިބުނު 1،425،000 ރުފިޔާއަކީ ކުންފުނި ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ނާޒިމް މަކަރާއި ހީލަތުން ހޯދާފައިވާ އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަން އޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި މައްސަލާގެ ހުކުމުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ