އީރާނުގެ މީނާބްގައި ހުންނަ 'ޝަޖަރޭ ތައްޔިބާ' ގާލްސް ސްކޫލަށް ދީފައިވާ ރަހުމުކުޑަ ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 168 ކުދިންގެ ފުރާނަ ގެއްލިގެންދިޔަ މި ހަމަލާއަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ.
މި މައްސަލައާ ގުޅިގެން ސްވިޒަލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ވަނީ ކުއްލި ބަހުސެއް ކުރިއަށް ގެންގޮސްފައެވެ. "ބައިނަލްއަގުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތައުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ވައިގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ބޮޑު އަމަލެއް" މި މައުލޫއަށް ބޭއްވި ބަހުސްގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާފައެވެ.
ޑރ. ސަލްމާގެ ތަގުރީރުގައި، އިސްރާއިލްއާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ގަލްފްގެ ގައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލުބުނާން މިހާރު އޮތް ނުރައްކާތެރި ހާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާ އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދޭ އިސްރާއީލު ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވަނީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފަށް ހިންގާ މިފަދަ އަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށެވެ. އަދި މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށްވެސް ރާއްޖެއިން ބާރުއަޅާފައިވެއެވެ.
މިއީ މި ހަފުތާގެ ތެރޭގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީގައި ތާވަލުކުރެވުނު މިފަދަ ދެވަނަ ކުއްލި ބަހުސެވެ. މީގެ ކުރިން ބުދަ ދުވަހު ބޭއްވުނު ބަހުސަކީ ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، ކުވައިތު، އޮމާން، ބަހްރެއިން އަދި ޖޯޑަންއާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅޭގޮތުން ބޭއްވި ބަހުސެކެވެ. މި ދެ ބަހުސްގައިވެސް ރާއްޖެއިން ބައިވެރިވެ، އދ. ގެ މަންޝޫރަށާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް ރާއްޖެއިން ކުރާ އިހްތިރާމާއި، ދިވެހި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް ވަނީ ހާމަކޮށްދީފައެވެ.
އީރާނުގެ 'ޝަޖަރޭ ތައްޔިބާ' ސްކޫލަށް ދިން ހަމަލާ ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ