މަގުމަތިން ކަންކަން ނިންމޭނެ ކަމަށް ގަބޫލުކުރުމުގެ ސަގާފަތް ރާއްޖެއިން ފޮހެލާނަން: އުމަރު

މަގުމަތިން ކަންކަން ނިންމޭނެ ކަމަށް ގަބޫލުކުރުމުގެ ސަގާފަތް ރާއްޖެއިން ފޮހެލާނެ ކަމަށާއި ރާއްޖޭގެ މަގުތަކަކީ އަމާންތަނަކަށް ހައްދަވާނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީމީޑިއާ ގުރޫޕުގެ ދަށުން ހިންގާ މިއަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވީ މިސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރަމުން ގެންދާނީ ގާނޫނުގެ ތެރެއިން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އަމަލުތައްވެސް ބަހައްޓަންޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.
އުމަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަމެއް ކުރަން ބޭނުންވުމުން ދައުލަތުގެ ވެރިންގެ ގެކޮޅުތައް ކައިރިއަށް ގޮސް ތާޅަފިލި ބޭނުންކޮށް، އަޑުގަދަކޮށްގެން ކަންކަން ކުރެވުނު ޒަމާން މިހާރު މާޒީވެ ގޮސްފައިވާ ކަމަށެވެ. އަދި އެދުވެސް އަލުން އަނބުރާ ގެނެވިދާނަމަ ކަމަށް ބަޔަކަށް ގަބޫލުކުރެވޭނަމަ އެއީ ކުށްހީއެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އެންމެ ގިނައިން އެމްޑީޕީ އެއްވީ ކާނަލް ނާޒިމް [ކުރީގެ ޑިފެންސް މިނިސްޓަރު] ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް. އެދުވަހަކު އެއްވާން ބޭނުންވި ވަޒީރެއްގެ ގެކޮޅު ކައިރިއަށް އެއްވެ އުނދަގޫތައް ކުރަމުން ގެންދިއައީ. އެކަމަކު އެދުވެސް މިހާރު ފާއިތުވެ ހިނގައްޖެ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެސް ބައްދަލުވުންތައް ބޭނުން ވަރަކަށް ގަވައިދުން ބޭއްވޭނެ ކަމަށާއި ސިޔާސީ ހަރަކާތްތައްވެސް ހިންގޭނެ ކަމަށެވެ. ހައްލުކުރަންޖެހޭ މައްސަލައެއް އޮތް ނަމަ އެކަމަކާއި ބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން އެ މައްސަލައެއް ހައްލުކުރަން މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އެންމެ ފުޅާމިނުގައި ހުޅުވާލެވިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކޮންމެ ފަރާތަކުން ނަމަވެސް ސިޔާސީ ހަރަކާތްތައް ހިންގަންޖެހޭނީ ސިޔާސީ ޕޯޑިއަމްތަކާއި ރައްޔިތުންގެ މަޖިލީހާއި އެނޫންވެސް ސިޔާސީ ހަރަކާތްތައް ހިންގަން ހުއްދަ އޮންނަ ތަންތަނުގައި ކަމަށެވެ.
"މަގުތަކަކީ ސިޔާސީ ހަރަކާތް ހިންގަން ހުރި ތަންތަނެއް ނޫން. އެހެންވީމާ މަގުތައް އަމާންވެފައި ރައްކާތެރިވާންޖެހޭނެ. މަގުތަކަކީ އެތަނުގެ ބޭނުންހިފާ އާންމު ރައްޔިތުންގެ ބޭނުންތަކަށް ހުރި ތަންތަން. އެއީ ސިޔާސީ ހަރަކާތް ހިންގައި ރައްޔިތުންނަށް ދަތިކުރަން ހުރި ތަންތަނެއް ނޫން،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަގުތައް ބަންދުކޮށް ރައްޔިތުންނަށް ދަތިކުރުމުން ގައުމުގެ ތަރައްގީއަށް ހުރަސްއެޅޭ ކަމަށާއި ގައުމުގެ ތަރައްގީއަށް ހުރަސްއެޅޭ އެއްވެސް ކަމަކަށް މިސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ.
"މިސަރުކާރުގެ ބޭނުމަކީ ގައުމުގެ ކަންކަން ތަރައްގީކުރުން. ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ މުއްސަނދި ކުރުވުން. އެކަންކަމެއް ނުކުރެވޭނެ މަގުމަތީގައި އިރުއިރުކޮޅުން ސިޔާސީ ހަރަކާތް ހިންގައިގެނެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ސުލްހަވެރިކަމާއިއެކު ގާނޫނީ އިމުގެ ތެރެއިން ހިންގާ ސިޔާސީ ހަރަކާތްތަކަށް މިސަރުކާރުން މަރުހާބާ ކިޔާނެ ކަމަށެވެ. ނަމަވެސް ގާނޫނު މުގުރާލާ ބިރުދައްކައިގެން ކަންކަން ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ