ޒާހިރު ނަޞީރަކީ ރާއްޖޭގެ ކުޅިވަރުގެ ދެވަނަ ބާނީ: ރައީސް މައުމޫން

ރާއްޖޭގެ ކުޅިވަރުގެ ފުރަތަމަ ބާނީ އަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެފާނު ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ދެވަނަ ބާނީ އަކީ މުޙައްމަދު ޒާހިރު ނަޞީރު ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިމޭރުމުން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި މުޙައްމަދު ޒާހިރު ނަޞީރުގެ ތައުބީނުގެ ޖަލްސާގައެވެ. "ޒާހިރު ނަޞީރު ވަނީ 65 އަހަރުގެ ދިގު މުއްދަތެއްގައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި. އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތައް ވަނީ ތާރީޚުގައި ރަންއަކުރުން ލިޔެވިފައި."
ރައީސް މައުމޫން ވިދާޅުވީ ދައުލަތުން ބަޖެޓެއް ދީފި ނަމަ އެ ބަޖެޓުގެ ބޭނުންވެސް ކުރައްވާނެ ކަމަށާއި ބޭނުންފުޅު ކުރައްވާނީ ހަމައާއި އުޞޫލުން ކަމަށެވެ. ނަމަވެސް ޒާހިރު ނަޞީރަކީ އަމިއްލަ ފުޅަށް ޚަރަދުކުރައްވައިގެން ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރެއްވުމަށް ވަރަށް ބޮޑެތި ހޭދަތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
ރައީސް މައުމޫން ވަނީ ޒާހިރު ނަޞީރުގެ ޞިއްޙީ ޚިދުމަތްތަކަށްވެސް ބައްލަވައިލައްވައިފައެވެ.
ރައީސް މައުމޫން ވިދާޅުވީ ޒާހިރު ނަޞީރު ވަނީ އެމަނިކުފާނުގެ ބައްޕާފުޅު ޢަބްދުލްޤައްޔޫމް ސީދީއަށްވެސް ފަރުވާ ކުރައްވާފައި ކަމަށެވެ. އަދި ޒާހިރު ނަޞީރަކީ ބައްޕާފުޅުގެ އެންމެ މަޤްބޫލު "ޑޮކްޓަރު" ކަމަށެވެ. "ކޮންމެ ދަންވަރަކު ކޮންމެ ރައްޔިތަކު ދަންވައިލި ނަމަވެސް ވަޑައިގެން ފަރުވާ ދެއްވުމަކީ ޒާހިރު ނަޞީރު ކޮށްދެއްވި ވަރަށް މުހިންމު ޚިދުމަތެއް."
މީގެ އިތުރުން ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމާއިއެކު ހއ އަދި ހދ އަތޮޅަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދެއްވުމަށް އަރިއަހުގައި ގެންދެވީ ވެސް ޒާހިރު ނަޞީރު ކަމަށެވެ. "ވަގުތު ބޭނުންކުރަން އެނގުމަކީ ކާމިޔާބުގެ ސިއްރު. ފުރިހަމަ ގޮތުގައި ވަގުތުގެ ބޭނުން ހިފައިފި ނަމަ ތިމާ އުންމީދު ނުކުރާ ކިތަންމެ ކާމިޔާބީތަކެއްވެސް ޙާޞިލުކުރެވިދާނެ. ވަގުތުގެ ބޭނުންކުރަން ނުދަންނަ ނަމަ ކިތަންމެ މޮޅު މީހަކަށް ވެސް ކުރިމަތިލާންޖެހޭނީ ހިތްދަތިކަމާ."
ރައީސް މައުމޫން ވިދާޅުވީ މިއީ ވިންސްޓަން ޗަރޗިލް ފަދަ ދުނިޔޭގެ ބޮޑެތި ލީޑަރުން ވިދާޅުވި ބަސްފުޅެއް ނޫން ކަމަށާއި މުޙައްމަދު ޒާހިރު ނަޞީރުގެ ބަސްފުޅެއް ކަމަށެވެ. އަދި ޒާހިރު ނަޞީރު އަމަލުކުރެއްވެވި އުޞޫލު ކަމަށެވެ. "މިއީ މުޙައްމަދު ޒާހިރު ނަޞީރު ސީދާ އަޅުގަނޑު ގާތު ވިދާޅުވި ބަސްފުޅެއް. ހަނދާންވާގޮތުން އެކަން ހިނގީ 1970 ގެ މެދުތެރޭގަ."
ޒާހިރު ނަޞީރަކީ މަސައްކަތުގެ ވަގުތު ކަނޑައަޅުއްވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމާއި އަބަދުވެސް މަސައްކަތް ކުރެއްވީ ކުރައްވާ މަސައްކަތެއް ނިމެންދެންކަންވެސް ރައީސް މައުމޫން ވަނީ ފާހަގަ ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ