ޕީޕީއެމްގައި ދެ ފަޅިއެއް ނެތް: މައުމޫން

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ދެ ފަޅި ނުވާ ކަމަށާއި ޕާޓީގައި އޮތީ ޕީޕީއެމްގެ ރައީސްގެ ފަޅި އެކަނިކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީ ދެބައިވެފައިވަނިކޮށް އެކަމާ ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގައި ދެ ފަޅިއެއް ނެތްކަމަށާ އޮތީ ހަމައެކަނި މެންބަރުން އިންތިޚާބުކުރެއްވި ރައީސް ހުރި ފަޅިކަމަށެވެ. އަދި ޕީޕީއެމް އަކީ އެއްލީޑަރެއްގެ ފަހަތުގައި އޮތް އެއް ޕާޓީ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައިވާއިރު މިކަމާ ގުޅޭ ގޮތުން ރައީސް ޔާމީން އިއްޔެ ހދ.ނެއްލައިދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޑިމޮކްރަސީގެ އުސޫލަކީ ކަމެއް ހައްލު ނުވެއްޖެ ނަމަ އެކަމަކާ މެދު ކޯޓުން ގޮތެއް ނިންމުން ކަމަށާއި އެކަމަކު ރާއްޖޭގައި އެގޮތަށް އަމަލު ކުރުމުން އެކަމަށް ފާޑު ކިޔަމުންދާ ކަމަށެވެ.
ޑިމޮކްރަސީގެ އުސޫލަކީ އަމިއްލަ މައްސަލަތައް ނުވަތަ ސިޔާސީ މައްސަލަތައް ކަމަށް ވިޔަސް ހައްލު ނުވެއްޖެ ނަމަ އެކަމެއްގައި ކޯޓުން ގޮތެއް ނިންމުން ކަމަށާއި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރު އަދި މިހާރުގެ ރައީސް އަބުދުﷲ ޔާމީނާއި ހަވާލްކުރައްވާފައެވެ.
ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. މި މައްސަލަ އެކޯޓުން ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުގައި މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ރައީސް މައުމޫން މިހާރު ވަނީ ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.
ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި ޕާޓީ ދެ ލީޑަރޝިޕެއްގެ ދަށުން ހިނގަމުންދާއިރު، ދައުލަތުގެ މުއައްސަސާތަކުންވެސް ވަނީ ކޯޓުގެ ހުކުމާއި އެއްގޮތަށް ބަލައިގަންނާނީ ރައީސް އަބުދުﷲ ޔާމީންގެ ފެކްޝަންކަމަށް ބުނެފައެވެ.
ޕީޕީއެމްގެ މައި އޮފީސް ރައީސް މައުމޫން ހިންގަމުން ގެންދަވާއިރު، ރައީސް އަބުދުﷲ ޔާމީން ޕީޕީއެމް ހިންގަވަމުން ގެންދަވަނީ ދަރުބާރުގޭގެ މާލަމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ