ރައީސް މައުމޫން އުމަރަށް ތައުރީފު ކުރައްވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ހޯމް މިނިސްޓަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި އުމަރު ނަސީރަށް ތައުރީފް ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "އުމަރު ނަސީރަކީ ޝަރަފުވެރި އަދި ނަޒާހަތްތެރި ބޭފުޅެއް" ކަމަށެވެ. އަދި އޭނަ އަށް ފުރިހަމަ ސިއްހަތަކަށާއި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް، ޕީޕީއެމްގެ ޕްރައިމަރީގައި މިހާރުގެ ރައީސް އަބުދުﷲ ޔާމީނާ ވާދަކުރައްވާ ބަލިވުމަށްފަހު، މި ސަރުކާރުގެ ހޯމް މިނިިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އެމަގާމުން އިއްޔެ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އުމަރު ހާމަކޮށްފައެއް ނުވެއެވެ.
ޕީއެމްގެ ރައީސް މައުމޫން އުމަރަށް ތައުރީފްކުރެއްވި އިރު، މައުމޫނާއި އުމަރު ވަނީ ޕްރައިމަރީއަކާ ނުލައި 2018 ވަނަ އަހަރުގެ ރިއާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވުމާ ދެކޮޅު ހައްދަވައިފަ އެވެ.
ހޯމް މިނިސްޓަރު ކަމުން އުމަރު ރޭ އިސްތިއުފާ ދެއްވުމާއެކު އެމަގާމަށް މިއަދު ވަނީ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސަވާފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ