ޕީޕީއެމް މަގުބޫލް ކުރަން ނަޝީދަށް ބޮޑު ބައެއް އަދާ ކުރެވިދާނެ: މައުމޫން

ސަރުކާރު ހިންގާ ޕީޕީއެމަކީ މަގުބޫލް ޕާޓީއަކަށް ހެދުމަށާއި ސަރުކާރަށް ސިޔާސީ ކާމިޔާބީތައް ހާސިލް ކުރުމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދަށް ބޮޑު ބައެއް އަދާ ކުރެވިދާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނަޝީދު ޕީޕީއެމަށް ގުޅިވަޑައިގަތުމާ ގުޅިގެން އޭނާއަށް މަރުހަބާ ދަންނަވައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމުގައި ވެސް ނަޝީދަށް ބޮޑު ބައެއް އަދާކުރެވިދާނެ ކަމަށެވެ.
"ޕީޕީއެމަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި މަގުބޫލް ޕާޓީއަކަށް ހެދުމާއި އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި އަދި ޕާޓީން ހާސިލް ކުރާ ސިޔާސީ ކާމިޔާބީތައް ހާސިލް ކުރުމުގައި އަލްއުސްތާޒު މުހައްމަދު ނަޝީދަށް ވަރަށް ބޮޑު ބައެއް އަދާ ކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެންނާތީ، އެކަން ވެސް އަޅުގަނޑު ހާމަކޮށްލަން ބޭނުން،" ޕީޕީއެމް އޮފީހުގައި ނަޝީދު އެ ޕާޓީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ނަޝީދަކީ ގާނޫނީ ދާއިރާއިން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ފުންނާބު އުސް ގާނޫނީ ވަކީލެއް ކަމަށެވެ. އަދި ނަޝީދު މިނިސްޓަރުކަން ކުރެއްވި އިރު އޭނާއަކީ "އިހްލާސްތެރިކަމާއި ހިކުމަތްތެރިކަމާއެކު" ވަޒީރުކަން ކުރެއްވި ބޭފުޅެއް ކަމަށެވެ.
ރައީސް މައުމޫން ޑީއާރްޕީގެ ޒައީމަކަށް ނުންވަވަނިކޮށް، 2009 ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަޝީދު މިއަދު ވިދާޅުވީ މިނިވަން މެމްބަރަކަށް ހުރުމަކީ "ދެފެން ދޭތެރޭގައި" މަސައްކަތް ކުރުން ކަމަށެވެ.
"މިނިވަން މެމްބަރަކަށް ހުންނަ އިރު އަޅުގަނޑަށް ފެނުނު އެއް ހަގީގަތަކީ ސަރުކާރުގައި ތިބޭ މީހުން ގަބޫލެއް ނުކުރޭ، ސަރުކާރަށް އެއްވެސް އިރެއްގައި އެހީތެރިވެދާނެ މީހެއް ކަމަށް. އަދި އޮޕޮޒިޝަންގެ ތިބޭ މީހުން ވެސް ގަބޫލެއް ނުކުރޭ އެއީ ސަރުކާރުގެ މީހުން ނޫން ދެފެންދޭތެރޭގައި މަސައްކަތް ކުރަން މި ލިބުނީ،" ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމު ވެސް ފުރުއްވި ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރާ އެއްކޮޅަށް ވެސް އަދި އިދިކޮޅު ފަރާތްތަކާ އެއްކޮޅަށް މަޖިލީހުގައި ވޯޓު ދެއްވަން ޖެހޭ ފަހަރުތަކަކީ ވަރަށް ބޮޑެތި ނުތަނަވަސްކަން ދަނޑިވަޅުތަކެއް ކަމަށާއި ޕާޓީއަކާ ގުޅިގެން މަސައްކަތް ކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ފިކުރަށް ދިވެހިންގެ ވިސްނުން މިހާރު އަށަނަނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް މިފަހަކަށް އައިސް، ބައެއް ކަހަލަ މަގުތަކަކީ އެކަނި ހިނގަން ހުންނަ މަގުތަކެއް ނޫން. ޖަމާއަތެއްގެ ގޮތުގައި ހިނގަން ހުންނަ މަގުތަކެއް. އަޅުގަނޑު ޓެސްޓުކޮށްފިން އެކަނި ހުރެ. ރައްޔިތުންގެ ވިސްނުން ވެސް މިހާރު އެބަދޭ ޕާޓީތަކާ ދިމާލަށް،" ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީގެ އެތެރޭގެ އުސޫލުތަކުގެ ތެރެއިން ޕާޓީގެ ޓިކެޓް ހޯދަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި އަދި ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވިޖެނަމަ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ގާނޫނީ ލަފާ ދިނުމުގައި ދެމިހުންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ