މޭޑޭ ހަރަކާތަށް ފަންޑުކުރަނީ ގާސިމް - ޕީޕީއެމް

މޭޑޭ ހަރަކާތަށް ފަންޑުކުރަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް، ސަރުކާރު ހިންގާ ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމްގެ އިސް ބޭފުޅުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެމްބަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިން ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، "ކިތަންމެ ފޮރުވައިގެން ކުރިއަސް އެއީ ގާސިމް ފަންޑުކޮށްގެން ކުރާ ކަމެއް" ކަމަށެވެ.
އަދީބް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ކަންކަމަކީ ސަރުކާރުން އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލް ކުރަމުން އަންނާތީ އެކަން ތަހައްމަލު ނުކުރެވޭތީ ކުރަމުން އަންނަ ކަންތައްތައް ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިންނާއި ސަރުކާރުން ރައްޔިތުންނަށް މަންފާތަކެއް ހާސިލްކޮށްދެމުން އަންނާތީ އެފަރާތްތަކަށް އެކަން ބަލަން އުނދަގޫ ވަނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މޭޑޭގެ ހަރަކަތަކީ ޤާސިމް ހިންގާ ހަރަކާތެއް ކަމަށް އަދީބު ވިދާޅުވި އިރު، އަދީބު ވިދާޅުވީ މިކަމުގެ ޒިންމާ ނަގަން އެމްޑީޕީ ޖެހިލުންވުމުން، ކޮންޓްރެކްޓް އުސޫލުން މިކަން ހަވާލުކޮށްފައި ވަނީ "ފައިސާގެ އަޅެއް" ކަމުގައިވާ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކަމަށެވެ.
"އާދެ! މިކަމުގައި އަޅުގަނޑުމެންނަށް އެބަ އެނގޭ ކިތަންމެ ފޮރުވެގެން ތިއްބަސް ސީދާ ޤާސިމް އިބްރާހިމް ފަންޑުކޮށްގެން ކުރިއަށް ގެންދާ ކަމެއް. އެއަށް ޒިންމާވާނެ ބަޔަކު އެމްޑީޕީން ނުކެރިގެން އަލީ ވަހީދުމެން އަނެކަކުތޯ އަނެކަކުތޯ މިވެނި މީހެއްތޯ ނުކެރިގެން އެންމެ ފަހުން އަދާލަތު ޕާޓީއާއި ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްގެން އަދި ފައިސާގެ އަޅުވެރިން ކަމުގައިވާ ޝެއިޚް އިމްރާނުމެން މިކަން ރާވައިގެން ކޮންޓްރެކްޓް އުސޫލުން ހިންގަނީ." އަދީބު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދީނީ ކާޑު ބޭނުންކުރައްވައިގެން "އިމްރާނުމެން ޤައުމުގައި ޖިހާދު ހައްޤުވެއްޖެ ކަމަށާއި، ރައީސްވެސް ގެއްލުވާލަން ވެއްޖެ ކަމަށްބުނެ މި މޭރުމުން ވާހަކަދައްކަވާތީ" ކަންބޮޑުވާ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދީބު ވިދާޅުވީ މިކަމަކީ ޤާސިމް ފަންޑު ކުރައްވައިގެން ކުރައްވާ ކަަމެއް ކަމަށް ވިދާޅުވާން ޖެހޭ ސަބަބުތައް ވަރަށް ގިނައެވެ.
"ޖޭޕީގެ ނައިބު ލީޑަރަށްވެސް އެނގޭނެ އިމްރާނު ކިޔަވަން ބަހައްޓާފައި ހުންނަނީ ކާކުކަންވެސް އެނގޭނެ ޝެއިޚް އިލްޔާސް ކިޔަވަން ބަހައްޓާފައި ހުންނަނީ ކާކުކަން ވެސް އެނގޭނެ. އަދި ޝެއިޚް އިލްޔާސް އަށް ދެއްވި ކަންނެލި އޮޑިތަކުގެ ރަޖިސްޓްރީ ބަލައިލީމަވެސް އެނގޭނެ ޤާސިމް އިބްރާހީމަކީ މިކަމަށް ކިހާވަރަކަށް ޚަރަދު ކުރައްވާ ބޭފުޅެއްކަން."، މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޤާސިމްގެ ރިސޯޓުތަކުން މާދަމާގެ މުޒަހަރާއަށް މީހުން ގެންނަން ނިންމާފައިވާ ކަންވެސް އެނގޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤާސިމް ފިއްލަވައިގެން ހުރެ ޚަރަދު ކުރެއްވުމުގެ ބަދަލުގައި ކުރިމައްޗަށް އައުމަށްވެސް އަދީބުވަނީ އެދިވަޑައިގެންފައެވެ.
"އެއީ ނޫންތާ ފިރިހެނުންގެ ގޮތަކީ ވެސް. މިއަދުވެސް ޝެއިޚް އިލްޔާސް އަށްވެސް ނުކެރުން އަޅުގަނޑާ ބައްދަލު ކުރާކަށް. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ފިނޑި އަމަލެއް. އެބޭފުޅުން ސާބިތު ހިފޭ ވާހަކައެއް ނޫން އެއްވެސް އިރެއްގައި ދައްކަނީ."
މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް އުޅޭނަމަވެސް، އެކަން ހައްލު ކުރުމަށްވެސް މަޝްވަރާގެ ތެރެއިން ރަނގަޅު ގޮތް ޚިޔާރު ކުރަން އިދިކޮޅު ފަރާތްތަކުން ބޭނުން ނުވާ ކަމަށާއި، އެބޭފުޅުން ގެންގުޅުއްވަނީ ފައިސާ ދޭކޮޅަކަށް ދާ އުސޫލުކަމަށް އަދީބު ވިދާޅުވިއެވެ.
"އެބޭފުޅުން ބޭނުންވަނީ ވެރިކަން ފުރޮޅާލަން. އިންތިޚާބަށްވެސް އަންނާކަށް ނޫން. އެކަމަކު ވެރިކަން ފުރޮޅާ ވެއްޓުމަކީ ސަޤާފަތަކަށް ހެދުމަށް އަޅުގަނޑުމެން ބޭނުމެއް ނޫން މި ޤައުމުގައި. ދެން އަނެއް ކަމަކީ ޤާސިމް އިބްރާހިމް ދައުލަތަށް ދައްކަން ޖެހޭ ފައިސާވެސް ބޭނުމެއް ނުވޭ ދައްކާކަށް." އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ ރައްޔިތުން ވަރަށް މައުސޫމް ކަމަށާއި، ގިނަ ހަޤީޤަތްތަކެއް ރައްޔިތުންނަށް ނޭނގޭ ކަަމަށެވެ. އަދި މާދަމާވެސް ނުކުންނަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫ ނޫން ކަމަށާއި މިއީ ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުމުގައި ކުރާ ކަމެއް ކަަމަށެވެ.
އަދީބު ވިދާޅުވީ ގޭންގު ތަކަށް ފައިސާ ދީގެން އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަ ދައްކައިގެން ހަމަނުޖެހުން އުފެއްދުމަށްފަހު ސަރުކާރަ މަތި ކުރުމަށް ރާވަމުން އަންނަ ކަމަށެވެ. އަދި އެބޭފުޅުން ހަރުކަށިކޮށް ވާހަކަ ދައްކަނީ އަމިއްލައަށް ހައްޔަރުވުމަށް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
"އޭރުން ބުނެވޭނެތާ ކަމެއް ނުކުރެވުނީ އަޅުގަނޑުމެން ހުއްޓުވީމައޭ." އަދީބު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ހުރިހާ މެމްބަރުންވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ