ސަރުކާރުގެ އެއްބާރުލުމާއި އެކު ފިލްމީ ދާއިރާގެ ތަރައްޤީ ހަމަ މަގަށް އެޅުވޭނެ - ފައްތާޙު

ސަރުކާރުން، ފިލްމީ ދާއިރާއަށް ދެމުންދާ އެއްބާރުލުން މިހާރަށްވުރެވެސް އިތުރު ކުރެއްވިއްޖެ ނަމަ، ފިލްމީ ދާއިރާގެ ތަރައްޤީ ހަމަ މަގަށް އެޅުވޭނެ ކަމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ޗެއާޕަރސަން އަދި މަޝްޙޫރު ޑައިރެކްޓަރ ޢަބްދުލް ފައްތާޙު ވިދާޅުވެއްޖެއެވެ.
ދިގު މެދުކެނޑުމަކަށްފަހު ސަރުކާރުން ޤައުމީ ފިލްމް އެވޯޑްސް ބާއްވަން ނިންމުމާއި ގުޅިގެން، ’އީވަގުތު‘ އާއި ވާހަކަ ދައްކަވަމުން ފައްތާޙު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފިލްމީ ދާއިރާއަށް މިހާރަށްވުރެވެސް ބޮޑަށް އެއްބާރުލުން ބޭނުންވާ ކަމަށެވެ.
”ރިކޮގްނިޝަންގެ އިތުރުން އަޅުގަނޑުމެންނަށް ދޭންވާ އެއްބާރުލުން، ސަރުކާރުގެ ސައިޑުން، އެންޓަރޓެއިންމަންޓް ދާއިރާއަށް ދެއްވާ އެއްބާރުލުން އަދި މިއަވުރެވެސް ފުރިހަމަވެއްޖެޔާމުން މި ދާއިރާވެސް ތަރައްޤީގެ ހަމަ މަގަށް އެޅިގެންދާނެ“ ފައްތާޙު ވިދާޅުވިއެވެ.
ފައްތާޙު އިތުރަށް ވިދާޅުވީ ސަރުކާރުން، ފިލްމީ ދާއިރާގެ އަގުވަޒަން ކުރުމުގެ ގޮތުން، ޤައުމީ ފިލްމް އެވޯޑްސް ބޭއްވުމަކީ ފިލްމީ ދާއިރާއިން ވަރަށް ބޮޑަށް އެދެމުން ދިޔަ ކަމެއް ކަމަށާއި، އެވޯޑް ބާއްވަން ސަރުކާރުން ނިންމެވީތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
”ފިލްމީ ދާއިރާއަށް ގަވަރމަންޓުން ރިކޮގްނިޝަންއެއް ދިނުމަކީ އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭނެ ކަމެއް އަސްލު. އެކަމޭ މިއަދު މަދުވެގެން މި އުޅެނީ“ ފައްތާޙު ވިދާލުވިއެވެ.
މިދިޔަ އަހަރު، ފިލްމް އެސޯސިއޭޝަންގެ ޗެއާޕަރސަން ކަމަށް ފައްތާޙު އިންތިޚާބު ވީއްސުރެ އޭނާ ދަނި ފިލްމީ ދާއިރާއަށް ސަރުކާރުގެ އިތުރު އެއްބާރުލުން ހޯދައި، ފިލްމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ