ކުޑަކުދިން ސޯޝަލް މީޑިއާއަށް ވަންނަ އުމުރު ހަނިކުރަން އީޔޫއިން އާ ގާނޫނެއް ހަދަނީ
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގައި ދިރިއުޅޭ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ވަކި އުމުރުފުރާތަކަކަށް ބަހާލައިގެން ހަނިކުރުމަށްޓަކައި، މި އަހަރުގެ ފަހު ހަ މަސްދުވަހުގެ ތެރޭގައި އާ ގާނޫނީ ހުށަހެޅުމެއް ތައާރަފްކުރަން ތައްޔާރުވަމުންދާކަން އެ އިއްތިހާދުގެ ވެރިޔާ އޫރްޒުލާ ފޮން ޑަޔާ ލޭޔެން ހާމަކުރައްވައިފިއެވެ. އޭނާ މިކަން އިއުލާންކުރެއްވީ 13 އަހަރުން ދަށުގެ ކުދިން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރަންވާނީ ބެލެނިވެރިންގެ ޚާއްސަ ބެލުމުގެ ދަށުން އެކަނި ކަމަށް ބަޔާންކޮށް، ސިއްހީ މާހިރުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭ ޕެނަލަކުން ތައްޔާރުކުރި ރިޕޯޓެއް ހޯމަ ދުވަހު ހުށަހެޅުމާ ގުޅިގެންނެވެ. https://sun.mv/224349 މި ނިންމުމަކީ ސޯޝަލް މީޑިއާ މުޅިން މަނާކުރުމުގެ ބަދަލުގައި، ކުދިންގެ އުމުރާ ގުޅޭ ގޮތަށް ފިޔަވަހިތަކަކަށް ބަހާލައިގެން ރައްކާތެރިކަމާއެކު ޑިޖިޓަލް ދުނިޔެއަށް ވެއްދުމަށް އެޅޭ ފިޔަވަޅެކެވެ. އެގޮތުން މާހިރުންގެ ލަފާގައި ވަނީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ތުއްތު ކުދިންނަށް އެއްވެސް ވަރަކަށް ސްކްރީން ނުދެއްކުމަށާއި، ތިން އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ބެލެނިވެރިންގެ ބެލުމުގެ ދަށުން އުމުރާ ގުޅޭ އެޕްތައް ބޭނުންކުރުމަށެވެ. އަދި 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ރައްކާތެރިކަމުގެ ފީޗާތަކާއެކު މަޑުމަޑުން އަމިއްލައަށް ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް ވެސް ލަފާދީފައިވެއެވެ. އީޔޫގެ ވެރިޔާ ވިދާޅުވި ގޮތުގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިހާރު ވެސް އޮންލައިން ދުނިޔޭގައި ސީރިއަސް ނުރައްކާތަކަކާ ކުރިމަތިލަމުންދާތީ، މި ނިޒާމު ބަދަލުކުރުމަށް ލަސްކުރާނެ ވަގުތެއް ނެތެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ކުދިންނަށް ގެއްލުމެއް ނުވާނެ ހިދުމަތްތަކެއްކަން ސާބިތުކޮށްދޭންޖެހޭނެ ކަމަށާއި، ޔޫރަޕްގައި އުފައްދާ ކޮންމެ ޑިޖިޓަލް އުފެއްދުމެއްގެ ރައްކާތެރިކަމަށް އޭގެ ޑިވެލޮޕަރުން ޒިންމާވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި އާ ގާނޫނު އެކުލަވާލުމުގައި އީޔޫއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިއްތިހާދުގެ 27 ގައުމުގެ މެދުގައި ޚިޔާލު ތަފާތުވުންތައް ހުރުމެވެ. އެގޮތުން ސްޕެއިނުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ބޭނުންވާއިރު، ފްރާންސުން ހުށަހަޅަނީ 15 އަހަރުން ދަށަށް އެކަން މަނާކުރުމަށެވެ. އަދި ހަމައެއާއެކު އެސްޓޯނިއާ ފަދަ ބައެއް ގައުމުތަކުން މިފަދަ ހަރުކަށި މަނާކުރުންތަކާ ދެކޮޅު ހަދަމުންދާތީ، އީޔޫއިން މަސައްކަތް ކުރަމުންދަނީ ހުރިހާ ގައުމަކަށް ވެސް އެއްބަސްވެވޭ ފަދަ އެކަށީގެންވާ ވަކި ހުށަހެޅުމެއް ތައްޔާރުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ