"ފިފްޓީ ޝޭޑްސް" އަރާ "ފޯސް އެވޭކެންސް" ވައްޓާލައިފި

އެކި ޕްލެޓްފޯމްތަކުގައި އެއް ދުވަހުގެތެރޭގައި އެންމެ ގިނަ ބަޔަކު ބަލާފައިވާ ޓްރެއިލާއަކަށް "ފިފްޓީ ޝޭޑްސް" ގެ ދެވަނަ އިންސްޓޯލްމެންޓް ކަމަށްވާ "ފިފްޓީ ޝޭޑްސް ޑާކާ" ވެއްޖެއެވެ.
ކްރޮސް ޕްލެޓްފޯމް މެދުވެރިކޮށް ފިފްޓީ ޝޭޑްސްގެ ޓްރެއިލާއަށް ވަނީ 114 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން "ޔުނިވާސަލް" އިން ވަނީ ބުނެފައެވެ.
ސްޓާ ވޯޒް ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ދަ ފޯސް އެވޭކެންސް" އަކީ މިދިޔަ އަހަރުން ފެށިގެން އެ ލިސްޓުގެ އެއްވަނައިގައި އިން ޓްރެއިލާއެވެ. އެ ފިލްމަށްވަނީ 24 ގަޑިއިރުގެތެރޭގައި 112 މިލިއަން ވިއުސް އެކި ޕްލެޓްފޯމް މެދުވެރިކޮށް ލިބިފައެވެ.
ޔުނިވާސަލް އިން ފިފްޓީ ޝޭޑްސްގެ މާކެޓިން އަށް ވަރަށް ގިނަ މަސައްކަތް ވަނީ ކޮށްފައެވެ. ޓްރެއިލާއަށް ލިބުނު 114 މިލިއަން ވިއުސްގެ ތެރެއިން 19 މިލިއަން ވިއުސް ވަނީ ޔޫޓިއުބް އިން އެކަނިވެސް ލިބިފައެވެ.
ޑަކޯޓާ ޖޯންސަން އާއި ޖޭމީ ޑޯނަން ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގެ ސީރީޒްގެ ފުރަތަމަ ފިލްމު "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ