މާލޭގައި މަޖާނަގަންތިބޭނެ މަރުކަޒެއް ގާއިމުކުރަން އެމްޑީޕީން ބާރުއަޅަންފެށީ ކީއްވެ؟

އެމްޑީޕީގެ ލީޑަރ ޝިޕްގެ އިސް ދައުރެއް އަދާކުރައްވާފައިވާ އަދި އެޕާޓީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ހެންވޭރު ހުޅަނގު ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލަން އެއްވެތިބޭނެ މަރްކަޒެއް ގާއިމުކުރަން އެޕާޓީގެ ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ދިވެހިންގެ ތެރޭގައި އެކި ގޮތްގޮތަށް ވާހަކަދެކެވެމުންދެއެވެ.
މިގަރާރަށް ތާއީދުކުރެއްވި އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، މަޖިލިސްގެ މިހާރުގެ ރައީސް މުހައްމަދު ނަޝިދު ޓްވީޓަރުގައި ވިދާޅުވެފައިވަނީ "މިއުޒިކަކީ ގިނަ ދިވެހިންގެ އާއްމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް. ބައެއްގެ އާއްމު ދިރިއުޅުން ހަރާމްކަމަށް ގޮވުމަކީ ބައެއްގެ މުޖްތަމައު ރޫޅުމަށް ހިންގޭ މަސައްކަތެއް. ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް." ނަޝީދުގެ ޕޯސްޓަށް ރައްދުދިން ގިނަ ރައްޔިތުން އޭނާގެ ވާހަކަފުޅާއި ވަރަށް ބޮޑަށް ދެކޮޅެވެ. އަދި ދީނީ އިލްމުވެރިއަކަށް ނުވިޔަސް ނަޝީދުގެ ޕޯސްޓަށް ރިޕްލޭކުރި ގިނަ ދިވެހިންދެކެނީ މިއުޒިކު ކުޅުމަކީ މުސްލިމުން ކުރާނެ ތާހިރު އަމަލެއް ނޫންކަމަށެވެ. ހަރާމްކަމެއް ކަމަށެވެ. ޝުއައިބު ނާޒިމު ކިޔާ މީހަކު ލިޔެފައި އޮތެވެ. "ދީނަކީ ހުރިހާ ހުރިހާ އާއްމުން މުޅި ދިރިއުޅުމާއި ގުޅިފައިވާ ކަމެކެވެ. އާއްމުންނަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ ދީނުގައި ޙަރާމް ކަންކަން ފެތުރުމެވެ. އެފަދަ ކަންކަން ފަތުރަން ގާނޫން ހެދުމަކީ މުޖްތަމައު ފުޑައިލަން އުޅުމެވެ. ހިތުގައި އާއްމުންނަށް ކުޑަވެސް ލޯތްބެއް އޮތް މީހަކު މިހެން ނޫޅޭނެއެވެ"
ހަސަން ލަތީފް އުފައްދަން ގޮވާލާ މަރްކަޒު ކުރުގޮތަކަށް ސިފަކުރާނަމަ " ނާޗަރަންގީ ކުޅޭ މަރްކަޒު" ގެގޮތުގައި ސިފަކުރެވިދާނެއެވެ. މީގެކުރިންވެސް އެޕާޓީން މިބާވަތުގެ ކެމްޕެއިން ޝިއާރެއް " ބިރަކާއިނުލައި މަޖާކުރުން" ޕްރޮމޯޓްކުރަމުންދާންފެށުމުން ވަރަށް ގިނަ ބައެއްގެ ނުރުހުމާއި ނަފްރަތު ރައްދުވިއެވެ. އެފަހަރު އިންތިޚާބުން ބަލިވިއެވެ.
ސަރުކާރު މުވައްޒަފުން ހިތް ހަމަޖައްސައި ހުސްވަގުތު ހޭދަކުރަންދާނެ ތަނަކަށް މީގެކުރިން ނާދީ ކިޔާތަނެއް މާލޭގައި ހަދާފައި ހުއްޓެވެ. ކޮންމެވެސް ވަރަކަށް އެތަނަށް މީހުން ކުރީކޮޅު ގޮސް އުޅުނަސް ފަހުންފަހުން މީހުންދިއުން ހުއްޓުނެވެ. މާލޭގައި ކުރިން ވަރަށް ފޯރިއާއެކު ސިނަމާތައް ހިންގިޔަސް ފަހުން ފަހުން ދިވެހިން ސިނަމާތަކަށްދިއުން ހުއްޓައިލިއެވެ. ކުރީގައި ދިވެހިން ފުޓްބޯޅައާއި ކުޅިވަރުދެކިލަން ދަނޑުތަކާއި އިންޑޯހޯލްތައް ފުރާލިޔަސް މިހާރު އެތަންތަނަށް ވަންނާނެ މީހަކު ނުވެއެވެ. މާލޭގައި މިއުޒިކްބޭންޑްތައް އުފައްދައި މިއުޒިކީ ޝޯތައް މީގެކުރިން ދިން އިރު ޝޯތައް ބަލަން މީހުން ވަދެ ފުރާލިޔަސް މިހާރު މިއުޒިކް ޝޯއެއް ބަލަންދާނެ މީހަކު ނުވެއެވެ. އެއަށްވުރެ ދިވެހިން މަސައްކަތުގައި ބިޒީވެއްޖެއެވެ.
މުހައްމަދު ނަޝިދުގެ ޕޯސްޓަށް ރިޕްލޭކުރި މީހަކު މިއަދު ދިވެހިންނަށް ޖެހިފައިވާ އަސްލު މައްސަލައަށް އަލިއަޅުވައިލިއެވެ.
" ދިވެހިން ނިކަމެތިވަނީ މިއުޒިކް ކުޅެލަން އިންނާނެ ރަނގަޅު ބޯހިޔާވަހިކަމެއް ނެތީމަ. މިއުޒިކް އަޑުއަހާލަން އިންނާނެ ރަގަޅު ލިވިން ރޫމެއް ނެތީމަ. މިކަން ހައްލުނުވެ މިދަނީ ސުޕަރމެޖޯރިޓީ ލިބި ތިބޭފުޅާގެ ނާގާބިލްކަމުން"
ރައީސް ނަޝީދުގެ ޕޯސްޓަށް ރައްދުދެއްވި ގިނަ ބަޔެއްގެ ނަޒަރުގައި އެމްޑީޕީގެ މިގަރާރަކީ ވެރިކަމަށް އައުމަށް އެޕާޓީން ވެފައިވާ ވައުދުތައް ނުފުއްދި، ބަލިމަޑުކަމާއިގުޅިގެން މީހުންގެ ވަޒީފާތައް ގެއްލި ދިރިއުޅުން ވަރަށް ބޮޑަށް ދަތިވެ، ސަރުކާރާއިމެދު ހިތްހަމަނުޖެހުން އިތުރުވާތީ މީހުންގެ ވިސްނުން އެހެން ދިމާލަކުން އެމްޑީޕީއާއި ދިމާލަށް އަބުރުވާލުމަށް މަޖިލީހަށް އެތެރެކުރި ގަރާރެކެވެ. މިގަރާރުން ޒުވާނުންގެ ހިތްތަކަށް، ހިތްދަތިކަން ފިލައި އުފާވެރިކަން ލިބޭނެކަމަށް އެޕާޓީގެ ލީޑަރުން ދެކެވަޑައިގަންނަވަނީކަމަށް ވެދާނެއެވެ. މިފަދަ މަރްކަޒެއް ހެދިއްޖެނަމަ ވަޒީފާނެތިފައިތިބި ޒުވާނުން ސަރުކާރާއިމެދު ހިތްހަމަނުޖެހުމުގެ ވާހަކަދައްކާނެ ފުރުސަތު ކުޑަކޮށްދޭނެއެވެ. އެމީހުންތިބޭނީ އެމީހުންގެ މަރްކަޒުގައި އުފާކޮށްކޮށް އެކަކު އަނެކަކާއި ހީސަމާސާކޮށް މަޖާނެގުމުގައެވެ. އަނެއްބަޔަކު މިއުޒިކީ ނާޗަރަންގީގައި ގެއްލިފައެވެ.
މިގަރާރާއިމެދު ވިސްނައިލުމުން އެމްޑީޕީގެ ލީޑަރޝިޕްގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ހަގީގީ ދަތިތަކާއިމެދު ވިސްނާގޮތް ތަސައްވުރު ކުރެވެއެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަފަދަ ގައުމީ ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމެއްނެތި އެޕާޓީގެ މަޖިލިސް މެމްބަރުން ސަރުކާރަށް އިލްތިމާސްކުރަން މިބާވަތުގެ ކަންކަން ނަގައިގެން އުޅަމަކީ އެޕާޓީގައި ރައްޔިތުންގެ ބޮޑެތި މައްސަލަތަކާއިމެދު މާބޮޑު ސީރިއަސްކަމެއް ނެތްކަން ދޭހަކޮށްދޭ ކަންކަމެވެ.
ދިވެހި ރައްޔިތުންގެ ކުޑަކުޑަ އާބާދީއަށް ޖެހިފައިވާ ދަތިކަން ފިލުވަން ވެރިކަމާއި ހަވާލުވާ ބޭފުޅުންގެ އިޚްލާސްތެރިކަމެއް، ތެދުވެރިކަމެއް ހުރިނަމަ ރާއްޖޭގައި އެކަން ނުކުރެވެންވީ ސަބަބެއް އެބައޮތްތޯއެވެ. ދިވެހި ރައްޔިތުން އެވަރަށް ސަރުކާރު ހިންގަން ޓެކްސް ފައިސާ އެބަދައްކައެވެ. އަހަރަކު 12 ބިލިޔަން 14 ބިލިޔަން ރުފިޔާ ހަމަ އެކަނި ޖީއެސްޓީއަށްވެސް ދިވެހި ރައްޔިތުންގެ އަތުން ދައުލތަށް ނަގައެވެ. ޔަގީނުންވެސް ދިވެހި ރައްޔިތުންގެ އަތުން ނަގާ ޓެކްސްއިން ފްލެޓް އަޅަން އުޅުނަސް، ނުވަތަ ގޯތި ގެދޮރު ހަދައިދޭން އުޅުނަސް، ސަރުކާރެއްގެ އެއްދައުރުގެ ތެރޭގައި ގޯތި ގެދޮރުގެ ދަތިކަން މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުގެ މީހުންނަށް ފިލުވައިލެވިދާނެހާ ފައިސާ ދިވެހި ރައްޔިތުންގެ އަތުން އަތުލައެވެ. ފެނާއި ނަރުދަމާގެ ދަތިކަމާއި ބަނދަރުގެ މައްސަލަ ހައްލުކުރެވިދާނެއެވެ. އެކަމަކު އެހެން ހަދައިފިނަ އިންތިޚާބުތަކުގައި ވާނެ ވައުދެއް، މީހުން ވާވައްދަން ދައްކާނެ ވާހަކައެއް ނޯންނާނެކަން ޕާޓީތަކުގެ ވެރިންނަށް ތިބި މީހުންނަށް އެގެއެވެ. އިންތިޚާބުތަކާއި ދިމާކޮށް ވައުދުތައް ގިރިޓީކޮށްގެން ފޮތް ފޮތުގައި ވައުދު ނާމާގެ ގޮތުގައި ލިޔެ، ބެނާތައް ހަދައި މަގުތަކުގެ ހުރަހަށް ދަމާ ހެދިޔަސް އެއީ ހަގީގަތަކަށް ހަދަން ބޭނުންނުވާކަންކަން ކަން މިހާރު މީހުންނަށް ކަށަވަރު ވެއްޖެއެވެ. ރައްޔިތުންގެ ޓެކްސްފައިސާއިން ރައްޔިތުންނަށް ޚިދުމަތްދިނުމުގެ ބަދަލުގައި ކުރާކަމެއް އެގޭ މީހަކު ހުރިކަމަކަށް ނުވެއެވެ. ފެންނަ ފެނުމަށް މިފައިސާއިން މަޖާނަގައި ތަޅައި ބުރުވަނީއެވެ. އެމީހަކަށް ނެގުނުވަރަކަށް ނަގައި މުއްސަނދިވަނީއެވެ. ދައުލަތުގެ ފައިސާއިން އައު މިލިޔުނަރުން އުފައްދަނީއެވެ.
ހަސަން ލަތީފުގެ ގަރާރުން އެހެން ކަމެއްވެސް މާނަކޮށްދެއެވެ. ދޭތެރެއަކުން ކޮންމެވެސް ކަހަލަ ރިލިޖަސް ކޮންޓްރޮވަސީއެއް އެޕާޓީގެ ބައެއް ވެރިން އުފައްދައެވެ. ދީނީ އިލްމުވެރިންނަށް ކޮންމެވެސް ކަހަލަގޮތަކުން ދިމާކޮށްލައި ޒުވާބެއް ހިންގާލާނެ މައުޟޫއެއް ތިލަކުރެއެވެ. މަޖާނަގަން ތިބޭނެ މަރުކަޒެއް މާލޭގައި ގާއިމުކުރަން އެޕާޓީގެ ތެރެއިން ގޮވައިލުމުން ބައެއް ދީނީ އިލްމުވެރިން އެކަމަށް ފާޑުވިދާޅުވެފައިވެއެވެ. ފެންނަފެނުމަށް ހަސަން ލަތީފުގެ ގަރާރަށް ރައީސް ނަޝީދު ކުރެއްވި ތާއީދާއި އެޕާޓީގެ އެކިފެންވަރުގެ ބޭފުޅުން މަޖިލިސްތެރޭގައާއި ބޭރުގައި މިގަރާރު ދިފާއުކޮށް ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ދީނީ އިލްމުވެރިންނަށް ދިން ރައްދުތަކެވެ.
ރޮކްމިއުޒިކާއި އެނޫންވައްތަރުގެ މިއުޒިކާއި ލަވަކިއުމަކީ ދިވެހި ގައުމިއްޔަތުގެ ރުކުނެއްކަމަށް ދެކޭ ދަރަޖައަށް ސިޔާސީ މީހުންގެ ވިސްނުން ހިގައްޖެނަމަ ރައްޔިތުންނަށް ދެން ދޭނެ ޚިދުމަތެއް، ގައުމުދާނެ މިސްރާބެއް އެގޭނެ މީހަކު ގައުމުގައި ހުންނާނެތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ