ހޯޑެއްދޫ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ ތާރީޚެއް ނޭނގޭ:ކައުންސިލްގެ ނައިބު ރައީސް

ގދ.ހޯޑެއްދޫ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ ތާރީޚެއް ނޭނގޭ ކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް އަޝްރަފު ވިދާޅުވެއްޖެއެވެ.މުޅި ހޯޑެއްދޫއިން ކަރަންޓް ކެނޑިފައިވާތީ އެކަމާ ގުޅިގެން ޗެނެލް 13އަށް މައުލޫމާތު ދެއްވަމުން އަޝްރަފު ވިދާޅުވީ މިއަދު ހެނދުނު ނުވައަކުން ފެށިގެން ހޯއްޑެދޫ ރައްޔިތުން ތިބީ ލިބެން ޖެހޭ އަޞާޞީ ޚިދުމަތެއް ކަމަށްވާ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައިވާ ކަމަށާއި އެ ރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް ލިބޭނެ ތާރީޚެއް އެނގިފައި ނުވާ ކަމަށެވެ. އަޝްރަފު ވިދާޅުވީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ މުޅި ރަށަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި، އެކަމާ ގުޅިގެން ފެނަކަ މާލޭ އޮފީހަށް ގުޅާލުމުން ދިން ޖަވާބަކީ އިންޖީނަކަށް އޯޑަރު ދީފައިވާ ކަމަށެވެ. ނަމަވެސް އެ އިންޖީނު ލިބޭނެ ތާރީޚެއް އަދި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ވާނެ ތާރީޚެއް އެ ބޭފުޅުން ވިދާޅުވެފައި ނުވާ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ހޯޑެއްދޫ ރައްޔިތުނަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ވެސް އަޝްރަފު ވަނީ ވިދާޅުވެފައެވެ.އެރަށުގެ ރައްޔިތަކު ނަން ހާމަނުކުރުމަށް އެދި ޗެނެލް 13 އަށް މައުލޫމާތު ދެމުން ބުނީ، މާތްވެގެންވާ ރަމަޟާން މަހަކާ ދިމާކޮށް ހޯޑެއްދޫ ރައްޔިތުންނަށް ދިމާވި މި އުނދަގޫ ދަނޑިވަޅުގައި އެކި ކަންކަމަށް ހުރަސް އެޅެމުންދާ ކަމަށެވެ. އެގޮތުން ތުއްތު ތިން ކުދިންނާއެކު އާއިލާ އެއް ބަލަހައްޓަމުންދާ އެ އަންހެން މީހާ ބުނީ ރޯދަ މަހަކީ ކަރަންޓުގެ ހިދުމަތް ނުހަނު މުހިއްމު ވާ އެއް މަސް ކަމަށާ ކަރަންޓުގެ ޚިދުމަތް ނުލިބުމުން ރޯދައަށް ތިބެފައި ރޯދަ ވީއްލާ ގަޑީގައި ފިނި ބުއިމެއްވެސް ނުލިބޭ ކަމަށެވެ. އަދި ފްރިޖުތަކުގައި ހުރި މަހުގެ ބާވަތްތަކާ ކާބޯތަކެތީގެ އެކި ބާވަތްތައްވެސް ހަލާކު ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަމުން އެމީހާ ބުނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކަރަންޓުގެ އަގު ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޞޯލިހު ވިދާޅުވެފައިވާއިރު، ކަރަންޓު ބިލު ކުޑަކޮށްދެއްވަނީ ކަރަންޓުގެ ޚިދުމަތުން ރައްޔިތުން މަހްރޫމު ކޮށްގެން ތޯ މިއީ އުފެދޭ ސުވާލެއް ކަމަށެވެ. ހާހެއްހާ މީހުން ދިރިއުޅެމުންދާ ހޯޑެއްދޫގެ ރައްޔިތުން މިއަދު ކަރަންޓުގެ ޚިދުމަތުން މުއްދަތެއް ނެތް ގޮތަށް މަހްރޫމުވެފައިވާއިރު، އެކަމާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދާލުމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅުމުންވެސް ފޯނަށް ޖަވާބުދެއްވާފައި ނުވާތީ އެ ކުންފުނީގެ ބަހެއް މިކަމާ ގުޅޭ ގޮތުން ވަނީ ނުލިބިފައެވެ.ކަރަންޓުގެ އަގު އަތްފޯރާ ފަށަށް ގެނެސް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ރައީސް ޞޯލިހުގެ ސަރުކާރުގައި މާލެ އާ އަތޮޅު ތެރެއިންވެސް މީގެ ކުރިން ނުކެނޑޭ ހާ ގިނައިން ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންދާތީ އެތައް ރައްޔިތުންނެއް ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ