ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާލުމުން، އެނބުރި ޖަރުމަނަށް ދިއުމަށް ހުއްދަ ދިނީ ސިންގަޕޫރު ސަރުކާރުގައި އާދޭސް ދަންނަވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓްގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ހަސަން އަފީފުގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު މަޑިފުށްޓަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވައިފައެވެ.
އެގޮތުން ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ ގާސިމް އިބްރާހީމަށް ކުރީގެ ރައީސް ޔާމީން ދިން އަނިޔާގެ މަތިން މިހާރު ހަނދާން ނުވާކަމަށާއި ޔާމީނަށް ހަމަނޭވައި ލެވޭނީ ގުނބޯހައްދައިގެން ގެންގޮސް ގާސިމް ގޮޅިއަށް ލެވިގެން ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްއަށާއި ޖޭޕީއަށް ލިބިގެން ނޫނީ ހަމަނޭވާ ނުލެވޭނެ ކަމަށް ބުނެ ވާހަކަ ދައްކަވާއިރު ރައީސް ޔާމީނަށް ހަމަނޭވައި ލެވޭނީ ބޮޑު ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ޖަލަށްލައި، ދަރިކަލުން ފާރިސް މައުމޫންވެސް ޖެހިގެން ހުރި ގޮޅީގައި ބޭއްވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
''ޔާމީން އެވިދާޅުވަނީ ތިމަންނާއަށް ހަމަނޭވާ ލެވޭނީ ޕީޕީއެމްއާ ޖޭޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންނޭ. ދާދި އިހަކަށްދުވަހަކު ނޫންތޯ ފަސްދޮޅަސް އެތައް ގޮނޑިއެއް ޔާމީންގެ އަތްޕުޅުގައި އޮތީ. އޮވެގެންކުރި ކަންތައް އަޅުގަނޑުމެން ދުށީމެންނޫންތޯ. ނޭވާލެވޭނީ އަމިއްލަ ބޮޑު ބޭބޭ ގެންގޮސް ގޮޅީގައި ބޭންދީމަކަމަށް އެވިދާޅުވަނީ. ނޭވާލެވޭނީ ބޮޑުބޭބެ ކިޔާ ދަރި ބޮޑު ބޭބެ ކައިރީޖެހިގެންހުރި ގޮޅީގައި ބޭންދީމާ ކަމަށް އެވިދާޅުވަނީ. ނޭވާލެވޭނީ ސިޔާސީ ހުރިހާ ލީޑަރުން ހިފާ ހައްޔަރުކުރެވުނީމަ. ނޭވާލެވޭނީ ރައީސް ޔާމިން މިއަދު އެގުނބޯހައްދާ ޖޭޕީ ގާސިމް އަނެއްކާވެސް ގެނެސް ޖަލަށްލެވުނީމައޭ.. އަޅުގަނޑުމެނަށް އެބަފެނޭ ޖުމްހޫރީ ޕާޓީގެ އޮނަރަބަލް ގާސިމް އިބްރާހީމް ބުޅަލެއްހެން ކުޅުވަމުން ކުޅުވަމުން ޔާމީން އެބަ ގެންނަވާތަން. ވަރަށް ރީއްޗަށް މަޅީގެ ތެރެއަށް ލަވަމުން ލަވަމުން އެބަގެންނަވާ.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ ޔާމީން މަސައްކަތް ކުރައްވަނީ ޖޭޕީ އަނދަވަޅަކަށް ވައްޓާލުމަށް ކަމަށާއި އެކަން އެމްޑީޕީއަށާއި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަން އެބައެނގޭ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ވާހަކަފުޅު ދެއްކެވި އިރު ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑިޕީއަށް ލިބުނަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ގާސިމް ސިންގަޕޫރުގައި ހުންނަވަނިކޮށް ޖަރުމަނަށް ދާން ދޫކޮށްލީ އަޅުގަނޑު އާދޭސްކޮށްގެން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ