އަލްއުސްތާޛް އަހުމަދު ސިއްދީގު މަޖިލީހަށް ގާބިލުވާނެ، ކެރޭނެ އަދި ފައިސާއަށް ނުގުޑާނެ

މި މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛް އަހުމަދު ސިއްދީގުއަކީ ކާކުކަން ގިނަބަޔަކަށް މިހާރު އިނގޭނެއެވެ. ސިޔާސީ ގޮތުން އޭނާއަކީ އަރާ ހުރި މީހެކެވެ. މަޖިލީހުގައި ވަކާލާތު ކުރަނެ ކެރޭ، ތެދުވެރި އިހުލާސްތެރިއެކެވެ. އަދި ޕާޓީއަށް ވަފާތެރު މީހެކެވެ. ޔަގީނުންވެސް ދާއިރާގެ ރައްޔިތުން ދެރަނުކޮށްލާނެ ވަރުގެ މީހެކެވެ. އޭނާއަކީ ފައިސާއަށް ގަނެވޭނެ މީހެއްވެސް ނޫނެވެ.
ސިއްދީގުގެ ތައުލީމީ ހަޔާތާއި، ވަޒީފާ
ސިއްދީގުއަކީ ސްކޫލް ހަޔާތުގައި ފްޓްބޯޅަ ކުޅުމުގައި ވަރަށް ޝުއުގުވެރިކަން ހުރި މީހެކެވެ. މުބާރާތްތަކުން ރަން ވަނަތައް ހޯދިއެވެ. ގޯލް ކީޕަރެއްގެ ގޮތުގައި، އޭނާ ކުޅެމުންދިޔައިރު، އަންޑާ 19ގެ ގައުމީ ޓީމްގައިވެސް އޭނާ ހިމެނުނެވެ.
ސިއްދީގު އެންމެ ފުރަތަމަ ވަޒީފާއަކަށް ވަނީ ރިސޯޓަކަށެވެ. އޭގެ ފަހުން ބީއެމްއެލްގައިވެސް އޭނާ އުޅުނެވެ. އެއާ މޯލްޑިވްސްގައި ވެސް މަސަައްކަތް ކުރިއެވެ. އަދި އޭގެ ފަހުން ދަރުމަވަންތަ ސްކޫލްގެ އެކައުންޓް އޮފިސަރެެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރިއެވެ. އެތަނުގައި ގިނަ ދުވަސްވަންދެން މަސައްކަތް ކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީގައި އާއި، ތިން ސަރުކާރެއްގައި ރައްޔިތުންނަށް ހިދުމަތް ކުރިއެވެ. މިއަދު އޭނާއަކީ ލޯޔާރެކެވެ. ގާނުނީ ދާއިރާއިން މަތީތައުލީމް ހާސިލް ކުރުމަށްފަހު، މިއަދު އޭނާއަށް ވަނީ ވަކާލާތު ކުރުމުގެ ހުއްދަވެސް ލިބިފައެވެ. ހަމަޔަގީނުންވެސް ލިބިފައިވާ އެ ތައުލީމުގެ ބޭނުން މަޖިލީސް ތެރޭގައި ހިފާނެއެވެ. ރައްޔިތުންގެ ހައްގުގައި އޭނާ ވެގެން ދާނީ ހައްގު ބަސް ވިދާޅުވާނެ، ކެރޭނެ ގާބިލް މީހަކަށެވެ.
ސަރުކާރަށް ހިދުމަތް ކުރަން ފެށުން
ސިއްދީގު ސަރުކާރަށް ހިދުމަތް ކުރަން ފެށީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ އެންމެ ފުރަަތަމަ މަސައްކަތް ކުރަމުން ދިޔައީ ދަރުމަވަންތަ ސްކޫލްގެ އެކައުންޓް އޮފިސަރެއްގެ މަސައްކަތުގައެވެ. އެތަނުގައި މަސައްކަތް ކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރިއަށް ބަދަލުވިއެވެ. އަދި އެތަނުގައި ވަރަށް ގިނަ ދުވަހު އޭނާ ވަނީ މަސައްކަތްކޮށްފައެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ގެއްލުމުން ސިއްދީގު ޕްލޭނިންގ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގައި ހުއްޓާ، އެޓާނީ ޖެނެރަލް އޮފީހުގެ ޕޮލިޓިކަލް އެސިސްޓެންޓަކަށް ބަދަލުކުރިއެވެ. ނަމަވެސް އެތަނުގައި މަސައްކަތް ކުރަން ފުރުސަތު ނުލިބި، މަގާމު ގެއްލިގެން ދިޔައީ، ރައީސް ނަޝީދު ވެރިކަމާއި ހަވާލުވި ހިސާބުންނެވެ.
"އަޅުގަނޑު އެ މަގާމަށް ރުޖޫއަ ނުވަނީސް އިންތިހާބުގެ ނަތީޖާ އިއުލާނުކޮށްފައި އިންތިހާބުގައި ރައީސް މައުމޫން ބަލިވެވަޑައިގަތީ. އަޅުގަނޑު ސިޔާސީ މަގާމަކަށް ނުކުންނަށް ޖެހުނީ އާޒިމާގެ ދައުރުގައި، އެހެންނަމަވެސް ދައުރުހަމަވެފައި ހުއްޓާ، ދެން ދިޔާނާ އައީ ދިޔާނާ އަޅުގަނޑަށް މަސައްކަތްތައް ހަވާލުނުކުރައްވާ ހުންނެވުމަށްފަހުގައި ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އަޅުގަނޑުގެ ގެއަށް އައީ ސިޓީ ވަޒީފާއިން ވަކިކޮށްފައިވާކަމަށް". ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ، އެ ހިސާބުން އޭނާ އަމިއްލަ މަސައްކަތްތަކެއްވެސް ފަށާފައިވާ ކަމަށާއި، އަމިއްލަ މަސައްކަތްތަކުން ކުރިއަށްދިޔައިރު، މިއަދުވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް ވަހީދު ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް ސިއްދީގު ހޯމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކަށް ހަމަޖެއްސުއިރު، ރައީސް ޔާމީންގެ ވެރިކަން ނިމެން ދެން ސިއްދީގު ހުރި އެ މަގާމުގައެވެ.
ސިޔާސީ ހަޔާތުގެ ފެށުން
ސިއްދީގުގެ ސިޔާސީ ހަޔާތް ފެށިގެން ދިޔައީ 2004 ވަނަ އަހަރުން ފެށިގެންނެވެ. ޖަލުގައި ހުއްޓާ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު މަރާލި މ.އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މަރަށްފަހު ހިނގާދިޔަ ކަންތައްގަނޑަށްފަހުއެވެ. އެ ކަންކަން ވަރަށް ގާތުން ސިއްދީގު ބެލިއެވެ. އަދި 2005 ވަނަ އަހަރު ޑީއާރްޕީ އުފައްދަން ކުރި ހުރިހާ މަސައްކަތެއްގައި އެންމެ އިސްކޮށް ސިއްދީގު ވަނީ ބައިވެރިވެފައެވެ. އޭނާ ވަނީ ޑީއާރްޕީގެ މީޑިއާ ކަންތަކުގައި އެއިރު އިސްކޮށް އުޅެފައެވެ.
"އަލަށް ޕާޓީ އުފައްދަން ވެގެން ފޯމް ފުރާ އެ މަސައްކަތް، ކާނި ހިޔާއިން ނިންމާލާފައި އައިސް ޑީއާރްޕީ އޮފީހުގައިވެސް އަޅުގަނޑު އުޅުނިން" ސިއްދީގު ވިދާޅުވިއެެވެ.
އެެހެން އުޅެމުން އޭނާ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބް ރައީސް އަކަށްވެސް ކުރިމަތިލިއެވެ. ނަމަވެސް އެފަަހަރު އޭނާ ނާކާމިޔާބު ވިއެވެ.
ސިއްދީގުއަކީ ރައީސް ނަޝީދު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދެކޮޅު މީހެކެވެ. ނަޝީދުގެ ވެރިކަން ލާދީނީ ވާނެކަން އޭނާއަށް އެނގެއެވެ. އެހެންވެ، އެ ވާހަކަދައްކާ، ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އާއި އަދި މަދު ބަޔަކާއެކު ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އަޑު އުފުލަން ފެށިއެވެ. ނަޝީދު ވެރިކަމާއި ހަވާލުވިތާ ހައެއްކަ ދުވަސް ތެރޭގައި އެ އިހުތިޖާޖު ފެށިއެވެ. އެ އިހުތިޖާޖުގެ ގިނަ ރޭރޭ ސިއްދީގު ބައިވެރިވިއެވެ. އަދި މިގޮތަށް ގޮސް ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރޭ އާޓީފިޝަލް ބީޗްގައި އޮތް ބޮޑު މުޒާހަރާގައި ސިއްދީގު ހުއްޓެވެ. މިގޮތަށް ގޮސް ރައީސް ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދިނީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.
"އެ ހަރަކާތްތަކުގައިވެސް އެންމެ އިސްކޮށް އުޅުނު އެކަކު އަޅުގަނޑައަކީ" ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގެން، ދައުރު ނިންމަވާލުމަށްފަހު ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް އޭނާ މަސައްކަތްތައް ކުރި ކަމަށެވެ. ސިއްދީގު ވިދާޅުވީ، އޭނާއަކީ ޑީއާރްޕީ، ޕީޕީއެމްގެ ވަރަށް އިސްސަފުގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. ޕީޕީއެމް އުފެއްދުމުގައިވެސް އެންމެ އިސްކޮށް ހުރި މީހުންގެ ތެރެގައި ސިއްދީގު ހިމެނޭއިރު، ޕީޕީއެމް ރައީސް ޔާމީންއަށް ލިބިވަޑައިގަތުމުގައިވެސް ސިއްދީގުގެ ދައުރު ވަރަށް ބޮޑެވެ. މިހާރު ސިއްދީގުއަކީ ޕީއެންސީގެ މެންބަރެކެވެ. އެ ޕާޓީއަށް މެންބަރުން ވެއްދުމުގަައި ސިއްދީގުގެ މަަަސައްކަތް ފާހަގަކުރެވެއެވެ.
"ޕީޕީއެމް ރައީސް ޔާމީނަށް ލިބުނީ އަޅުގަނޑާ ހެދިއޭ ދަންނަވަން އަޅުގަނޑަށް ވަރަށް ކެރޭ. އެކަން ދިމާވިގޮތަކީ ރައީސް މައުމޫންގެ ރިޔާސަތުގައި ބޭއްވި ކައުންސިލް އެންމެ ފަހުގެ ބައްދަލުވުމުގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ޕާޓީގެ ކައުންސިލް ކުރިއަށްގެންދަން ފެށީމަ އަޅުގަނޑު ވޯކް އައުޓްކުރީމަ. ވޯކް އައުޓް ކުރީމާ ޕާޓީގެ ކައުންސިލްގެ ކޯރަމަކީ 11. އަޅުގަނޑު ނުކުތް ހިސާބުން އެއީ ކޯރަމް ގެއްލުނު ހިސާބަކީ" ސިއްދީގު ވިދާޅުވިއެވެ.
ދެން އެ ކައުންސިލުން ފާސްކުރާ އެއްވެސް އެއްޗެއް ފާހެއް ނުވާނެއެވެ. އޭނާ އެ ކައުންސިލް ބައްދަލުވުމުން ވޯކް އައުޓް ނުކުރިނަމަ ރައީސް ޔާމީންއަށް ޕީޕީއެމް ނުލިބުނީސް ކަމަށް ސިއްދީގު ފާހަގަކުރިއެވެ.
ސިއްދީގު މަޖިލީހަށް
ސިއްދީގު ވިދާޅުވީ، އޭނާ އެންމެ ފުރަތަމަ މަޖިލީހަށް ކުރިމަތިލީ ޑީއާރްޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާއަށް ކަމަށެވެ. އެއިރު ޕާޓީ ތެރޭގައި ފެކްޝަން ހެދި އޭނާއަށް ދެކޮޅަށް ބަޔަކު ނުކުތުމުގެ ސަބަބުން އުފެދުނު ގަޑުބަޑުގެ ތެރޭގައި ކަޓައިގެން ދިޔައީ ކަމަށް ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ، އޭނާ ފުރަތަމަ ހުރީ މަޖިލީހަށް ކުރިމަތިލާ ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް ތުލުސްދޫ ދާއިރާގެ ރައްޔިތުން އޭނާގެ ގާތުގައި އެދުނު އެދުމަކަށް އެ ދާއިރާއަށް ކުރިމަތިލާން ނިންމީކަމަށް ސިއްދީގު ވިދާޅުވިއެވެ. އެއީ އެ ދާއިރާއަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުން އެ މީހުންނަށް ކަމު ނުގޮސްގެން ކަމަށް ސިއްދީގު ވިދާޅުވިއެވެ.
"އެ މީހުން އަޅުގަނޑު ގާތަށް އައިސް ބުނީ، ތިމަންނަމެން ގަބޫލުކުރާގޮތުގައި، މިއަދާއި ހަމައަށް ޑީއާރްޕީ ފެށިގެން ނުގުޑާ އެއް އަޒުމެއްގައި ޕާޓީގެ އިސް ސަފުގައި، ކަނޑައެޅިގެން ތިމަންނައަކީ ޕީޕީއެމްގެ މީހެކޭ ރައީސް ޔާމީންގެ މީހެކޭ ފާޅުގައި ޑީކްލެއާ ކޮށްގެން ހުންނަ މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކޭ ސިއްދީގުއަކީ. އެހެންވެ މި ދާއިރާއަށް ސިއްދީގު ނުކުމެ ދިނުން އެއީ ވަރަށް ބޮޑު އެދުމެކޭ" ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު މަޖިލީހަށް ވާދަކުރައްވަނީ އެ ދާާއިރާގެ ޕްރައިމަރީ ބޭއްވުމަށްފަހު، ދާާއިރާގެ ރައްޔިތުން ހޮވި މީހާގެ ގޮތުގައެވެ.
ސިއްދީގު ދާއިރާގެ ރައްޔިތުންނަށް ބުނަނީ
"އަޅުގަނޑު ދާއިރާގެ ރައްޔިތުންނަށް ބުނެލަން ބޭނުންވަނީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ، ރައްޔިތުންގެ މަޖިލީހޭ ކިއެއް ކަމަކު ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހޭ. ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ކުރާ މަސައްކަތަކީ ގާނޫނު ހެދުމުގެ މަސައްކަތޭ. އެމަސައްކަތް ކުރުމަށް ގާނޫނު ނުދަންނަ ބަޔަކު ތިބިކަމުގައި ވަނީނަމަ އުނދަގޫ ވާނެއޭ. އެެއްޗަކަށް އެއްޗެއް ބުނެވިދާނެ އޭ، ވާހަކައަކަށް ވާހަކައެއް ދެއްކި ދާނެއޭ". ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގުއަކީ ގާނޫނީ ދާއިރާ ވަރަށް ރަނގަޅާށް އެނގޭ ބޭފުޅެކެވެ. ރައީސް ޔާމީންވެސް ބޭނުންފުޅުވަނީ ސިއްދީގު ފަދަ ބޭފުޅަކު މަޖިލީހުގައި އިންނެވުމަށެވެ.
އެހެންކަމުން ތުލުސްދޫ ދާއިރާގެ ރައްޔިތުންނަށް އަންނަ ހޮނިހިރު ދުވަހު އޮންނަ މަޖިލީސް އިންތިހާބުގައި ކެންޑިޑޭޓް ނަމްބަރ 4 އަށް ވޯޓު ދެއްވާ، މަޖިލީހުގައި ރައްޔިތުންގެ އަޑު އުފުލާނެ ފަދަ މެންބަރު ހޮއްވަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ