ގޮތްނޭނގޭ ބައްޔެއްގެ ވޭން ތަހަންމަލް ކުރަމުންދާ ހދ.ނެއްލައިދޫ 17 އަހަރުގެ ކުއްޖެއް ކަމަށްވާ އިބްރާހިމް ޒާހިލް އަށް އެހީވުމަށްޓަކައި ކ.ދިއްފުށި ސްކޫލް ޕީޓީއޭ އިން އިންތިޒާމު ކޮށްގެން ޑޯޓުޑޯ ކެމްޕެއިނެއް ފަށައިފިއެވެ.
ދިއްފުށި ސްކޫލް ޕީޓީއޭއިން "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އެ ސްކޫލުގެ ޕީޓީއޭ އިން އިސްނަގައިގެން އެ ރަށުގެ ގޭގެއަށް ގޮސް ޒާހިލް އަށް އެހީ ވުމަށް ފަައިސާ ހޯދުމުގެ ކެމްޕެއިނެއް ފަށައިގެން ކުރިއަށް އެބަ ގެންދާކަމަށެވެ.
"އަޅުގަނޑުމެން ފޮށި ހިފައިގެން ގޭގެއަށް ދަނީ، ގޮސް ޒާހިލްގެ ހާލަތު ކިޔައިދިނީމައި ވަރަށް ގިނަ މީހުން އެހީ ވަމުން ދަނީ،" ސްކޫލުގެ ޕީޓީއޭ އިން ބުންޏެވެ.
އެފަރާތުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ފަށަން ބުނި ގަޑިއަށް ނުފެށުމުން އަދި ދެވުނީ ރަށުގެ ދެބައި ކޮށްފައި އެއްބައި ގެއަށް ކަމަށާއި މިރޭ ބާކީ ހުރި ގޭގެއަށް ދާނެ ކަމަށެވެ.
"އަޅުގަނޑުމެނަށް ސްކޫލުގެ ބަލެނިވެރިންނާއި މުޅި ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން ދަނީ، އިރާދަކުރެއްވިއްޔާ ރަށުގެ ފެންވަރުގައި މިއީ ކާމިޔާބު އިވެންޓަކަށްވެ ޒާހިލް އަށް އެހީވުމަށް އަަޅަގަނޑުމެނަށް ހިއްސާވެވުނީ،" ޕީޓީއޭ އިން ބުންޏެވެ.
މި ހަރަކާތުން ސީދާ ލިބުނު އަދަދު އެނގޭނީ މިރޭ އެއްކޮށް ހުރިހާ ގެޔެއް ނިންމާލެވުނީމަ ކަމަށް އެފަރާތުން ބުންޏެވެ.
ޒާހިލް އަށް ފަރުވާ ކުރުމަށް 115،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ) ބޭނުންވާ ކަމަށް ބެންކޮކްގެ ހޮސްޕިޓަލަކުން މިހާރު ވަނީ ބުނެފައެވެ.
ޒާހިލް އަށް އެހީވުމަށް އެދި އޭނާގެ އާއިލާ އިން މިހާތަނަށް ރާއްޖޭގެ 150 ކުންފުންޏަކަށް ވެސް ވަނީ ސިޓީ ފޮނުވާފައެވެ. ނަމަވެސް އެހީ ދޭނެ ކަމަށް ބުނީ އެންމެ ތިން ކުންފުނިންނެވެ. އިތުރު އެއްވެސް ކުންފުންޏަކުން އާއިލާ އަށް ޖަވާބެއް ވެސް ދީފައެއް ނުވެއެވެ.
ޒާހިލްއަށް އެހީވުމަށް ބޭނުންފުޅުވާ ބޭފުޅުން ޒާހިލްގެ ބައްޕަ މުހައްމަދު ރަޝީދުގެ މޯބައިލް ފޯނު ނަމްބަރަށް (7931608) ގުޅުއްވައިގެން ކުރިޔަށް ގެންދެވުމަށް އާއިލާއިން އެދެއެވެ. އަދި އެކައުންޓަށް އެހީގެ ގޮތުގައި ފައިސާ ޓްރާންސްފަރ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޒާހިލްގެ މަންމަ ރަމްޒިއްޔާ ހާރޫންގެ ބީ.އެމް.އެލް އެކައުންޓަށް (7730000089085) ޓްރާންސްފަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ދިއްފުށި ސްކޫލް ޕީޓީއޭ އިން ޒާހިލް އަށް އެހީވުމަށް ޑޯޓުޑޯ ކެމްޕެއިނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ