ސަރުކާރުގެ ހަރަދުތައް ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ބޮލުގައި އަޅުވާފައި: އުމަރު

މި ސަރުކާރުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި އެ ހުރިހާ ހަރަދެއް ކުރަންޖެހެނީ ޓޫރިޒަމް އިންޑަސްޓްރީ އަށް ކަމަށް ޑީއާރުޕީން ވަކިކޮށްފައިވާ އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ޒެޑް ޑީއާރުޕީން އިންތިޒާމްކޮށްގެން އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި އުމަރު ވިދާޅުވީ މި ސަރުކާރުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށާއި ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ ކަމަށެވެ. އަދި ސަރުކާރު ހިންގާ އެމްޑީޕީގެ އެކްޓިވިސްޓުންނަށް އެކި ނަންނަމުގައި މަގާމުތައް ދީ ސްޓޭޓް މިނިސްޓަރުންގެ އަދަދު އިތުރުކުރަމުން ގެންދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ހުރިހާ ކަމަކުން ބާރު ބޮޑުވަނީ ޓޫރިޒަމް އިންޑަސްޓްރީ އަށް ކަމަށެވެ.
"[ރައީސް] މުހައްމަދު ނަޝީދު ޓޫރިޒަމް އިންޑަސްޓްރީގައި ތިއްބެވި ބޮޑެތި ވިޔަފާރިވެރިންގެ ކޮނޑަށް އަރައިގެން، އަދި ހަމައެކަނި މުހައްމަދު ނަޝިދު އަރަނީކީ ވެސް ނޫން، އޭނާގެ ހުރިހާ އެކްޓިވިސްޓުންނާއި ހަޅޭލަވައިދޭ މީހުންނާއި މި ހުރިހާ އެންމެން ވެސް މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ކޮނޑަށް އަރައިގެން ހިންގަން ފަށާފައި މިހާރު މި އޮތީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމުން މިހާރު ވެސް ފަސް ވައްތަރެއްގެ ޓެކްސް ނަގަމުން ގެންދާ ކަމަށާއި އަދި ބައެއް ޓެކްސްތައް އިތުރުކުރުމުގެ އިންޒާރު ސަރުކާރުން ދީފައިވާ ކަމަށެވެ. މިފަދަ އެތައް ސަބަބުތަކަކާ ހުރެ ޓޫރިޒަމް އިންޑަސްޓްރީގައި ތިބި ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރަން ފަސްޖެހެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ވަނީ ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ ބޭފުޅުން އެމްޕީޑީއާ ގުޅިވަޑައިގަތީ ރައްޔިތުންގެ ހައްގުގައި ނޫން ކަމަށާއި އެއީ ފައިސާ ދީގެން ގެންދިޔަ"މެންބަރުންތަކެއް ކަމަށް ނިހާން ތުހުމަތުކުރެއްވި އެވެ.
"ރައްޔިތުންނަށްޓަކައެއް ނޫން ގިބްލަ ބަދަލުކުރީ،" ނިހާން ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) އާއި ނާއިބު ރައީސް އަލްހާން ފަހުމީ ތިއްބަވަނީ އެ ޕާޓީން އެކަހެރިކުރައްވާފައި ކަމަށް އިޝާރަތް ކުރައްވައި އެ ދެ ބޭފުޅުން ޑީއާރުޕީއާ ގުޅިވަޑައިގަތުމަށް ނިހާން ދައުވަތު ވެސް ދެއްވި އެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުން ރިޝްވަތު ހިއްޕެވި ކަމަށް ތުހުމަތު ކުރައްވައި ނިހާން ދެއްކެވި ވާހަކަތަކަށް ހިތްވަރު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ އޭނާއަކީ ވެސް 26 މިލިއަން ރުފިޔާ ހުށަހެޅި މީހުންގެ ތެރެއިން އެކަކު ކަމަށާއި ނަމަވެސް ދުވަހަކު ވެސް ރައީސް ނަޝީދުގެ ޕާޓީއަކަށް ނުދާނެ ކަމަށެވެ. އަދި ރޯދަ މަހަށް އަގުހެޔޮކޮށް ތަކެތި ފޯރުކޮށްދިނުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރައްވާނެ ކަމުގެ އިންޒާރުވެސް އިލްހާމް ދެއްވި އެވެ. އޭނާގެ ވާހަކަ ނިންމާލެއްވީ ޑީއާރުޕީން މާދަމާ ރޭ ބާއްވާ ޖަލްސާ އަށް މީހުން ނުދިއުމަށް ނުސީދާ ގޮތެއްގައި ގޮވާލައްވާފަ އެވެ.
"މާދަމާ ރޭ އެބަ އޮތޭ ޑީއާރުޕީ ނަމުގައި އޮތް ޖަލްސާއެއް. ޑީއާރުޕީ ނަމުގައި މާދަމާ ރޭ ޖަލްސާއެއް ނޯންނާނެކަން އިއުލާންކުރަމުން ވައްސަލާމްއަލައިކުމް. މި ޖަލްސާ މިހާ ހިސާބުން ނިންމާލަން،" ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އިލްހާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ