ކަރަންޓު ކަނޑަން ޖެހޭތީ އައްޑު އަށް އިތުރު ޖަނަރޭޓަރުތަކެއް ފެނަކަ އިން ފޮނުވަނީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދިނުމަށް މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ 11 ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަށް މައްސަލަ ޖެހިގެން ދުވާލާއި ރޭގަނޑު ވެސް ކަރަންޓު ކަނޑަމުންދާތީ، އެ މައްސަލަ ހައްލު ކުރަން އިތުރު ތިން ޖަނެރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މި ހަފުތާ ބަންދުތެރޭގައި އައްޑު އަށް 1.2 ކިލޯވޮޓާއި އެއް ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލަ ޖެހުނު ހަތަރު ޖަނެރޭޓަރަށް ދިމާވި މައްސަލަ އަދިވެސް ހައްލު ކުރެވޭ ގޮތް ނުވާ ކަމަށެވެ.
"[މި މައްސަލަ ދިމާވެގެން] އައްޑޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ 39 ޓްރާންސްފޯމަރުގެ ތެރެއިން ހަތަރު ޓްރާންސްފޯމަރުން ކަރަންޓު ކަނޑާފައި ހުންނާނީ،" ޝަރީފް ވިދާޅުވި އެވެ.
ހިތަދޫ، މަރަދޫ، މަރަދޫފެދޫ އަދި ފޭދު އަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް މައްސަލަ ޖެހިގެން ކަރަންޓު ކެނޑުމަކީ އާންމުވެފައި އޮތް މައްސަލައެކެވެ. މިކަމާ ގުޅިގެން އާންމު ދިރިއުޅުމަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރާފައިވެ އެވެ.
އަދި އިއްޔެ ރެއިން ފެށިގެން ރޭގަނޑު ވެސް ކަރަންޓު ކަނޑަން ފެށުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ އޯ ލެވެލް އިމްތިހާން ކުރިއަށް ދާ ދުވަސްވަރަށް ވާއިރު، ކަރަންޓު ކަނޑާތީ ދަރިވަރުންގެ ކިޔެވުމަށް ދަތިވެފައިވާ ކަމަށް ބުނެ ގިނަ ބެލެނިވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފެނަކަ އިން ބުނެފައިވާ ގޮތުގައި ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ މަރުކަޒީ އިންޖީނުގެ އަށް ގެނެސްފައި ހުރި ދެ މެގަވޮޓްގެ ދެ އިންޖީނު އިންސްޓޯލްކޮށް ބޭނުން ކުރަން ފެށުމުންނެވެ. އެކަމަކު އެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ