ތީމުގެ އޮޑިޓް ރިޕޯޓަށް މައުމޫނު ޒިންމާވާކަށް ނުޖެހޭނެ: ގާސިމް
ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ އޮޑިޓް ރިޕޯޓުގެ އެއްވެސް ކަމަކާ ކުރީގެ ރައީސް މައުމޫނު އަބްދުލްޣައްޔޫމު ޒިންމާވެ ވަޑައިގަންވަން ޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބާރާހިމް ވިދާޅުވެއްޖެ އެވެ. ތީމުގޭގެ އޮޑިޓް ރިޕޯޓަކާ ގުޅިގެން އޭސީސީން ހިންގާ ތަހުގީގަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ރައީސް މައުމޫނާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށް އޭސީސީން މިއަދު ވަނީ އެމަނިކުފާނަށް އަންގާފަ އެވެ. އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި މިރޭ ބޭއްވި ތަރާވީހެއްގައި ބައިވެރިވަޑައިގެން ހުންނަވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ތީމުގޭ އޮޑިޓް ރިޕޯޓުގައި ރައީސް މައުމޫނު ޒިންމާވެ ވަޑައިގަންނަވަން ޖެހޭ ކަމެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ ތީމުގޭ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭނީ އެކަން ބަލަހައްޓަން ތިބި މީހުންނާ ކަމަށެވެ. "އެބޭފުޅުން ސުވާލެއް ކުރައްވަން އޮތިއްޔާ ސުވާލެއް ކުރައްވަ ފާނެ. އެކަމަކު، އެކަމުގެ ސަބަބުން އެމަނިކުފާނަށް (ރައީސް މައުމޫނަށް) ނިކަމެތި ކަމެއް ނުވަތަ އެއްވެސް ކަހަލަ ޝަރީއަތެއް އެމަނިކުފާނުގެ މައްޗަށް ހިންގަވަން ޖެހިވަޑައި ގަންނަވާނެ ކަމަށް ގަބޫލެއް ނުކުރަން" ގާސިމް ވިދާޅުވި އެވެ. ތީމުގެ އޮޑިޓް ރިޕޯޓަކީ އިހައްދުވަހު ނުކުތް އެއްޗެއް ނޫން ކަމަށާއި އެހެންކަމުން އެކަމާ ގުޅިގެން ރައީސް މައުމޫނާ ސުވާލު ކުރުމުގެ ބޭނުމެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ. ރައީސް މައުމޫނު އެއްވެސް ހިޔާނާތެއްވެފައިވާނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "ދިވެހި ރައްޔިތުން އަޅުގަނޑަކަށް ހިޔެއް ނުވޭ ގަބޫލު ކުރާނެ ހެނެއް އެމަނިކުފާނަކީ ހިޔާނާތްތެރި ވާނެ ބޭފުޅެއް ކަމަކަށް އެއްވެސް ސިފައެއްގައި،" ގާސިމް ވިދާޅުވި އެވެ. ރައީސް މައުމޫނުގެ ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިރު ވެސް ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރަން އަމުރުކޮށްފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް މައުމޫނު ބޮޑު ލާރިއެއްގައި ވެސް އެގޮތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ "ސަތޭކައަކުން ސަތޭކަން ޔަގީންކަން އޮވޭ" ކަމަށެވެ. ގާސިމް ވިދާޅުވީ މިހާރު މި ހިންގާ ތަހުގީގުތަކާ ޝަރީއަތްތަކުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާނެ "ޕްލަސްއެއް ނެތް ކަން މައިނަސްކަން ވާނީ،" އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަށް އަލި އަޅުވާލައި ގާސިމް ވިދާލުވީ ކުށެއް ކުރި ނަމަވެސް ގާނޫނުން އަދީބަށް ލިބިދޭންޖެހޭ އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭނެ ކަމަށެވެ. އެ ތަރާވީހުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްއެމް ޕީއާރުސީ ހިޔާނާތުގެ މައްސަލަ އަދީބާ ހަމައިން ނުނިމޭ ކަމަށެވެ. އެ ތަހުގީގު ފަހުގެ ތާރީހެއްގައި ހިންގާނަމަ އެކަމާ ވާހަކަ ދެއްކޭނެ ބޭފުޅަކަށް އަދީބު ވާނެ ކަމަށާއި އެހެންކަމުން "ފުރިހަމަ ސިއްހަތެއްގައި ހެޔޮހާލުގައި އަދީބު ހުންނަންޖެހޭ" ކަމަށް އިބޫ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ