ރޮހިންގާ މުސްލިމުންގެ ހައްގުގައި ތަކަންދޫ ރައްޔިތުން އަޑުއުފުލައިފި

މިޔަންމާގައި އަނިޔާލިބެމުންދާ ރޮހިންގާ މުސްލިމުންގެ ހައްގުގައި ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ރައްޔިތުން ހިނގާލުމެއް ބާއްވާ އަޑުއުފުލައިފިއެވެ.
މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ހަރާކާތަކީ ތަކަންދޫ ރަށު ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ތަކަންދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ރޮހިންގާ މުސްލިމުންގެ ހައްގުގައި އަޑުއުފުލާ، އެ ރައްޔިތުންނާއިއެކު ތަކަންދޫގެ ރައްޔިތުން ތިބިކަން އަންގައިދިނުމުގެ ގޮތުން ޝުއޫރު ލިޔެފައިވާ ބޯޑްތައް ވަނީ ބޭނުންކޮށްފައެވެ.
މި ހިނގާލުމުގެ ތެރެއިން ތަކަންދޫ ރައްޔިތުން ވަނީ ބަދަރު ސަރަހައްދަށް ޖަމާވެ ރޮހިންގާ މުސްލިމުންގެ ހައްގުގައި އަޑުއުފުލާފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މި ހަރަކާތް އިންތިޒާމް ކުުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވީ މިޔަންމާގެ ރޮހިންގާ މުސްލިމުންގެ ހައްގުގައި މިއަދު އެރަށުގައި ކުރިއަށް ގެންދެވުނު ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާކަމަށެވެ.
އަދި މިފަދަ މުހިންމު ހަރަކާތެއްގައި ގިނަ ރައްޔިތުން ބައިވެރިވެ ދައްކާފައިވާ ނަމޫނާއަށް ވަނީ ޝުކުރުއަދާކޮށްފައެވެ.
މިޔަންމާގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ތަކަންދޫގައި މިއަދު ވަނީ ފަންޑު ފޮއްޓެއްވެސް ހުޅުވާފައެވެ.
މި ފަންޑު ފޮއްޓަށް މިއަދުވެސް ގިނަ ރައްޔިތުން ވަނީ ފައިސާ ހަދިޔާކޮށްފައެވެ.
ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއާއި ހައްދުފަހަނައަޅާފައިވާ ބުޑިސްޓުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް މުޅި ރާއްޖޭގަައި ދަނީ އަޑުއުފުލަމުންނެވެ.
އަދި ގިނަ ރަށްރަށުގައި ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފައިސާ އާއި އަންނައުނު އެއްކުރުމުގެ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ