ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމް ހިސޯރުކޮށްފައިވާ މައްސަލާގައި އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިިފި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ރައީސް މައުމޫނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ޕީޕީއެމްގެ މަޖިލިސް ދެ މެންބަރުން ކަމަށްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.
މި ދެ ބޭފުޅުން ހުށަހެޅުއްވި މައްސަލާގައި ވަގުތީ އަމުރަކަށް އެދެފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް ރައީސް މައުމޫން ހުއްޓުވާފައިވާ ކަމަށް ބުނެ އެކަން އުވާލުމުގެ އަމުރަކަށެވެ. ނަމަވެސް މިއަމުރު ނެރުމަށް އެދުނުއިރު ރައީސް މައުމޫން ވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީގެ ގުނަންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ.
ޕީޕީއެމްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން އެ ކޯޓުގައި އަމަލުކުރާ އާންމު އުސޫލުން ކޯޓަށް މިމައްސަލަ ހުށަހެޅުމުން ދެ ފަރާތުން ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް މިއަދު ވަނީ މަޝްވަރާކޮށްފަ އެެވެ. ޕީޕީއެމްގެ ފަރާތުން މަޝްވަރާގައި ބައިވެރިވީ އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް އެވެ. މައްސަަލަ ހުށަހެޅި ދެ ބޭފުޅުންގެ ފަރާތުން މަޝްވަރާގައި ބައިވެރިވީ ގާނޫނީ ވަކީލް އަހްމަދު ޒަނީން އާދަމެވެ.
ކޯޓަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ގުނަންތައް ރައީސް މައުމޫނު ހުއްޓުވާފައިވާތީ އެކަމަށް ނިމުމެއް ގެނެސްދީ ޕީޕީއެމް އިސްލާހު ކުރަން ކަމަށް ވިދާޅުވެ ރައީސް މައުމޫން އިއުލާންކުރައްވާފައިވާ އިސްލާހީ އެޖެންޑާ ބާތިލްކޮށްދިނުމަށްވެސް އެދިފައިވެ އެެވެ.
މިމައްސަަލާގައި ޕީޕީއެމް އިން ކޯޓުގައި ޖަވާބުދިނުމަށް ސިވިލް ކޯޓުން ޕީޕީއެމް އޮފީހަށް ސިޓީ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ޕީޕީއެމްއާ ދެކޮޅަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ