ކަފާލާތުގެ ދަށުން ރިޔާޒު މިނިވަންކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކުރީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުން މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ރިޔާޒުގެ މައްޗަށް މިދައުވާ އުފުލީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުން އޭނާ ހިފަހެއްޓުމަށްފަހު އޭނާގެ ތަހުގީގުގައި ކޯޓު އަމުރެއްގެ ދަށުން ފޯން ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ އެވެ.
ރިޔާޒު ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިޔާޒަށް އިއްވާފައިވާ ހުކުމުގެ މުއްދަތުން ތިންމަހާއި 24 ތަންފީޒުކޮށްފައިވާ ކަމަށެވެ. އެކަމަކު މިމައްސަލަ އިސްތިއުނާފް ކުރުމުގެ ގޮތުން ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން އެ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ނިމެންދެން ކަފާލާތުގެ ދަށުން ރިޔާޒު މިނިވަންކޮށް ދިނުމަށް އެދި މިމަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ މިމަހުގެ ދެވަނަ ދުވަހު ފުލުހުން އަބްދުﷲ ރިޔާޒު ހައްޔަރުކުރުމަށްފަހު އެއްވެސް ސަބަބެއް އެންގުމެއް ނެތި 12 ދުވަހު ޖަލުގައި ގެންގުޅުމަށްފަހު 13 ވަނަ ދުވަހު ދުވަހު ތުހުމަތެއްކޮށް ފުލުހުން ތަހުގީގެއް ހިންގި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވެން އޮތް ކަމަށް ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމާފައިވާތީ އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް މިމަހުގެ 14 ވަނަ ދުވަހު ފުލުހުން އަންގާފަައިވާ ކަަމަށްވެސް ބަޔާނުގައިވެ އެވެ.
އެހެންވެ ގާނޫނާ ހިލާފަށް ރިޔާޒު ހައްޔަރުކޮށްގެން ގެންގުޅުމުގައި ފުލުހުންގެ ތެރެއިން ބައިވެރިވެފައިވާ ފަރާތްތައް ހޯދާ މައްސަލަ ތަހުގީގުކުރުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އިލްތިމާސް ކުރާ ކަމަށްވެސް މިބަޔާނުގައި ވަނީ ބުނެފަ އެވެ.
ރިޔާޒު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މައްސަލައިގެ އިތުރަށް ދައުލަތުން ވަނީ އޭނާގެ މައްޗަށް އެހެން ތިން ދައުވާއެއްވެސް އުފުލާފަ އެވެ. މީގެ ތެރޭގައި ޓެރަރިޒަމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ