ދަނގެތި ދާއިރާގެ މެމްބަރު އިލްހާމަށް ބަޔަކު ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހްމަދަށް ބަޔަކު ހަމަލާދީފި އެވެ. މަންޒަރު ދުށް މީހަކު ބުނީ މިއަދު ހެނދުނު 10:40 އެހާކަންހާއިރު އިލްހާމް އޭނާގެ ތިން އަހަރުގެ ދަރިފުޅު ގޮވައިގެން ސައިކަލްގައި މާފަންނު ފަލާހު ޕްރީސްކޫލް ކައިރިން ވަޑައިގަންނަވަނިކޮށް ބަޔަކު ގޮސް އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅުގެ ގައިގައި އަތްލައި ހަމަލާދީފައިވާ ކަމަށެވެ. އޭނާ ބުނީ އެވަގުތު އިލްހާމްގެ ދެ ކޮއްކޮ ވެސް އެތަނުގައި ތިބި ކަމަށާއި އެމީހުންނަށް ވެސް ހަމަލާދިން ކަމަށެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް ބޭފުޅަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ. "އެ ހަމަނުޖެހުމުގައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ހިނގި،" އޭނާ ބުންޏެވެ. އެކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާތީ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އިލްހާމް މިއަދު ސަން އަށް ވިދާޅުވީ އެ އަމަލު ހިންގި މީހުން އޭނާގެ ދަރިފުޅުގެ ގައިގައި އަތްލައި އަދި ދަރިފުޅުގެ ކުރިމަތީގައި އެފަދަ އަމަލެއް ހިންގީތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފުލުހުންނަށް ދޭން ޖެހޭ މައުލޫމާތުތައް މިހާރު ވަނީ ދީފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ