ކުދިކުދި ލުއިތަކާއެކު ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ބަދަލުކޮށްފި

މާލެ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ބަދަލުކޮށްފިއެވެ.
ކޮވިޑް-19 އަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅޭގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، މާދަމާއިން ފެށިގެން ކާފިއު ވަގުތު 4 އިން 4 އަށް ބަދަލު ކޮށްފައިވާ ކަމަށާއި، ފަތިހު 4:00 އިން ހެނދުނު 8:00 އަށް ހަމައެކަނި ކަސްރަތު ކުރަން ހުއްދައަކާ ނުލާ ބޭރުގައި އުޅެވޭނެ ކަމަށެވެ.
އެހެންނަމަވެސް ހެނދުނު 8:00 ފެށިގެން ހަވީރު 16:00 ގައި ބޭރުގައި އުޅެވޭނީ މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް ހައުސްހޯލްޑް ޕާމިޓްއާއި އެކުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އަދި ކެފޭ/ރެސްޓޯރަންޓްތަކުން އަދިވެސް އަމަލުކުރަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށާއި އެގޮތުން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ފިހާރަތަކާއި ކެފޭތަކަށް ގޮސް ވިޔަފާރިއާއި ޓޭކް އަވޭގެ ޚިދުމަތް ހޯދިކަމުގައިވިޔަސް ހަވީރު 4:00 އިން ފެށިގެން އެތަންތަނުން ހަމައެކަނި ފޯރުކޮށްދެވޭނީ ޑެލިވަރީގެ ޚިދުމަތް އެކަނި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެއިތުރުން މާލޭގެ މިސްކިތްތަކުގައި ޖަމާއަތް ނުހެދިކަމުގައި ވިޔަސް، މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައިވެސް އެކަނިގޮސް ނަމާދުކުރެވޭނެ ގޮތަށް ހުޅުވާލެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ކުރިއެކޭ އެއްފަދައިން އަދިވެސް ބަންދުވާނެ ކަމަށާއި އަދި ސެލޫންތަކާއި، ބޯކޮށާ ތަންތަނަށް ވަރަށް އަވަަހަށް ގައިޑްލައިނެއް އަލުން ތައްޔާރު ކުރައްވާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
އެ ގައިޑްލައިނާއެކު ސާވިސް ޕްލޭނެއް ހުށަހެޅުމުން އެޗްޕީއޭއިން އެ ޕްލޭން ބެލުމަށްފަހު އެތަން އިންސްޕެކްޓްކޮށް ވަކިވަކި އެޕޮއިންޓްމަންޓްދޭ އުސޫލުން އެތަންތަނުން ޚިދުމަތް ލިބޭގޮތަށް ކާފިއު ނޫން ގަޑިތަކަށް ހުއްދަ ދޭނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިމަސައްކަތްތައް ކުރިއަށް އޮތް ދެހަފްތާގައި ކުރިއަށްދާނެ ކަމަށްވެސް ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ