ވަގުތު ފާއިތު ނުވަނީސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.
މައުމޫން މިފަދައިން ގޮވާލެއްވީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިއޮތް ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކަށް ލުއި ދިނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދަނީ ސަމަލުވާންޖެހޭ މިންވަރަށް ކަމަށެވެ. އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން އިތުރު ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް މައުމޫން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައި އޮތް ގިނަ ފިޔަވަޅުތަކަކަށް ވަނީ ލުއި ދީފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ހިންގާފައިވާ ކާފިއު ވަނީ އުވާލަފައެވެ. މިއާއެކު މީގެ ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ވަނީ ލުއި ދީފައެވެ.
އެޗްޕީއޭއިން މި ލުއިތައް ދޭން ނިންމާފައިވަނީ ރާއްޖެއިން ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދުވެސް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރާއްޖޭގެ އެންމެ ފަހުގެ ހާލަތަށް ބަލާއިރުވެސް 300 މީހުން ވަނީ ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައެވެ. މި މީހުންގެ ތެރެއިން 94 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވަނީ 98 މީހުންނެވެ. 15 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 95 މީހުން ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށްތަކަށެވެ.
މިހާރު ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތަކުގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެންނަމުންދަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ފާހަގަކުރެވޭ ރަށްރަށް މޮނިޓަރިންނަށް ލަމުންގެންދާއިރު، މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަކީ ދ.ކުޑަހުވަދޫ، ރ.އުނގޫފާރު، ދ.މީދޫ، ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ރ.މަޑުއްވަރި، ރ.ހުޅުދުއްފާރު، ޅ.ފެލިވަރު، ޅ،ހިންނަވަރު، ރ.އަލިފުށި، ގދ.ތިނަދޫ، ޅ.އޮޅުވެލިފުށި، ނ.ހުޅުދޫ އަދި ރ.މާކުރަތެވެ.
ވަގުތު ފާއިތުނުވަނީސް ފިޔަވަޅުތައް ވަރުގަދަކުރައްވާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ