ފަލަސްތީނާ މެދު ހަނު ހުރުމުން ތަރީންވެސް ޓޭލާއާ ދެކޮޅު

އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހަނުހުރުމުގެ ސަބަބުން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ސަޕޯޓު ކުރާ ބައެއް ތަރީންވެސް އޭނާއަށް ފާޑު ކިޔަން ފަށައިފިއެވެ. ޓޭލާ ސްވިފްޓަކީ މި ވަގުތު މިއުޒިކް އިންޑަސްޓްރީގައި ހުރި އެންމެ ނުފޫޒު ގަދަ އެއް ފަންނާނެވެ. ޓޭލާގެ އެންމެ ބަހަކުން އަދި އެންމެ އަމަލަކުން ދުނިޔޭގެ އަދި ޚާއްސަކޮށް އެމެރިކާގެ ސިޔާސަތުތަކަށް ވެސް ބަދަލު އަންނަ ތަން ވަނީ ފެނިގެން ގޮސްފައެވެ. އެންމެ ފަހުން އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެކަން ސާބިތު ވެގެން ދިޔައެވެ. ޓޭލާ އެންމެ ފަހަރަކު ވޯޓުލާން ދާން ގޮވާލުމުން އެތައް ލައްކަ ޒުވާން ފޭނުންތަކެއް އިންތިޚާބުގައި ވޯޓުލާން ބައިވެރިވިއެވެ. މިހާ ނުފޫޒުގަދަ ތަރިއަކު މިފަދަ ދަނޑިވަޅެއްގައި އެއްވެސް އެއްޗެއް ބުނެފައި ނެތުމުން މީގެ އަހަރެއް ކުރީން ބައެއް ފޭނުންވެސް ވަނީ އޭނާ އާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެތައް ބަޔަކު ޓޭލާގެ ބަހެއް ބުނަންދެއް ތިބި ނަމަވެސް މިއަދާ ހަމައަށްވެސް މި މައްސަލައިގައި އޭނާ ހުރީ ހަނެވެ. އެންމެފަހުން ބައެއް ތަރީންވެސް އޭނާ އާ ދެކޮޅަށް ވާހަކަ ދައްކަން ފަށާފައިވެއެވެ. މީގެ ތެރޭގައި "ގޭމް އޮފް ތުރޯންސް"ގެ އެކްޓަރު ލިއަމް ކަނިންހަމް އާއި ލަވަކިޔުންތެރިޔާ ކެލާނީ އާއި އެކްޓަރު ސުސަން ސްޓްރެންޑަން ހިމެނެއެވެ. މަޝްހޫރު ޔޫޓިއުބަރު ހަސަން ޕައިކާވެސް އޭނާ އަށް ފާޑު ކިޔާފައިވާއިރު ބުނެފައިވަނީ މިހާ ދުވަސް ވެފައިވާއިރު ވެސް އެކަމަށް ވާހަކަ ނުދައްކާފައިވަނީ ޓޭލާ އަށް އެއިން ފައިދާއެއް ނުވާނެތީކަމަށެވެ. ޓޭލާ ސްވިފްޓް ވަނީ ދާދިފަހުން ޕޮޑްކާސްޓެއްގައި އޭނާގެ 12 ވަނަ އަލްބަމް އިއުލާނު ކޮށްފައެވެ. ކުޑަ ދުވަސްކޮޅެއްގައި ތައްޔާރުކޮށްފައިވާ އަލްބަމް އޮކްޓޯބަރަށް ނެރޭއިރު އެ ދަނޑިވަޅުގައިވެސް އެއްވެސް އިތުުރު ކަމަކަށް އޭނާ އަލި އަޅުވާލާފައި ނުވުމަކީ ފޭނުން އެކަމާ ވިސްނާލަން ޖެހޭ ކަމެއް ކަމަށް ތަރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ