މުހައްމަދަށް ލިބުނީ ދޮންދަރިއަކަށް ނުވާ "ދޮން" ދަރިއެއް!

އުމުރުން 40 އަހަރުގެ މުހައްމަދު ސައީދަކީ އޭނާގެ ރަށް އއ. ރަސްދޫގައި މަސްވެރިއެކެވެ. ތާހިރު ދިރިއުޅުމެއް އުޅޭ އާދައިގެ މީހެކެވެ. އޭނާ އުފަން ހަތަރު ކުދިން ތިބެ އެވެ. އޭނާ ދިރިއުޅެމުން ދަނީ އޭނާގެ ފުރަތަމަ ކައިވެނިމަތީ ކުދީންގެ މަންމައާއެކު ރަސްދޫގެ މިނިވަން މާހައުލުގައި ވަރަށް އުފަލުގަ އެވެ. ހެޔޮވަރު އާއިލާ އުފަލުގައި ތިބުނުން މުހައްމަދަށް އޮތް އުފާ ބޮޑު އިރު އެހެން އުފަލެއް ވެސް އޭނާއަށް އޮވެ އެވެ. އެއީ އޭނާގެ ޒުވާން އުމުރުގައި ދޮންދަރިއަކަށް ނުވާ އެކަމަކު "ދޮން" ދަރިޔަކު އޭނާއަށް ލިބިފައިވާތީ އޮތް ބުނެދޭން ނޭނގޭ އުފަލެކެވެ.
ޖަރުމަނުގެ މެދުފަންތީގެ ދެމެފިރިއަކާއި އެމީހުންގެ ކުޑަ ދަރިފުޅާ މުހައްމަދާ ބައްދަލުވަނީ މީގެ 16 އަހަރު ކުރީން ވެލިދޫ އައިލެންޑް ރިސޯޓުންނެވެ. އޭރު މުހައްމަދަށް 26 އަހަރެވެ. ޖަރުމަނު ދެމަފިރިންގެ ތުއްތު ދަރިފުޅު، ސުބޭޝަން އަށް ދެ އަހަރެވެ. ޖަރުމަނުގެ އެ ދެމަފިރިން ރިސޯޓްގައި ޗުއްޓީ ހޭދަ ކުރި އިރު ދަރިފުޅު ހަވާލު ކޮށްލަން އެ ދެމަފިރިންނަށް އެންމެ އިތުބާރު ކުރެވުނު މީހަކަށްވީ މުހައްމަދެވެ. އެހެންވެ ރިސޯޓުގައި މުހައްމަދު ވީ ކުޑަކުޑަ ސުބޭޝަންގެ ދެވަނަ "ބައްޕަ" އަށެވެ.
މުހައްމަދު ބުނާ ގޮތުގައި އެއާއިލާގެ ފުރަތަމަ ދަތުރުގައި ބައްދަލުވުމަށް ފަހު އުފެދުނު ގާތްކަން، ގަވައިދުން އެ ރިސޯޓަށް އެ އާއިލާ ކުރަމުން އައި ރިޕީޓް ދަތުރުތަކުގައި ދެގޮތެއް ނުވެ ބޭއްވި އެވެ. އަދި އޭނާ އާއި ކުޑަކުޑަ ސްބޭޝަންނާއާ ދެމެދު ވަރަށް ގާތް "އާއިލީ" ގުޅުމެއް އުފެދެމުން ވެސް ދިޔައެވެ. ލޭގެ ގުޅުމެެއް ނެތް އެކަމަކު އާއިލީ އެ ގުޅުމުގައި ސުބޭޝަން އަށް ވެސް މުހައްމަދަކީ "ބައްޕަ" އެކެވެ.
ދުވަސް ބަދަލުވެ، މުހައްމަދުގެ ދިރިއުޅުން ރަށަށް ބަދަލުވުމުން އޭނާއަށް ޖަރުމަނުގެ އާއިލާ ގެއްލުނެވެ؛ އެހެން ނަމަވެސް އަހަރުތަކަކަށް ފަހު ޖަރުމަނުގެ އެ އާއިލާއިން ވަނީ ހުރި ތަނަކުން މުހައްމަދު ހޯދުމުގެ މަސައްކަތްކޮށް އެ މީހުންގެ ދަރިފުޅާއި މުހައްމަދު ދެމެދު އޮތް ލޯބި މުޅި ދުނިޔައަށް ދައްކާލާފަ އެވެ.
ސުބޭޝަންނާއި އޭނާގެ މަންމަ އާއި ބައްޕަ އަށް މުހައްމަދު ގެއްލިފައި ވުމުން ބައްދަލުވާނެ ގޮތެއް ހޯދާން އެ ވާހަކަ ދޫކޮށްލީ ފޭސްބުކް ތެރެއަށެވެ. އެ ހިސާބަށް ދިޔައީ މުހައްމަދުގެ އުނގުތެރެއިން ބޮޑުވެގެން އައި ސުބޭޝަން އަށް 18 އަހަރު ފުރޭތީ ބާއްވާ ހާއްސަ ޕާޓީގައި ހާއްސަ މެހުމާނެއްގެ ގޮތުން ކޮންމެހެން ވެސް މުހައްމަދު ހުންނަން އެ އާއިލާ ބޭނުންވާތީ އެވެ. އެއަށްވުރެ ބޮޑު އުފަލެއް ދަރިފުޅަށް ހޯދައި ނުދެވޭނެ ކަމަށް ބަލައިގެނެވެ.
ސްބޭޝިއަނާ އާއި އާއިލާ އިން ވަނީ ފޭސްބުކް މެދުވެރިކޮށް އަތްފުނާއާޅައި އެކުވެރި "ބައްޕަ"، މުހައްމަދު ހޯދާފަ އެވެ. އެވާހަކަ ސޯޝަލް މީޑިއާގެ ވާހަކައަށްވެފައި ވާއިރު މީގެ 16 އަހަރު ކުރިން އުފެދުނު އެ ހާއްސަ ގުޅުމާއި އެ ގުޅުމުގެ ބައެއް ހަނދާންތަކެއް މުހައްމަދު ވަނީ އަވަސްއާ ހިއްސާކޮށްފަ އެވެ.
އޭނާގެ މައިންބަފައިން ރިސޯޓަށް ޗުއްޓީއަށް ގޮސް އުޅޭއިރު އެއީ ޑައިވިން ކުރަން ވަރަށް ޝައުގު ހުންނަ އަދި އެކަމުގައި ގިނަ ވަގުތު ހޭދަކުރާ ބައެއް. އެ މީހުން ޑައިވް ކުރަން ދާއިރު ސްބޭޝަން ބެލެހެއްޓުމުގެ ހުރިހާ ކަމެއް އޮންނަނީ އަޅުގަނޑަށް، ފަހުން އެ ރިސޯޓަށް އަންނަ ކޮންމެ ފަހަރަކު ވެސް ސްބޭޝަން ހަވާލު ކުރަނީ އަޅުގަނޑާ،
މުހައްމަދު ސައީދު | ރަސްދޫ
މުހައްމަދު ބުނި ގޮތުގައި ޒުވާން އުމުރުގައި އޭނާ މަސައްކަތް ކުރީ ވެލިދޫ ރިސޯޓުގެ ރެސްޓޯރެންޓް ވޭޓަރަކަށެވެ. އޭނާއާ ސްބޭޝަން ބައްދަލުވީ ސުބޭޝަން އަށް ދެ އަހަރުގައި ރިސޯޓުންނެވެ.
"އޭނާގެ މައިންބަފައިން ރިސޯޓަށް ޗުއްޓީއަށް ގޮސް އުޅޭއިރު އެއީ ޑައިވިން ކުރަން ވަރަށް ޝައުގު ހުންނަ އަދި އެކަމުގައި ގިނަ ވަގުތު ހޭދަކުރާ ބައެއް" ހަނދާންތައް އާ ކުރަމުން މުހައްމަދު ބުންޏެވެ. "އެ މީހުން ޑައިވް ކުރަން ދާއިރު ސްބޭޝަން ބެލެހެއްޓުމުގެ ހުރިހާ ކަމެއް އޮންނަނީ އަޅުގަނޑަށް، ފަހުން އެ ރިސޯޓަށް އަންނަ ކޮންމެ ފަހަރަކު ވެސް ސްބޭޝަން ހަވާލު ކުރަނީ އަޅުގަނޑާ."
މުހައްމަދު ބުނި ގޮތުގައި ޖަރުމަނު ދެމަފިރުން އޭނާއަށް ކުޑަކުޑަ ސްބޭޝަންގެ ހަވާލު ކޮށްފައި މޫދަށާއި ބީޗަށް އުފާން ކުރާން ގޮސް އުޅުނީ އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކޮށްފަ އެވެ. އެނާ ވެސް ސުބޭޝަންނާ ބަލައި ދިނީ އަމިއްލަ ދަރިއަކު ބަލާ ފަދައިން ވަރަށް ލޯބިންނެވެ.
"ރިސޯޓުގައި މަސަައްކަތް ކުރި ދުވަސްވަރު ސްބޭޝަންގެ އާއިލާ އިން ޖެހިޖެހިގެން ހަތަރު އަހަރު ވަންދެން އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި، އެހެންވެ ސްބޭޝަން އެކުގައި ގިނަ ވަގުތު ހޭދަކުރަން ވަރަށް ގިނަ ފުރުސަތު ލިބުނު... އެ އާއިލާއަކީ ވަރަށް ރަނގަޅު އާއިލާއެއް... އޭރު އަޅުގަނޑުގެ ވެސް ހުންނާނެ ސްބޭޝަންގެ އުމުރުގެ ދަރިއެއް، އަޅުގަނޑުގެ ކުދިންނަށް [އެ އާއިލާއިން] ހަދިޔާވެސް ގެނެސްދޭ،" މުހައްމަދު ބުންޏެވެ.
އުފާވެރި އެ ދުވަސްތައް ނިމިގެން ދިޔައީ ގާތްގަނޑަކަށް ހައެއްކަ އަހަރު އެކުގައި އުޅުމަށްފަހު އެވެ. އޭގެ ފަހުން ރިސޯޓް ވަޒީފާ ދޫކޮށްލައި މުހައްމަދުގެ މިހާރު މަސައްކަތަކީ މަސްވެރިކަމެވެ. އޭނާގެ ވަގުތުތައް އޮންނަނީ މަސް ދޯނީގައި ކަނޑުމަތީގަ އެވެ.
މުހައަމަދު ބުނި ގޮތުގައި ރިސޯޓު ވަޒީފާ އިން ވަކިވި ފަހުން ސްބޭޝަންގެ އާއިލާ ބައްދަލު ނުވެ އަހަރުތަކެއް ވުމުގެ އިތުރުން އެ އާއިލާ ފަހުން ރާއްޖެ އައުމުން ވެސް ބައްދަލުވާ ގޮތެއް ނުވެ އެވެ.
ސުބޭޝަން އާއި ސައީދު ވީޑިއޯ ކޯލެއްގައި
"އަޅުގަނޑާ ބައްދަލު ނުވުމުން ރާއްޖެ އައުމުގެ ޝައުގުވެރިކަން އެ އާއިލާ ވެސް ވަރަށް ބޮޑަށް ކުޑަވި ކަމަށް ސްބޭޝަންގެ އާއިލައިން ފަހުން ބުނި. އަދި ފަހުން އަޅުގަނޑު ހޯދަން މަސައްކަތް ފެށީ... އެގޮތަށް ހޯދަން މަސައްކަތް ކުރުމުން އެކަމާ އަޅުގަނޑު ރުޅި އަތުވެދާނެތީވެ ސްބޭޝަންގެ އާއިލާ އިން ފުރަތަމަ ޖެހިލުންވެސް ވި ... ނަމަވެސް ސްބޭޝަންގެ 18 ވަނަ އުފަން ދުވަސް އަޅުގަނޑާ އެކުގައި ފާހަގަ ކުރަން ބޭނުންވާތީ ފޭސްބުކްގައި ޕޯސްޓެއް ޖެހީ،" އޭނާ ބުންޏެވެ.
ސްބޭޝަންގެ އާއިލާއިން އެ އާއިލާގެ "ދިވެހި މެންބަރު" ހޯދަން ކުރި މަސައްކަތުން މިހާރު ވަނީ އަލުން ބައްދަލުވެ އިމޯޝަންތައް ބަންޑުންކޮށްލާފަ އެވެ.
ސައީދު އާއި އޭނާގެ އާއިލާ
"އެއީ ވަރަށް އުފާވެރި ވަގުތުކޮޅެއް، އެ އާއިލާގެ އެންމެނަށް ވެސް ތިބީ ރޮވިފައި،" އެ ފެނިލުން މުހައްމަދު ސިފަ ކުރި އެވެ.
މުހައްމަދު ބުނި ގޮތުގައި އޭނާގެ "ދޮން" ދަރިފުޅު ކައިރީގައި ވަގުތު ހޭދަކޮށް އޭނާގެ އުފަން ދުވަހުގެ ޕާޓީގައި ބައިވެރިވާން އޭނާ ޔޫރަޕަށް ދާކަށް ނުުޖެހޭނެ އެވެ. ޖަރުމަނުން ދަތުރު ހަދައިގެން އެ އާއިލާ އަންނާނީ ސީދާ ރަސްދުއަށް މުހައްމަދުގެ އާއިގެ އާއިލާގެ ތެރެއަށެވެ. ސުބޭޝަން އަންނާނީ މުހައްމަދުގެ ހިމާޔަތުގެ އުނގަށެވެ. އަދި އެ ދުވަސް މުހައްމަދަށާއި އޭނާގެ އާއިލާ އަށް އަދި ސުބޭޝަން އާއި އޭނަގެ އާއިލާ އަށް ދުވަހަކުވެސް ނުނިމޭ، އަދި އިރު ނޯއްސޭނެ ހަވީރު ފިންޏަކަށް ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ